ޒެލެންސްކީ: ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ
7 ސެޕްޓެމްބަރު 2026 | ހޯމަ 01:42އެމެރިކާގެ މަންދޫބުން ރަޝިޔާ އާއި ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކުރައްވައިފި. މި މަޝްވަރާތަކާ ގުޅިގެން ދެ ގައުމުގެ ވެރިރަށަށް ދޭ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށްޓަކައި އިތުރު މަޝްވަރާތަކާއި ދިފާއީ އެހީތެރިކަން ބޭނުންވާކަމަށް ރައީސް ޒެލެންސްކީ ފާހަގަކުރެއްވި
ޔޫކްރެއިންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވަން ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ، ޔޫކްރެއިންގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި | ސްކްރީން އިމޭޖް
ޔޫކްރެއިންގެ ވެރިރަށް ކީވްގައި ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ރަޝިޔާއާއެކު ކުރަމުންދާ ހަނގުރާމަ މި އަންނަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ހަނގުރާމަ ފެށިފަހުން ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ ޔޫކްރެއިނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ބޭއްވި މި މަޝްވަރާތައް ނިމިގެންދިޔައީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭ ބޮޑު ކުރިއެރުމެއް ލިބުނުކަން އިއުލާނު ކުރުމެއް ނެތި އެވެ. މި ދެ ބޭފުޅުން ކީވްއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިން ވަނީ މޮސްކޯގައި ރަޝިޔާގެ ރައީސް ވުލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.
ކީވްގައި ބޭއްވުނު ބައްދަލުވުންތަކަކީ "މާނަހުރި" އަދި މުހިންމު މަޝްވަރާތަކެއް ކަމަށް ސިފަކުރައްވަމުން، އެ މަޝްވަރާތަކުން އުންމީދެއް ލިބިވަޑައިގެންފައިވާ ކަމަށް ވިޓްކޮފް ވިދާޅުވި އެވެ.
ޒެލެންސްކީ ބާރުއަޅުއްވައި ވިދާޅުވީ، އޭނާ ބޭނުންފުޅުވަނީ ރަޝިޔާއިން އަލުން އުދުވާނެއް ފެށުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ފަދަ އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް ކަމަށެވެ.
އާދީއްތަ ދުވަހު ބަންދު މާހައުލެއްގައި އެތައް ގަޑިއިރަކަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޔޫކްރެއިން، ޔޫރަޕް އަދި އެމެރިކާގެ އޮފިޝަލުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން ރަޝިޔާ، އެމެރިކާ އަދި ޔޫކްރެއިން ބައިވެރިވާ ތިންފަރާތުގެ ބައްދަލުވުމަކަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"މިކަމުގައި ރަނގަޅު ހައްލެއް ލިބޭނެ ކަމުގެ އިތުބާރު އެބައޮތް،" ހޮނިހިރު ދުވަހު މޮސްކޯގައި ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ވިޓްކޮފް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މޮސްކޯގައި ބޭއްވި މަޝްވަރާތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
މޮސްކޯގައި ބޭއްވި މަޝްވަރާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ކުޝްނަރ ވިދާޅުވީ، އެމެރިކާގެ ޓީމުން މިހާތަނަށް ކާމިޔާބު ނުވެފައިވާ ހިޔާލުތަކާ މެދު މަޝްވަރާކޮށް، "ދެމެހެއްޓެނިވި ސުލްހައަކަށް" ބޭނުންވާ ކަންކަމާ މެދު ވިސްނާފައިވާ ކަމަށެވެ.
"އެއީ ވަރަށް ރަނގަޅު މަޝްވަރާތަކެއް. އޭނާ (ޕޫޓިން) ގިނަ ސުވާލުތަކެއް ކުރެއްވި، އަދި އަޅުގަނޑުމެން ވެސް ގިނަ ސުވާލުތަކެއް ކުރިން،" ކުޝްނަރ ވިދާޅުވި އެވެ.
ވިޓްކޮފް ވިދާޅުވީ ކީވްއަށް ދިއުމުގެ ކުރިން ރަޝިޔާގެ ލީޑަރާ ބައްދަލުކުރީ، އޭނާ ހުންނެވި ގޮތް (ވިސްނުން ހުރި ގޮތް) އޮޅުންފިލުވަން ބޭނުންވާތީ ކަމަށެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަން އޮތް ގޮތަށް ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނަމަ، ޔޫކްރެއިނަށް ވައިގެ ދިފާއީ ނިޒާމުތަކާއި ހަކަތައިގެ އެހީތެރިކަން ބޭނުންވާނެ އެވެ.
ރަޝިޔާގެ ބެލިސްޓިކް މިސައިލްތަކާ ދެކޮޅަށް ޔޫކްރެއިނުން ބޭނުންކުރަނީ އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއަޓް އިންޓަރސެޕްޓަރުތަކެވެ. ނަމަވެސް، އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަތުގައި ހުރި މިފަދަ ހަތިޔާރުގެ ރަސްމީ ރިޒާވް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރަޝިޔާއިން ފިނިމޫސުމާ ދިމާކޮށް ބޮޑަށް ހަމަލާދީފައިވަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗަރތަކަށެވެ.
ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން އަމިއްލަ އެންޓި-ބެލިސްޓިކް ނިޒާމެއް އުފައްދަން ޖެހޭ ކަމަށެވެ. ނަމަވެސް އަންނަ އަހަރު އެމެރިކާއިން މިފަދަ ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރާނެ ކަމަށާއި، ޔޫކްރެއިނުން އެކަމަށް އުންމީދުކުރާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ. އެމެރިކާގެ މަންދޫބުން ކީވްއަށް ވަޑައިގަތީ ޕޮލެންޑަށް މަތިންދާބޯޓުގައި ވަޑައިގަތުމަށްފަހު ރޭލުގައެވެ. ޒެލެންސްކީ މީޑިއާއަށް ވިދާޅުވީ، ތައްޔާރުތަކެއް ވެފައިވީ ނަމަވެސް އެ ބޭފުޅުންގެ މަތިންދާބޯޓު ޔޫކްރެއިނަށް ޖެއްސޭ ގޮތް ނުވީ ކަމަށެވެ.
މަންދޫބުންގެ މި ދަތުރުފުޅާ ދިމާކޮށް، އެއް ގައުމުން އަނެއް ގައުމުގެ ވެރިރަށަށް ދޭ ހަމަލާތައް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ޕޫޓިން އާއި ޒެލެންސްކީ އެއްބަސްވެވަޑައިގެންނެވި އެވެ.
ޒެލެންސްކީ، ވިޓްކޮފް އަދި ޖެރެޑް ކުޝްނަރއާ ބައްދަލުކުރެއްވީ ކީވްގެ ސެއިންޓް ސޯފިއާ ކެތީޑްރަލްގަ އެވެ. އެއީ ހުކުރު ދުވަހު ރަޝިޔާގެ ޑްރޯން ހަމަލާއެއް އަމާޒުވި ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްގެ ހެޑްކުއާޓާޒްއާ ކައިރި ސަރަހައްދެކެވެ.
ރޭގަނޑުގެ ވަގުތުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ފައުޖުތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް ހަމަލާތައް ބަދަލުކޮށްފަ އެވެ. ޔޫކްރެއިނުން ވަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި، ވައިގެ ބަނދަރަކަށް އަދި ވައިގެ ދިފާއީ ދެ ނިޒާމަކަށް ހަމަލާދިންކަން ކަށަވަރުކޮށްދީފަ އެވެ.
މީގެ ކުރިން ޔޫކްރެއިންގެ އެއާ ފޯސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާއިން ވަނީ 108 ދުރު ރާސްތާ ޑްރޯން އާއި ކުދި ކްރޫޒް މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނަށް ހަމަލާދީފަ އެވެ.
ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ 82 ޑްރޯން އާއި 6 މިސައިލް ވައްޓާލާފަ އެވެ. ނަމަވެސް 11 ތަނަކަށް ހަމަލާ އަމާޒުވެފައިވާއިރު، އިތުރު 7 ސަރަހައްދަކަށް ހަމަލާތަކުގެ ބައިތައް ވެއްޓިފައިވެ އެވެ. ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، ހޮނިހިރު ދުވަހު މޮސްކޯގެ ކްރެމްލިންގައި ބޭއްވި މަޝްވަރާތައް ތިން ގަޑިއިރަށް ދެމިގެންދިޔައީ ބަންދު ދޮރުގެ ފުރަގަހުގަ އެވެ.
ޕޫޓިންގެ އެޑްވައިޒަރު ޔޫރީ އުޝަކޯވް އެ މަޝްވަރާތައް ސިފަކުރެއްވީ "ބިނާކުރަނިވި އަދި ނުހަނު އިޚްލާޞްތެރި" މަޝްވަރާތަކެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާއި، އިގްތިސާދީ މައްސަލަތަކާއި، އަދި ރަޝިޔާ އާއި އެމެރިކާއަށް ފައިދާހުރި މަޝްރޫއުތަކާ ގުޅޭގޮތުން ދެފަރާތުން ވާހަކަދެއްކި ކަމަށެވެ.
މީގެ އިތުރުން، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ރަޝިޔާގެ ސިފައިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރި ކަމަށާއި، މަޝްވަރާތަކުގައި މި މައްސަލައިގެ "އަސްލު ސަބަބުތަކަށް" ހައްލު ހޯދަންޖެހޭކަން ގަބޫލުކުރެވުނު ކަމަށް ވެސް އުޝަކޯވް ވިދާޅުވި އެވެ.
ކީވް ހިމެނޭ ގޮތަށް ޔޫކްރެއިންގެ ސިޓީތަކަށް ރަޝިޔާއިން ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް ވަރުގަދަކޮށްފައިވީ ނަމަވެސް، ރަޝިޔާގެ އެއްގަމު ސިފައިންނަށް ހަނގުރާމައިގެ ބޮޑުބައިގައި ލިބެމުންދަނީ ވަރަށް ލަސް ކުރިއެރުންތަކެކެވެ. އަދި މިކަމުގެ ސަބަބުން ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފަ އެވެ. ރަޝިޔާއިން އަދިވެސް ގެންދަނީ 2022 ވަނަ އަހަރު ހިފި ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލް ކުރަމުންނެވެ.
މި މަޝްވަރާތައް މި ބޭއްވުނީ ފަހަކަށް އައިސް ރަޝިޔާ އާއި ޔޫކްރެއިނުން ވައިގެ މަގުން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.










