ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ
15 ސެޕްޓެމްބަރު 2026 | އަންގާރަ 02:43ޔޫކްރެއިންގެ ހަކަތައާއި ކާބޯތަކެތީގެ ވަސީލަތްތަކަށް ރަޝިޔާއިން ހަމަލާދިނުން ހުއްޓާލާނެކަމުގެ އިތުބާރު ބައިނަލްއަގުވާމީ މުޖުތަމައުން ކަށަވަރުކޮށްދޭނަމަ، ރަޝިޔާއަށް ދޭ ރައްދު ހަމަލާތައް ހުއްޓާލުމަށް ތައްޔާރަށް ހުރި ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި. ނަމަވެސް، ރަޝިޔާއިން އެއްބަސްވުންތަކަށް އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި، މިފަދަ އެއްބަސްވުމަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އޭގެ ފައިދާކުރާނެ ކަމަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި

ރަޝިޔާއިން ދިން ވައިގެ ހަމަލާތަކެއްގައި ގެއްލުންވެ، ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލަން ސިވިލް ޑިފެންސް އިދާރާގެ އޮފިޝަލުންނާއި އަލިފާން ނިއްވާ ޓީމުތަކުން މަސައްކަތް ކުރަނީ | އެކްސް/ޒެލެންސްކީ
ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް ހަމަލާ ނުދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާއެކު، ރަޝިޔާއިން އެއްވެސް އެއްބަސްވުމަކަށް އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއަށް ރައްދުގައި ދޭ ހަމަލާތައް ހުއްޓާލުމަށް ޔޫކްރެއިން އޮތީ ތައްޔާރަށް ކަމަށެވެ. އެއީ، ޔޫކްރެއިންގެ ކަރަންޓު ނިޒާމަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކަށާއި، މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން ކާބޯތަކެތި ސަޕްލައިކުރާ މަގުތަކަށް ހަމަލާދިނުން ރަޝިޔާއިން ހުއްޓާލާނެކަމުގެ އިތުބާރު "ބައިނަލްއަގުވާމީ ބައިވެރިންނަށް" ކަށަވަރުކޮށްދެވޭ ނަމަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ފަދަ އެއްބަސްވުމަކީ އިތުބާރު ހުރި، ދިގު މުއްދަތަކަށް ދެމިގެންދާ އަދި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ހަގީގީ އަސަރު ކުރާނެ ކަމަކަށް ވާންޖެހޭނެ ކަމަށް ޒެލެންސްކީ ބަޔާންކުރެއްވި އެވެ. އަދި، ރަޝިޔާގެ އިންތިޚާބާ ދިމާކޮށް ތެލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ޓަކައި އެ ގައުމަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދުމަށްފަހު، އިންތިޚާބު ނިމުމާއެކު އެއްބަސްވުން އުވާލައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވާހަކަފުޅު ދައްކަވަނީ | އަނަދޮލޫ
ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ހަކަތަ އަދި އަސާސީ ޚިދުމަތްތައް ދޭ ތަންތަނަށް ރަޝިޔާއިން ގަސްދުގައި ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވި އެވެ. އެހެންކަމުން، އެ ފަދަ ތަންތަނަށް ހަމަލާދިނުން ހުއްޓުވުމަށް ޓަކައި ރަޝިޔާއާއެކު އެއްބަސްވުމެއް ގާއިމުކޮށްދިނުމަށް ޔޫކްރެއިންގެ ބައިވެރިންގެ ކިބައިން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރެއިންގެ ހަކަތަ އުފައްދާ ތަންތަނަށާއި، ބަނދަރުތަކަށާއި، މުދާ އުފުލާ ނިޒާމުތަކުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ރައްކާކުރާ ގުދަންތަކަށް ވެސް ރަޝިޔާއިން ކޮންމެ ދުވަހަކު ހަމަލާދެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ރަޝިޔާއިން އެއްވެސް އެއްބަސްވުމަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެއް ޔޫކްރެއިނަށް ނެތީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، ޔޫކްރެއިނުން ވެސް ދަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ހަކަތައިގެ ވިއުގައަށް ގަސްދުގައި ހަމަލާތައް އަމާޒު ކުރަމުންނެވެ.
މި ހަނގުރާމަ "ނިމުމަކަށް ގެންނަންޖެހޭ" ކަން ފާހަގަކުރައްވައި، މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަކީ ސުލްހައަށް އެޅޭ ފުރަތަމަ ފިޔަވަޅަށް ވެދާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އަދި މި ކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައިވެރިންގެ ފަރާތުން ސާފު އަދި ތަފްސީލީ މަސައްކަތްތަކެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











