ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން
2 ސެޕްޓެމްބަރު 2026 | ބުދަ 05:55ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުން ރަޝިޔާ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށާއި، ދުޝްމަނުން ބަލިވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ރައީސް ޕުޓިން ވިދާޅުވި. ރަޝިޔާގެ ވައިގެ ސަރަހައްދަށް ޔޫކްރެއިނުން ދޭ އިންޒާރުތަކަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އަދި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މޮސްކޯއިން ތައްޔާރަށް އޮތް ނަމަވެސް، ޓެރަރިސްޓުންނާއެކު މަޝްވަރާ ނުކުރާނެ ކަމަށް ޕުޓިން ވިދާޅުވި.


ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި، އެކަމަށް އައު ބާރެއް ލިބިއްޖެ ނަމަ، "ޢަމަލީ ސިފައެއްގައި" މަޝްވަރާ ކުރުމަށް މޮސްކޯ އޮތީ ތައްޔާރަށް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވި. | ރޮއިޓާސް
ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ކާމިޔާބީ ހޯދަމުންދާ ކަމަށާއި، ޔޫކްރެއިންގެ ސަރުކާރާއެކު މަޝްވަރާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ. ފާއިތުވި ހަފުތާތަކުގައި ހަނގުރާމައާ ގުޅޭގޮތުން ދެއްވި އެންމެ ތަފުސީލީ ބަޔާނުގައި، ޔޫކްރެއިނުން ރަޝިޔާގެ ރަށްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދާކަމަށް އަންގާރަ ދުވަހު ނޫސްވެރިންނާ ވަހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ. އަދި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކަކީ ރަޝިޔާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ސިފައިން ކުރިއެރުންތައް ހޯދަމުންދާ ކަމަށް ވިދާޅުވެ، ދުޝްމަނުން ބަލިވެ އިނދަޖެހޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޕުޓިން ވިދާޅުވިއެވެ. ނަމަވެސް، އެ ކަން ވާނީ ކޮން އިރަކުން ކަމެއް ވިދާޅުވުމަށް އޭނާ އިންކާރު ކުރެއްވި އެވެ. މީގެއިތުރުން، ރަޝިޔާގެ އަސްކަރިއްޔާއަށް އަލުން މީހުން ރެކްރޫޓްކޮށް "މޮބިލައިޒް" ކުރަން މަޖުބޫރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ބާތިލް ވާހަކަތަކެއް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި، ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެޓްސްކް ސަރަހައްދުން 270 އަކަ ކިލޯމީޓަރުގެ ބިން ހިފާފަ އެވެ. އަދި ޔޫކްރެއިން ސިފައިންގެ ބޮޑު ގްރޫޕެއް ހިސާރު ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަޝިޔާގެ ސިފައިން މިހާރު ވެސް ސްލޮވިއަންސްކް އަދި ކްރަމަޓޯސްކް ސިޓީއާ ދިމާލަށް ކުރިއަރަމުންދާ ކަމަށާއި، ޔޫކްރެއިންގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރަޝިޔާގެ ފައުޖުތަކުން ތައްޔާރުވަމުންދާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
މީގެ ކުރިން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ހަނގުރާމަ ދެމިއޮތްހާ ހިނދަކު ރަޝިޔާގެ ވައިގެ ސަރަހައްދަކީ އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށާއި، އެ ސަރަހައްދު ޔޫކްރެއިންގެ ޑްރޯންތަކުން ފުރާލާނެ ކަމަށް ބުނެ އެއާލައިންތަކަށާއި ފަސިންޖަރުންނަށް އިންޒާރު ދެއްވާފަ އެވެ. ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރާ އެއަރލައިންތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، އަދި ރަޝިޔާގެ މައި އެއާޕޯޓްތައް ބޭނުންކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަމަށެވެ. ޔޫކްރެއިނުން ފަސިންޖަރުން އުފުލާ ފްލައިޓްތަކަށް ނުރައްކަލެއް ކުރިމަތި ނުކުރާނެ ކަމަށާއި، ނަމަވެސް ރަޝިޔާގެ ވައިގެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ޑްރޯން އުޅޭނެތީ އެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ވައިގެ ސަރަހައްދު ބަންދުވާނެ ފަދަ ގޮތަކަށް ޒެލެންސްކީ ދެއްވި އިންޒާރަކީ "ސްޓޭޓް ޓެރަރިޒަމް" ނުވަތަ ދައުލަތަކުން ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޕުޓިން ސިފަކުރެއްވި އެވެ. އަދި، އެ ފަދަ ކަމެއް ހިނގައިފިނަމަ މޮސްކޯއިން އެ ކަމަށް ރައްދު ދޭނެ ގޮތެއް ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކިރްގިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވީ "ޓެރަރިސްޓުންނާ" އެކު މަޝްވަރާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އނަމަވެސް، މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އާ ބާރެއް ލިބޭ ފަދަ "ހަރުދަނާ" ވާހަކަތަކެއް ދެއްކުމަށް މޮސްކޯ އަދިވެސް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްދަރު: ޓީއާރްޓީ ވޯލްޑް










