ރަޝިޔާގެ ޑްރޯންއަކުން ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް ގެ މައި މަރުކަޒަށް ސީދާ ހަމަލާއެއް ދީފި
4 ސެޕްޓެމްބަރު 2026 | ހުކުރު 16:33ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްގެ މައި މަރުކަޒަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި 12 މީހަކު ޒަޚަމްވެފައިވާއިރު، މިއީ ހަނގުރާމައިގެ ތެރޭގައި އެ އިމާރާތަށް ސީދާ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު. މި ހަމަލާއާ ގުޅިގެން ރައީސް ޒެލެންސްކީ ވަނީ ރަޝިޔާއަށް ވަރުގަދަ ރައްދެއް ދިނުމަށް އަންގަވާފައި. މި ހަމަލާއާއެކު ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމަށް ހުރި ގޮންޖެހުންތައް ވަނީ އިތުރަށް ހާމަވެފައި

ޔޫކްރޭންގެ ސަލާމަތީ ޚިދުމަތް، އެސް.ބީ.ޔޫގެ ކިއީވްގައި ހުންނަ މައި މަރުކަޒަށް ރަޝިޔާގެ ޑްރޯން ހަމަލާއެއް އަމާޒުވެފައި | އެކްސް
ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ހާމަވެގެންދިޔަ ހަމަލާއެއްގައި، ރަޝިޔާގެ ޑްރޯންއަކުން އެ ގައުމުގެ ސެކިއުރިޓީ ސާވިސް (އެސް.ބީ.ޔޫ) ގެ މައި މަރުކަޒަށް ހުކުރު ދުވަހު ސީދާ ހަމަލާއެއް ދީފި އެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ސަރުކާރުގެ މުހިންމު އިމާރާތަކަށް މިފަދަ ސީދާ ހަމަލާއެއް އަމާޒުވި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
ހަތަރު އަހަރާއި ބައިވީ މި ހަނގުރާމައިގައި، ކީވްގައި ހުންނަ އެސް.ބީ.ޔޫގެ މައި އިމާރާތަށް ހަމަލާއެއް އަމާޒުވި މިއީ ފުރަތަމަ ފަހަރެވެ. ދުވާލުގެ ވަގުތުގައި ދިން މި ހަމަލާ އައީ، ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް މެދުނުކެނޑި ވައިގެ ހަމަލާތައް ދެމުންދާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
އިމާރާތައް މިސައިލް އަރާ މަންޒަރު
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ހަމަލާގައި 12 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ކަމާގުޅޭ ކުއްލި ޚިދުމަތްތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޔޫކްރެއިންގެ ރައީސް ވުލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، އެ ޑްރޯން އަމާޒުކޮށްފައިވަނީ އެ އިމާރާތުގައި ހުންނަ އެސް.ބީ.ޔޫގެ ވެރިޔާ އޮލެކްސަންޑަރ ޕޮކްލާޑްގެ އޮފީހަށް ކަމަށެވެ. ނަމަވެސް، މި ހަމަލާގައި ޕޮކްލާޑަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި އޭނާ ހުންނެވީ ސަލާމަތުން ކަމަށް އެސް.ބީ.ޔޫއިން ފަހުން ކަށަވަރުކޮށްދީފައިވެ އެވެ.
"މިކަމަށް އެކަށީގެންވާ ވަރުގަދަ ރައްދު ހަމަލާއެއް ދިނުމަށް އަޅުގަނޑު ޕޮކްލާޑަށް އަންގައިފިން. އަދި ހުރިހާ ކަމެއް ތައްޔާރުވުމުން، ރަޝިޔާއިން ދިން މި ހަމަލާއާ އެއްވަރުގެ ރައްދެއް ދިނުމަށް ވަނީ އިރުޝާދު ދީފައި. އަޅުގަނޑުމެންގެ އަސްކަރިއްޔާއިން މި ރައްދު ހަމަލާގައި އެހީތެރިވާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ވޭތުވެދިޔަ އަށް ދުވަހު ކީވްއަށް މެދުނުކެނޑި ހަމަލާތައް އަމާޒުވެފައިވާއިރު، ސިޓީގެ މެދުތެރޭގައި ހުރި އިމާރާތްތަކުގެ އިތުރުން، ރަށްބޭރު ސަރަހައްދުތަކުގައި ހުރި ގުދަންތަކާއި ފެކްޓްރީތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. މީގެ ތެރޭގައި ކޯކާ-ކޯލާ އުފައްދާ ފެކްޓްރީއެއް ވެސް ހިމެނެ އެވެ.
މިދިޔަ މަހުން ފެށިގެން މެދުނުކެނޑި ދެމުންދާ މި ހަމަލާތަކުގައި، ކީވް ސިޓީއާއި އެ ސަރަހައްދުގެ އެކި ހިސާބުތަކުން މަދުވެގެން 53 މީހުން މަރުވެ، 134 މީހުން ވަނީ ޒަޚަމްވެފަ އެވެ.
އެސް.ބީ.ޔޫއަށް ދިން މި ހަމަލާއަކީ ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. އަދި މިއީ ރަޝިޔާގެ ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ އިންޓަރސެޕްޓަރ މިސައިލްތައް މަދުވުމުގެ ސަބަބުން، ޔޫކްރެއިންގެ މުހިންމު ބިނާތައް ދިފާއުކުރުމަށް އެ ގައުމަށް ނުކުޅެދިފައިވާކަމުގެ ހެއްކެކެވެ.
ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިން ގިނަ ހަމަލާތަކަކީ ޖެޓް އިންޖީނު އެޅި ޑްރޯންތައް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެކެވެ.
ގަޑިއަކު 500 ކިލޯމީޓަރު (310 މޭލު) ބާރުމިނުގައި ދަތުރުކުރާ މި ޑްރޯންތަކަކީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލައިގެން ދަތުރުކުރުގެ ގާބިލުކަން ލިބިފައިވާ އެއްޗެއްސެވެ. މީގެ އިތުރުން، މި ޑްރޯންތަކުގެ ބާރުމިނުގެ ސަބަބުން ޔޫކްރެއިންގެ މޯބައިލް ފަޔަރ ގްރޫޕްތަކަށް މީގެ ހަމަލާތައް ހުއްޓުވުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން، މިފަދަ ޑްރޯންތައް ވައްޓާލެވެން އޮތް ހަމައެކަނި ގޮތަކީ ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލް ނުވަތަ ފައިޓަރ ޖެޓް ބޭނުންކުރުމެވެ. ނަމަވެސް ޔޫކްރެއިންގައި މި ދެ ވަސީލަތް ވެސް ހުރީ ވަރަށް މަދުންނެވެ.
ހަނގުރާމަ ފެށުނީއްސުރެ ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ސަރުކާރުގެ އިމާރާތްތަކަށް އަމާޒުކޮށް ކީވްއަށް މެދުނުކެނޑި ވައިގެ ހަމަލާތައް ދެމުންނެވެ. މީގެ ކުރިން ވެސް ބައެއް އިމާރާތްތަކަށް ހަމަލާ އަމާޒުވެފައިވީ ނަމަވެސް، ދުވާލުގެ ވަގުތެއްގައި މިހާ މުހިންމު އަމާޒަކަށް ހަމަލާއެއް ދެވިފައެއް ނުވެ އެވެ.
ޔޫކްރެއިންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބީހާ ވިދާޅުވީ، މި ހަމަލާއަށް ވަރުގަދަ ރައްދެއް ދޭންޖެހޭ ކަމަށެވެ.
"ސުލްހައަށް އަލުން މަސައްކަތްތަކެއް ފެށިފައިވާ ދަނޑިވަޅެއްގައި މޮސްކޯއިން މި ހަމަލާ ދިނުމުން ހާމަވަނީ، އެ ގައުމުން ޑިޕްލޮމެސީއަށް ނޫނެކޭ ބުނާ މިންވަރު،" އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ ކުރިއަށް އޮތް ދުވަސްތަކުގައި މޮސްކޯއަށާއި ކީވްއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ސިބީހާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ބައިވެރިން މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޕުޓިންގެ ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރުމަށް ގޮވާލާ ކަމަށެވެ.
އެސް.ބީ.ޔޫ އަކީ އެމެރިކާގެ އެފް.ބީ.އައި ނުވަތަ އިނގިރޭސިވިލާތުގެ އެމް.އައި.5 ފަދަ، ޔޫކްރެއިންގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާ އެވެ. އެ އިދާރާއިން ކުރާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޔޫކްރެއިންގެ ބިމުގައި ރަޝިޔާއިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުން ހިމެނެ އެވެ.
މި އިދާރާގެ އިމާރާތް ހުންނަނީ ކީވްގެ ތާރީޚީ މަރުކަޒުގައެވެ. އެއީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ސެއިންޓް ސޯފިއާ ކެތީޑްރަލްގެ ކުރިމަތީގަ އެވެ. އަދި އެ ސަރަހައްދުގެ މަޝްހޫރު ބިނާތައް ކަމަށްވާ ގޯލްޑަން ގޭޓް އަދި ނޭޝަނަލް އޮޕެރާއާ ވެސް ވަރަށް ކައިރީގަ އެވެ.










