ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
1 ސެޕްޓެމްބަރު 2026 | އަންގާރަ 11:15ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ޔޫކްރެއިނުން ވެސް ވަނީ ރަޝިއާގެ ތެޔޮ ބޭރުކުރާ ބަނދަރަކަށް ޑްރޯން ހަމަލާތަކެއް ދީފައި. މި ހަމަލާތަކާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް އިންޑިއާގެ ބޮޑުވަޒީރު ގޮވާލައްވާފައިވާއިރު، ރަޝިއާގެ ހަމަލާތަކުގައި އިންޑިއާ ރައްޔިތަކު މަރުވެފައިވާ ކަމަށް ޔޫކްރެއިނުން ބުނޭ.


ރަޝިއާއިން ދިން ހަމަލާތަކަކާ ގުޅިގެން ޔޫކްރެއިންގެ ވެރިރަށް ކީވްގެ ތިން ސަރަހައްދެއްގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގި އެއް ސަރަހައްދު. | ޔޫކްރެއިންގެ ކުއްލި ހާލަތްތަކާބެހޭ އިދާރާ
ޔޫކްރެއިންގެ ވެރިރަށް ކީވްއަށާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ރަޝިއާއިން ހޯމަ ދުވަހުގެ ރޭ ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގައި، ދެ ކުޑަކުދިން ހިމެނޭހެން މަދުވެގެން 12 މީހުން މަރުވެ، 20 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. ކީވްގައި ހުންނަ ރޭލު ދަތުރުފަތުރުގެ މަރުކަޒަކަށް އަމާޒުވި މި ހަމަލާގައި މަރުވި އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ޔޫކްރެއިންގެ ދައުލަތުގެ ރޭލު ދަތުރުފަތުރާބެހޭ ކުންފުނީގެ މުވައްޒަފުންނެވެ. މި ހަމަލާތަކާ ގުޅިގެން ކީވްގެ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، ބޮރިސްޕިލް އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ބުނީ، "ހައި-ޕްރިސިޝަން" ނުވަތަ އަމާޒަށް ސީދާވާ ފަދަ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ދިން މި ވަރުގަދަ ހަމަލާތަކަކީ ޔޫކްރެއިންގެ އަސްކަރީ ސިނާއަތްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އަސްކަރިއްޔާއިން ރަޝިއާގެ ހުޅަނގުގައި އޮންނަ ބެލްގޮރޮޑް ސަރަހައްދަށް ދިން ހަމަލާތަކެއްގައި އެކަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އެކްޓިންގ ގަވަރުނަރު އަލެގްސާންޑާ ޝުވާއެވް ވިދާޅުވި އެވެ.
މީގެ އިތުރުން، ރަޝިއާގެ ބޯލްޓިކް ކަނޑުގެ އުސްތު-ލޫގާ ބަނދަރަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ލެނިންގްރާޑް ސަރަހައްދުގެ ގަވަރުނަރު އަލެގްސާންޑާ ޑްރޮޒްޑެންކޯ ވިދާޅުވި އެވެ. ޔޫކްރެއިނުން ބުނީ، ކޮންމެ އަހަރަކު އެތައް މިލިއަން ޓަނެއްގެ ތެޔޮ ބޭރުކުރާ އުސްތު-ލޫގާ ފަދަ ތަންތަނަކީ ހަމަލާދިނުން ހުއްދަ ތަންތަން ކަމަށް ބަލާ ކަމަށެވެ. ސަބަބަކީ އެ ތަންތަނުން ލިބޭ އާމްދަނީ ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް ޚަރަދުކުރާތީ ކަމަށް ވެސް ޔޫކްރެއިނުން ބުނެ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ، ރޭގަނޑު ރަޝިއާއިން ދިން މި ހަމަލާތަކާ ގުޅިގެން ކީވްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 350 އެއްހާ އެހީތެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޖެޓް ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާ ކަމަށެވެ.
މިއީ، ރަޝިއާއިން ކީވްއަށް ވަރުގަދަ ހަމަލާތަކެއް ދިން ޖެހިޖެހިގެން ހަވަނަ ދުވަހެވެ. މިއީ، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ބަލިކަށިކޮށް، ސިފައިންގެ ހިތްވަރު އެލުވާލުމަށް ރަޝިއާއިން ގެންގުޅޭ އުސޫލެއް ކަމަށް ބެލެވެ އެވެ. ރަޝިއާގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާ ބަންދުގައި ވަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް "ވަރުގަދަ" ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.
ރަޝިއާއިން ޖެހިޖެހިގެން ފަސް ދުވަހާއި ފަސް ރޭ ވަންދެން ކީވްއަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައިވާއިރު، ޔޫކްރެއިންގެ އިތުރު އަށް ސަރަހައްދަކަށް ވެސް ހަމަލާދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އަދި މި ހަމަލާތަކުގައި އިންޑިއާގެ ރައްޔިތަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު އައިވަން ވައިހިވްސްކީ ވިދާޅުވީ، އިންޑިއާގެ ރައްޔިތަކު މަރުވެފައި ވަނީ ބޮރީސްޕިލް ސަރަހައްދަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި ކަމަށެވެ.
ރޭގަނޑު މި ހަމަލާތައް ދީފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ކީވް ސަރަހައްދުގައި ހުރި ހަތިޔާރު ގުދަނަކަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 38 މީހުން މަރުވެފައިވަނިކޮށެވެ. އެ ހަމަލާގެ ސަބަބުން އެތަނުގައި ހުރި ގޮވާތަކެއްޗާއި، މައިންތަކާއި ޑްރޯންތައް ވަނީ ގޮވާފަ އެވެ. މީގެ އިތުރުން، ހޯމަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ގޮވާލައްވާފަ އެވެ. މޯދީ ވިދާޅުވީ، ހަނގުރާމައިގެ ކޮންމެ ދުވަހަކީ އިންސާނިއްޔަތުކަން ފަހަތަށް ސޮއްސާލާ ދުވަހެއް ކަމަށެވެ. ރަޝިއާއިން ހެޔޮ އަގުގައި ވިއްކާ ތެލަށް އިންޑިއާގެ އިގްތިދާސު ބަރޯސާވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މަސްދަރު: ބީބީސީ










