ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:53ރަޝިއާއާއި ޔޫކްރެއިންގެ ވެރިންގެ މެދުގައި އޮތް ނަފުރަތުގެ ސަބަބުން ސުލްހައަށް ހުރަސްއެޅިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، މި ހަފުތާ ބަންދުގައި އެމެރިކާގެ މަންދޫބުން ދެ ގައުމަށް ވަޑައިގެން މަޝްވަރާތައް ކުރިއަށްގެންދާވާނެ. ދެ ފަރާތުން ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި ކުރާ މި ދަތުރުފުޅަކީ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ މުހިންމު މަސައްކަތެއް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގެ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖެރަޑް ކުޝްނަރ މި ހަފުތާ ބަންދުގައި އެ ދެ ގައުމަށް ދަތުރުކުރައްވާނެ ކަން ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ހަފުތާ ބަންދުގައި ކީވް އަދި މޮސްކޯއަށް ވަޑައިގަންނަވައި، ވިޓްކޮފްއާއި އޭނާގެ ދަނބިދަރިފުޅު ކުޝްނަރ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ހުށަހެޅުމެއް ހުށަހަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑު ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނަރ ފޮނުވީ ކަމެއް ހާސިލްކުރެވޭތޯ ބަލަން،" ޓްރަމްޕް ވިދާޅުވި އެވެ. "އަދި އެކަން ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ." މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޓްރަމްޕްގެ ސަރުކާރުން ގެންގުޅެ އާ ސިޔާސަތުތައް އޭނާ ހާމަކުރައްވާފައި ނުވި. ނަމަވެސް، ސުލްހަ ގާއިމު ކުރެވޭނެ ގޮތުގެ ވިސްނުމެއް އޮތް ކަމުގައި އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ދައުލަތުގެ ނޫސް އޭޖެންސީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިޓްކޮފްއާއި ކުޝްނަރ ހޮނިހިރާއި އާދީއްތަ ދުވަހު މޮސްކޯގައި މަޑުކުރައްވާނެ އެވެ. މިއީ، ޖަނަވަރީ މަހަށް ފަހު މި ބޭފުޅުން ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އާދީއްތަ ދުވަހު، ވޮޓްކޮފްއާއި ކުޝްނަރ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ. މިއީ، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ބޭފުޅުން ޔޫކްރެއިނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުގައި ރިޕޯޓުތައް ބުނެ އެވެ.
ސުލްހައިގެ މަޝްވަރާތައް "ހުއްޓިފައިވާ" ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދާދި ފަހުން ވިދާޅުވެފައި ވީ ނަމަވެސް، މި ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަޝްވަރާތައް މި އައީ ދެ ފަރާތުން ވެސް ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން، ރަޝިއާއިން ވަނީ ހުކުރު ދުވަހު ޔޫކްރެއިންގެ ސަލާމަތީ ޚިދުމަތުގެ (އެސްބީޔޫ) މައި މަރުކަޒަށް ހަމަލާދީފަ އެވެ. ކީވްގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ވިދާޅުވީ، އެސްބީޔޫގެ މައި މަރުކަޒަށް ދިން މި ހަމަލާގައި މަދުވެގެން 12 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ، އެސްބީޔޫގެ މައި އިމާރާތަށް ހަމަލާދިނުމަކީ އާންމުންނަށް ލިބުނު ސިހުމަކަށް ނުވި ނަމަވެސް، މީގެ ފަހުން ދެން ހަމަލާ އަމާޒުވާނީ ކޮން ތަނަކަށްތޯ އާންމުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.
ރަޝިއާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްގައި ހުންނަ ޖާސޫސީ އިދާރާގެ މައި މަރުކަޒުގައި ރޯވެ، އަނދަނީ | އަލް ޖަޒީރާ
މި ހަމަލާއަކީ އެމެރިކާގެ މަންދޫބުން ޔޫކްރެއިންއަށް ކުރައްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަށް ހުރަސްއެޅުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރާ ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި ސުލްހައިގެ އެއްބަސްވުމަކަށް ނާދެވި ވަނީ ދެ ގައުމުގެ ވެރިންގެ މެދުގައި އޮތް "ޒާތީ މައްސަލަތަކެއްގެ" ސަބަބުން ކަމަށް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "ރައީސް ޒެލެންސްކީއާއި ރައީސް [ވްލަޑިމިއާ] ޕުޓިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފުރަތު ކުރައްވާ،" ޓްރަމްޕް ވިދާޅުވި އެވެ. "އެ ބޭފުޅުންގެ މެދުގައި އޮތް ބޮޑު ނަފުރަތަކީ ސުލްހައަށް އޮތް ހުރަހެއް."
މި ހަނގުރާމައިގައި މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ނުވި ނަމަވެސް، ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް އިން ޖުލައި މަހު ނެރުނު ދިރާސާއެއްގައި ބުނެފައި ވަނީ، މި ހަނގުރާމައިގައި ރަޝިއާގެ 450،000 އެއްހާ ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި، ޔޫކްރެއިންގެ 125،000 އާއި 150،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










