މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026 | ހުކުރު 08:20މައްކާއާއި މަދީނާއަށް ހޫޘީން ހަމަލާދޭން އުޅޭކަމަށް ބުނެ ސައުދީން ކުރާ ތުހުމަތުތައް އެ ޖަމާއަތުން ދޮގުކުރި ނަމަވެސް، ރާއްޖޭގެ ހުކުރު ޚުތުބާގައި އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި. ހޫޘީން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ މުގައްދަސް ބިންތަކާ ދުރުގައިވާ ސައުދީގެ އަސްކަރީ އަދި ތެޔޮ ސާފުކުރާ މަރުކަޒުތައް


ޔަމަނުގެ ސަންޢާގައި އެ ގައުމުގެ ހޫޘީ ހަނގުރާމަވެރިން ސަފުތަކަކަށް ހިނގާފައި ދަނީ | އޭޕީ
އިސްލާމްދީނުގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާ އާއި މަދީނާއަށް ހަމަލާ ދޭން މަސައްކަތްކޮށްފައި ނުވާކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ދިވެހިރާއްޖެ އިން ނިންމައި، ހުކުރު ޚުތުބާގައި އެ ވާހަކަ ހިމަނައިފި އެވެ.
މިއަދު މުޅިރާއްޖެއަށް އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ '' މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން '' މި މައުޟޫއަށެވެ.
ނަމަވެސް ޚުތުބާ ނިންމާލަމުން ވަނީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙުރުމަތްތެރި ކުރައްވައިފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ހުރުމަތްކަނޑައި، ހޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ އުދުވާނީ ހަމަލާތަކާއި އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ދެ ރަށަކީ ގިޔާމަތާހަމައަށް މާތްﷲ ހުރުމަތްތެރި ކުރައްވައިފައިވާ މުގައްދަސު ދެ ރަށްކަން ފާހަގަކޮށްފައިވެ އެވެ.
ޚުތުބާގައި މިކަން ފާހަގަކޮށްފައިވާއިރު، 16 ސެޕްޓެންބަރު 2026 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ކުށްވެރިކުރައްވާފަ އެވެ.
ނަމަވެސް މައްކާއާއި މަދީނާއަށް ދޭން އުޅުނު ހަމަލާއާ ގުޅޭގޮތުން ސައޫދީން ކުރި ތުހުމަތުތައް ހޫޘީން ވަނީ ދޮގުކޮށްފަ އެވެ.
ޝީޢީ އިސްލާމްދީނުގެ ޒައިދީ ފިރުގާއަށް ތަބާވާ އަދި މައްކާއަކީ މުގައްދަސް ސިޓީއެއްގެ ގޮތުގައި ބަލައިގަންނަ ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހުޔާ ސަރީ ބުދަ ދުވަހު ވިދާޅުވީ، އެމީހުންގެ އަމާޒުތަކަކީ މުގައްދަސް ބިންތަކާ ވަރަށް ދުރުގައިވާ ސައުދީގެ ތެޔޮ ސާފުކުރާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތައް ކަމަށެވެ.
ސަރީ ވިދާޅުވީ، މައްކާއަށް ހަމާލާދޭން އުޅުނު ކަމަށް ބުނެ ސައުދީ ސަރުކާރުން ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ކަމަށާއި، އެކުށްހީގައި އެއްވެސް މީހަކު ނުޖެއްސޭނެ ކަމަށެވެ. އަދި މުގައްދަސް ބިންތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީން ހާމަކޮށްފައިވާ ގޮތުގައި، މައްކާއަށް އަމާޒުކުރި ޑްރޯން ވައްޓާލާފައިވަނީ މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ދެނެގަތުމަށް ފަހު އެވެ. ނަމަވެސް އެ ޑްރޯން މައްކާއާ ކިހާ ކައިރިވި ކަމުގެ ތަފްސީލެއް ސައުދީ ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.











