ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ
18 ސެޕްޓެމްބަރު 2026 | ހުކުރު 05:11ވިލާތުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 40،000 އަށްވުރެ ބޮޑުތަނުން މަދުކުރުމަށް ޕެންޓަގަނުން ދިރާސާކުރަމުންދާއިރު، މި ބަދަލުގެ ސަބަބުން ޖަރުމަނާއި އިޓަލީވިލާތް ފަދަ ގައުމުތަކަށް ބޮޑު އަސަރެއް ކުރާނެ. މި ނިންމުމާ ގުޅިގެން ވިލާތުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ އެ ސަރަހައްދުގެ ދިފާއީ ޒިންމާ އަމިއްލައަށް އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށް ބެލެވޭ


ވިލާތުގެ އިއްތިހާދުގެ ގައުމެއްގައި ގާއިމުކޮށްފައި ތިބި އެމެރިކާ ސިފައިންގެ ފައުޖެއް | އަނަޑޯލޫ
ވިލާތުގެ ގައުމުތަކުގައި ގާއިކޮށްފައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 25،000 ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގެންދިޔުމަށް ޕެންޓަގަނުން ދިރާސާކުރަމުންދާ ކަމަށް، އެންބީސީ ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފި އެވެ. މިއީ، އެ ބައްރުގައި މިހާރު ތިބި އެމެރިކާ ސިފައިންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.
މި މައްސަލައިގައި އަދި ވަކި ގޮތަކަށް ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، މަދުކުރާ އަދަދު 40،000 އަށް އެރުން އެކަށީގެންވާ ކަމަށް، މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އެމެރިކާއާއި ހުޅަނގުގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުންނާ ހަވާލާދީ އެންބީސީން ބުނެ އެވެ. މިހާރު ވިލާތުގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 80،000 އެއްހާ ސިފައިން ދަނީ ޚިދުމަތް ކުރަމުންނެވެ. އަދި، މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ޖަރުމަނުވިލާތާއި، އިޓަލީވިލާތް އަދި ސްޕެއިން ފަދަ ވިލާތުގައި އެމެރިކާގެ އެންމެ ގިނަ އަދަދެއްގެ ސިފައިން ތިބޭ ގައުމުތަކަށް ކަމަށް ބެލެވެ އެވެ.
މިހާރު ދިރާސާކުރަމުންދާ ގޮތްތަކަކީ ވިލާތުގައި އެމެރިކާ ސިފައިން ތިބި ގޮތާ ގުޅޭގޮތުން ޕެންޓަގަނުން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުރާޖާގެ ބައެކެވެ. އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ އިސްވެރިޔާ އަދި ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް، މިކަމާ ގުޅޭ ފުރަތަމަ ރިޕޯޓު ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ހުކުރު ދުވަހު ހުށަހަޅުއްވާނެ ކަމަށް ބެލެވޭ ކަމަށް އެންބީސީން ރިޕޯޓްކުރެ އެވެ. މި ވަޒަންކުރުންތަކުގައި ވައިގެ ސިފައިންނާއި، ކަނޑުގެ ސިފައިން އަދި އެއްގަމު ސިފައިން ހިމެނޭ ގޮތަށް ތަފާތު ގޮތްތަކެއް ހުށަހަޅާނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ ބައެއް ސިފައިން ނޭޓޯގެ އިރުމަތީ ބިތަށް ބަދަލުކުރުމާ ގުޅޭ ހުށަހެޅުންތައް ވެސް މި ރިޕޯޓުގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕަށް އެއްވެސް ހުށަހެޅުމެއް ހުށަހެޅުމުގެ ކުރިން، ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ހެގްސެތަށް މިކަމާ ގުޅޭ އެންމެ ފަހުގެ ލަފާ ލިބިވަޑައިގަންނަވާނެ ކަމަށް އެންބީސީގެ ރިޕޯޓުގައި ބުނެ އެވެ. އެމެރިކާގެ އަސްކަރީ ވަސީލަތްތައް ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުންދާއިރު، ވިލާތުގެ ގައުމުތަކުގެ ދިފާއީ ކަންކަމުގައި އެ ގައުމުތަކުން މިހާރަށްވުރެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިންވެސް ދިޔައީ ބާރުއަޅަމުންނެވެ.
ސިފައިން މަދުކުރުމަށް މިހާރު ވިސްނަމުންދާ ދިއުމާ ގުޅިގެން، ވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި ވިލާތުގެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުއްލި ގޮތަކަށް ސިފައިން ބޭލުމަކީ ރަޝިއާގެ ނުރައްކާތަކުން ދިފާއުވުމަށް ނޭޓޯއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމެއް ކަމުގެ އިންޒާރު އެ ފަރާތްތަކުން ދެ އެވެ.
މީގެ އިތުރުން، މި މުރާޖާ ކުރިއަށްދާ ގޮތާ މެދު ޚާރިޖީ ވުޒާރާއި ޕެންޓަގަނާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރި ކަމަށް އެންބީސީން ވަނީ ހާމަކޮށްފަ އެވެ. ޕެންޓަގަނުން ނޭޓޯގެ ދިފާއީ ވަޒީރުންނަށް ސިފައިން މަދުކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ތައްޔާރުވަމުން ދަނިކޮށް، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ޖޫން މަހުގެ ތެރޭގައި އެ ކަމަށް ބަސްވިދާޅުވެ، ބައެއް ބަދަލުތައް ގެންނަވާފަ އެވެ. މި ރިޕޯޓް އާންމުވެފައި މި ވަނީ، ސިފައިން ތިބޭ ގޮތް މުރާޖާ ކުރުމުގެ މަސައްކަތުގައި ޚާރިޖީ ވުޒާރާއާއި އެމެރިކާގެ ޑިޕްލޮމޭޓުން ފުރިހަމައަށް ބައިވެރިކުރުމަށް ބާރުއެޅުމަށް ސެނެޓަރުން ރޫބިއޯގެ އަރިހުން ވަކިން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











