Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:02

ހޫޘީންގެ ހަމަލާތަކާއި އެމެރިކާ ފަދަ ބައިވެރިންގެ އެހީތެރިކަން ކުޑަވުމުގެ ސަބަބުން ސައުދީ އަރަބިއްޔާ އަސްކަރީ އަދި އިގްތިސާދީ ގޮތުން ބޮޑު ނާޒުކު ދަނޑިވަޅަކާ ވަނީ ކުރިމަތިލާން ޖެހިފައި. މި ހާލަތުން އަރައިގަތުމަށް ޓަކައި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށާއި، ހޫޘީންނަށް އަސްކަރީ ޕްރެޝަރު ބޮޑުކޮށްގެން މަޝްވަރާގެ މަގުން ހައްލެއް ހޯދުމަށް އެ ގައުމުން މިހާރު ދަނީ މަސައްކަތް ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:02

ސައުދީ އަރަބިއްޔާގެ ވައިގެ ސިފައިންގެ ތައްޔާރީ ހާލަތު ބަޔާންކޮށްދީ އެ ގައުމުގެ ދިފާއީ ވުޒާރާއިން އާންމުކޮށްފައިވާ ވީޑިއޯއެއް | އެކްސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަސަރު ސައުދީ އަރަބިއްޔާގެ އަވައްޓެރި ކުދި ގައުމުތަކަށް ކުރަމުންދިޔަ ނަމަވެސް، ފާއިތުވި މަސްތަކުގައި ސައުދީ އަރަބިއްޔާ އޮތީ އެ ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވެފައިވާ ފަދަ ގޮތަކަށެވެ. ހަގީގަތުގައި، ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއަށް މިދިޔަ ހޫނު މޫސުމުގައި ބޮޑު ފައިދާއެއް ލިބުނީ އެ ގައުމުގެ 'އީސްޓް-ވެސްޓް' ހޮޅިލައިން މެދުވެރިކޮށް، ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ސާފުނުކުރާ ތެޔޮ ބޭރުކުރެވޭތީ އެވެ.

ނަމަވެސް، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، މިހާރު އެ ހޮޅިލައިން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މީގެ އިތުރުން، ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތައް ސައުދީ އަރަބިއްޔާގެ ސިޓީތަކަށް އަމާޒުވަމުންދާއިރު، އިސްލާމްދީނުގެ އެންމެ މުގައްދަސް ބިން ކަމުގައިވާ މައްކާގެ މަތިންވެސް ހޫޘީންގެ ޑްރޯނެއް ވަނީ ވައްޓާލާފަ އެވެ. މައްކާގެ ބެލެނިވެރިކަމަކީ ސައުދީގެ ޝާހީ އާއިލާގެ ގަދަރާއި ޝަރުއީ ހައިސިއްޔަތާ ގުޅިފައިވާ ކަމަކަށްވާއިރު، ހޫޘީން ވަނީ މައްކާއަށް އަމާޒުކޮށް ހަމަލާދިން ކަމަށް އިންކާރުކޮށްފައި އެވެ.

Advertisement - worldAdvertisement

އެކަނިވެރިވެފައިވާ ސައުދީ އަދި ބައިވެރިންގެ ދުރުހެލިކަން

މިއާއެކު، ސައުދީ އަރަބިއްޔާއަށް މިހާރު ވަނީ ދެ ފަރާތަކުން ކުރިމަތިލާންޖެހޭ ހަނގުރާމައަކާ ކުރިމަތިލާން ޖެހިފަ އެވެ. ޔަމަނުގައި ތިބި ސައުދީ އަރަބިއްޔާގެ ބައިވެރިން ހޫޘީންގެ ކުރިއެރުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، ސައުދީ އަރަބިއްޔާން ދަނީ އަމިއްލަ ގައުމަށް އަމާޒުވާ މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާއުވުމަށް މަސައްކަތް ކުރަމުންނެވެ. ހޫޘީންގެ މި ވަރުގަދަ ހަމަލާތައް މި އައީ ސައުދީއަރަބިއްޔާއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައި އެވެ. ސަބަބަކީ ސައުދީއަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުގެ މައިބަދަ ކަމުގައިވާ އެމެރިކާގައި އުފައްދާ އިންޓަރސެޕްޓަރުތައް ދުނިޔޭގެ ބާޒާރުން ލިބުން ދަތިވެފައިވާ ވަގުތަކަށް ވުމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސައުދީ އަރަބިއްޔާއަށް ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދެމުން އައި އެމެރިކާއިން މިހާރު ވަނީ މި ކަމުން އަތްދަމާލާފަ އެވެ. "ހޫޘީން އަޅުގަނޑުމެންނަށް ގުޅި، އެ މީހުން އަހަރެމެންނާ ހަނގުރާމަކުރަން ބޭނުންނުވާ ކަމަށް ބުނި،" މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ. އަދި، އޮމާން މެދުވެރިވެގެން އެމެރިކާއިން ހޫޘީ އޮފިޝަލުންނާ ބައްދަލުކުރި ކަމަށް ރޮއިޓާސްއިން ބުދަ ދުވަހު ވަނީ ރިޕޯޓްކޮށްފައި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަލަބޮލިކަމާ ގުޅިގެން، ސައުދީ އަރަބިއްޔާން ވަނީ އެ ގައުމުގެ ދިފާއީ ބައިވެރިން އިތުރުކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެމެރިކާ ފަދައިން ސައުދީއަރަބިއްޔާގެ އާ ބައިވެރިންވެސް ހޫޘީންނާ ހަނގުރާމައަކަށް ދާން ބޭނުމެއް ނުވެ އެވެ. ހޫޘީންނަކީ ހަނގުރާމައިގެ މައިދާނުގައި ލިބޭ ގެއްލުންތަކަށް ކެތްކޮށް، ދިގު މުއްދަތަކަށް ހަނގުރާމަކުރުމުގެ ގާބިލުކަން ހުރި ބައެއްކަން ވަނީ ސާބިތުކޮށްދީފައި އެވެ. 'މައްކާ ދިފާއީ އެއްބަސްވުމުގެ' ގެ ދަށުން ސައުދީއަރަބިއްޔާގެ އާ ދިފާއީ ބައިވެރިންގެ ގޮތުގައި ހިމެނޭ ތުރުކީވިލާތާއި ޕާކިސްތާނުގެ އެހީތެރިކަމެއްވެސް މިހާރު ފެންނާކަށް ނެތް އެވެ.

"ސައުދީ އަރަބިއްޔާ މިހާރު އޮތީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި. އެ ގައުމު މިހާރު އޮތީ އެކަނިވެފައި،" ޗެތަމް ހައުސްގެ ގަލްފް ސަރަހައްދުގެ މާހިރެއް ކަމަށްވާ ނީލް ކުއިލިއަމް ވިދާޅުވި އެވެ. "އެމެރިކާގެ އެހީއެއް ނެތް. މައްކާ ޕެކްޓްގެ ގައުމުތަކެއް ނުފެނޭ. ސައުދީ އަރަބިއްޔާއަށް ކުރެވޭނެ މާ ބޮޑު ކަމެއް މިހާރަކު ނެތް،" އޭނާ ފާހަގަކުރެއްވި އެވެ.

ޔަމަނުގެ އެތެރޭގައި ސައުދީގެ ބާރު ކުޑަވުން

ސައުދީ އަރަބިއްޔާއަށް ތާއީދުކުރާ ޔަމަނުގެ ހަނގުރާމަވެރި ބާރެއް އެބައޮތް ހެއްޔެވެ؟ ރަތް ކަނޑުގެ އައްސޭރިފަށުގައި ހޫޘީން ހޯދަމުންދާ ހަލުވި ކުރިއެރުންތަކާއެކު، ސައުދީ އަރަބިއްޔާއިން އޭޝިއާއަށް ތެޔޮ ފޮނުވާ މައި މަގު ކަމުގައިވާ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު އޮތީ ހޫޘީންގެ އަތްދަށުގައި އެވެ. އަދި، އީސްޓް-ވެސްޓް ހޮޅިލައިނަށް ދިން ހަމަލާގެ ސަބަބުން ވިލާތުގެ ގައުމުތަކަށް ފޮނުވާ ތެލަށްވެސް ވަނީ ނުރައްކާވެފައި އެވެ.

ހޫޘީން މިހާރު މަސައްކަތް ކުރަމުންދަނީ ޔަމަނުގެ އެތެރެވަރީގެ މުހިންމު ދެ ސިޓީ ކަމަށްވާ ތާއިޒް އާއި މައާރިބް ހިފުމަށެވެ. އެ ދެ ސިޓީ ހޫޘީންގެ އަތްދަށަށް ގޮސްފިނަމަ، ސައުދީ އަރަބިއްޔާއިން ތާއީދުކުރާ ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް ބޮޑު ނުރައްކަލަކާ ކުރިމަތިވާނެ އެވެ.

ޔަމަނަށް ސިފައިން ފޮނުވަން ބޭނުންނުވާ ސައުދީ އަރަބިއްޔާއަށް، ޔަމަނުގެ ބިމުގައި އިތުބާރު ކުރެވޭ ބައިވެރިން ވަރަށް މަދެވެ. ކުރިން ޔޫއޭއީގެ ތާއީދު އޮތް އަދި ރަތް ކަނޑުގެ އައްސޭރިފަށް ބަލަހައްޓަމުންދިޔަ 'ނޭޝަނަލް ރެސިސްޓަންސް ފޯސް' ވެސް ހޫޘީންގެ ކުރިއެރުންތަކާއެކު ވަނީ ރޫޅިގެން ގޮސްފައި އެވެ. "ސައުދީ އަރަބިއްޔާއަށް އޮތް މައްސަލައަކީ، ޔަމަނުގައި ހަގީގަތުގައިވެސް ހަނގުރާމަކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ބަޔަކީ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ކަމަށް ފެންނަން އޮތުން،" ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރު ބާނާޑް ހައިކަލް ވިދާޅުވި އެވެ.

އެސްޓީސީން ބޭނުންވަނީ ޔަމަނުގެ ދެކުނުގައި ވަކި ދައުލަތެއް އުފެއްދުމަށެވެ. މި އަހަރުގެ ކުރީކޮޅު ޔޫއޭއީން އެސްޓީސީއަށް ދިން ތާއީދުގެ ސަބަބުން، ޔޫއޭއީއާއި ސައުދީ އަރަބިއްޔާގެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. "ޔަމަނުގައި ހަނގުރާމަކުރަންވީ ގޮތް ޔޫއޭއީއަށް އެނގޭ. އެކަމަކު އެ މީހުން އަލުން ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންވަނީ ބައެއް ކަންކަމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވުމުން. ނަމަވެސް، ސައުދީ އަރަބިއްޔާއިން ދެކެނީ އެ ޝަރުތުތަކަކީ އެ ގައުމުގެ މަސްލަހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި،" ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ޑިޕްލޮމެޓަކު ވިދާޅުވި އެވެ.

އިގްތިސާދީ ގެއްލުމާއި ސައުދީގެ ޖެހިލުންވުން

ސައުދީ އަރަބިއްޔާގެ އެތެރޭގެ މަސްލަހަތަށް ބަލާއިރު، ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ތެޔޮ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މިދިޔަ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާން ވަނީ ވިލާތުގެ ގައުމުތަކަށް ފޮނުވަން ހަމަޖެހިފައިވާ ބައެއް ތެޔޮ ޝިޕްމަންޓްތައް ކެންސަލްކޮށްފަ އެވެ. އަދި، އީސްޓް-ވެސްޓް ހޮޅިލައިން ނިމޭ ރަތް ކަނޑުގެ ޔަންބުއު ބަނދަރުން ތެޔޮ ބޭރުކުރުންވެސް ވަނީ މެދުކަނޑާލާފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ 'ވިޜަން 2030' މަޝްރޫއުގެ ދަށުން އިގްތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. އަންނަ މަހު ސައުދީ އަރަބިއްޔާގައި ބޮޑު އިންވެސްޓްމަންޓް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ ގައުމުން މަސައްކަތް ކުރަމުންދަނީ އާޓިފިޝަލް އިންޓެލިޖެންސްއާއި (އޭއައި) ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓްތައް ހޯދުމަށެވެ.

ސައުދީ އަރަބިއްޔާއާއި އެ ގައުމުގެ ބައިވެރިން ހޫޘީންގެ ހަމަލާތަކަށް ރައްދު ދެމުންދިޔަ ނަމަވެސް، މީގެ ދިހަ އަހަރު ކުރިން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތް ފަދަ ބޮޑު އޮޕަރޭޝަނެއްގައި ސައުދީ އަރަބިއްޔާން އަދި ބައިވެރިއެއް ނުވެ އެވެ. ސައުދީ އަރަބިއްޔާން ވަނީ އެ ހަނގުރާމައިން ސަލާމަތްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ ބައިވެރިން 2022 ވަނަ އަހަރު ހޫޘީންނާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ނަމަވެސް، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓްތައް ސައުދީން އަދިވެސް އޮތީ ހިސާރުކޮށްފައި އެވެ.

"މި ފަހަރު ސައުދީ އަރަބިއްޔާން ގެންގުޅެނީ ތަފާތު އުސޫލެއް. ޔަމަނު ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކާއި، ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުންތަކާއި، ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ހުއްދަތަކަށް ކުރި އަސަރު އެ މީހުން ހަނދާން އެބަހުރި،" ރިޔާޟުގައި ހުންނަވާ ހުޅަނގުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިޑްލްއީސްޓް އައިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. "އެކަމަކު އެންމެ ފަހުން ސައުދީ އަރަބިއްޔާން ގަބޫލުކުރަނީ ހޫޘީންނަކީ މޮޔަ ބައެއް ކަމަށް. އެހެންވެ އެ މީހުންގެ ރުޅިވެރިކަން އަލުން އިތުރުކުރަން ބޭނުންވޭތޯ ސުވާލު އުފެދޭ،" އެ އޮފިޝަލު ވިދާޅުވި އެވެ.

މާހިރުން ބުނާ ގޮތުގައި ހޫޘީން ރަތް ކަނޑުގެ އައްސޭރިފަށުން ކުރިއަރަމުން ދިޔައިރު، ސައުދީ އަރަބިއްޔާން އުއްމީދު ކުރީ އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އެއީ، ގިނިކަންޏާ ހަނގުރާމަކުރާ ބައެއްގެ ގޮތުގައި ނުފެނުމަށެވެ. ބައެއް މާހިރުން ސުވާލު އުފައްދަނީ، ހޫޘީންގެ ކުރިއެރުން ހުއްޓުވުމަށް ސައުދީ އަރަބިއްޔާގެ ވަރުގަދަ ވައިގެ ސިފައިން ބޭނުން ނުކުރީ ކީއްވެގެންތޯ އެވެ. ހާއްސަކޮށް، ރަތް ކަނޑުގެ އައްސޭރިފަށަކީ ހާމަ ބިމަކަށް ވުމާއެކު، އެއީ ވައިގެ ހަމަލާ ދޭން ފަސޭހަ ސަރަހައްދެކެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެމެރިކާގެ އެހީއާ ނުލައި ކިހާވަރަކަށް ހަނގުރާމައިގައި ބައިވެރިވާނެކަމާމެދު ސައުދީ އަރަބިއްޔާއަށް ގޮތެއް ނުނިންމުނު. އެ ނިންމުން ލަސްވުމުގެ ސަބަބުން އެ ސަރަހައްދުތައް އެ މީހުންގެ އަތުން ބީވެގެން ދިޔައީ،" ހައިކަލް ވިދާޅުވި އެވެ.

އީރާނުގެ ނުފޫޒާއި ހޫޘީންގެ ޑިމާންޑްތައް

ސައުދީގެ އީސްޓް-ވެސްޓް ހޮޅިލައިނަށް ދިން ޑްރޯން ހަމަލާއާއި ރަށްތަކަކަށް އަތްގަދަކޮށް ހޫޘީން ހޯދި ހަލުވި ކުރިއެރުންތަކަކީ ވަކިވަކިން ހިނގި ކަންކަމެއް ނޫނެވެ. ހޫޘީންނަކީ އީރާނުގެ 'އެކްސިސް އޮފް ރެސިސްޓަންސް' ނުވަތަ ދެކޮޅުވެރިކަމުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ހޫޘީންނަކީ އަމިއްލަ މިނިވަން ބައެއް ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނި ނަމަވެސް، އެ މީހުން ތެހެރާނާ ގުޅިގެން މަސައްކަތް ކުރެ އެވެ. އީރާނުން މިދިޔަ ހޫނު މޫސުމުގައި ހޫޘީންނަށް އާ ހަތިޔާރާއި އަސްކަރީ މާހިރުން ޔަމަމަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުން މި ހަފުތާގައި ގަލްފްގެ ގައުމުތަކާ ބައްދަލުކޮށް، ހުރްމުޒް ކަނޑުއޮޅިން އަލުން އުޅަނދުފަހަރު ދަތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރަން އޮތީ ހަމަޖެހިފަ އެވެ. ސައުދީ އަރަބިއްޔާއަކީ ރަތް ކަނޑުގެ މަގު ބޭނުންކޮށްގެން އަދިވެސް ގިނަ އަދަދަކަށް ތެޔޮ ބޭރުކުރަމުންދާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. "ސައުދީ އަރަބިއްޔާގެ މިހާރުގެ ސިޔާސަތަކީ އީރާނާއެކު މަޝްވަރާކޮށް، ހޫޘީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުން،" ހައިކަލް ވިދާޅުވި އެވެ.

ހޫޘީން ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޔަމަނުގެ ވެރިރަށް ސަންޢާއާއި ގިނަ ސަރަހައްދުތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ނަމަވެސް، އެ މީހުން ތިބީ އިގްތިސާދީ އަދި ދަތުރުފަތުރުގެ ހިސާރެއްގެ ތެރޭގަ އެވެ. 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި، ސިޔާސީ މަޝްވަރާތައް ކުރިއަށްދާވަރަކަށް މި ބަންދުތައް އުވާލުމަށް އޮތީ ހިމަނާފަ އެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއަކަށް ނުދިޔަ އެވެ. ސަރަހައްދީ ޑިޕްލޮމެޓުން ބުނާ ގޮތުގައި ހޫޘީންގެ މި ހަމަލާތަކުގެ ބޭނުމަކީ، އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ކުރާ ފަދައިން، ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކުގެ އަތުން ފީ ނުވަތަ ޓެކްސް ނެގުމުގެ ބާރު ހޯދުމެވެ. ހޫޘީން ބުނަމުންދަނީ ސައުދީ އަރަބިއްޔާގެ އުޅަނދުތަކަށް ހުރަސްއެޅުން ހުއްޓާލާނީ، އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ބަނދަރުތަކާއި އެއާޕޯޓްތައް އެއްވެސް ހުރަހެއް ނެތި ހުޅުވާލުމުން ކަމަށެވެ.

ހައިކަލް ވިދާޅުވާ ގޮތުގައި ސައުދީ އަރަބިއްޔާއަށް އޮތް އެންމެ ފަހު ގޮތަކީ ހޫޘީންނަށް ފައިސާ ދީގެން ވަގުތީ ސުލްހައެއް ގާއިމުކުރުމެވެ. ނަމަވެސް، ޗެތަމް ހައުސްގެ ކުއިލިއަމް ވިދާޅުވީ، ހޫޘީންގެ ޝަރުތުތަކަށް ސައުދީ އަރަބިއްޔާއިން އެއްބަސްވުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ. "އެއީ ބަލިގަބޫލުކުރުން ފަދަ ކަމަކަށް ވާނެ. ސައުދީ އަރަބިއްޔާއިން ދެކެނީ އެއީ ސަރަހައްދީ ބާރެއްގެ ގޮތުގައި. އެ މީހުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ހޫޘީންގެ ޝަރުތުތަކަށް ދޫދިނުމަކީ ކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއަށް އޮތް ހަމައެކަނި ގޮތަކީ ޔަމަނުގެ ހަނގުރާމައިގައި އަސްކަރީ ދައުރު މަޑުމަޑުން އިތުރުކުރުމެވެ.

ކުރިމަގުގެ މިސްރާބު: 'ވައިގެ ހަމަލާތަކުގެ ދެވަނަ ފިޔަވަހި'

ސައުދީ އަރަބިއްޔާގެ މާހިރުން ބުނާ ގޮތުގައި، ކުރީގެ ހަނގުރާމައިން އެ ގައުމުން ވަނީ ފިލާވަޅު ލިބިގަނެފަ އެވެ. އެހެންކަމުން އަލުން ދިގުލީ ހަނގުރާމައެއްގެ ތެރެއަށް ވަންނާކަށް ސައޫދީ އަރަބިއްޔާއިން ބޭނުމެއް ނުވެ އެވެ.

"އަލުން ބިމުގެ މަގުން ބޮޑު ހަނގުރާމައަކަށް ދިއުމަކީ އަށް އަހަރުގެ ހަނގުރާމައިން ނުލިބުނު ނަތީޖާއެއް ލިބޭނެ ކަމެއް ނޫން. އަދި، އެއީ ސައުދީ އަރަބިއްޔާގެ އިގްތިސާދީ މަޝްރޫއުތަކަށް އޮތް ނުރައްކަލެއް،" ރިޔާޟުގެ ނާއިފް އަރަބް ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ސްޓަޑީޒްގެ ޑިރެކްޓަރު ހިޝާމް އަލްޣައްނާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ހޫޘީންނަށް އަސްކަރީ ގޮތުން ޕްރެޝަރު ބޮޑުކޮށް، ހަމަލާދިނުމަކީ އެ ޖަމާއަތަށް ގެއްލުން ހުރި ކަމެއްކަން ވިސްނައިދިނުމާއެކު، މަޝްވަރާގެ މަގުން ހައްލެއް ހޯދުން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސަލާމަތީ ދާއިރާގެ މާހިރު އަބްދުލްއަޒީޒް އަލްޣަޝިއާން ވިދާޅުވީ، މީގެ ދިހަ އަހަރު ކުރިން ފެށި 'ޑިސައިސިވް ސްޓޯމް' ފަދަ އާ އޮޕަރޭޝަނެއް ސައުދީ އަރަބިއްޔާން ފަށާފާނެ ކަމަށެވެ. "އަޅުގަނޑުމެން އަލުން ވައިގެ ހަމަލާތައް ފަށާނަން. ހޫޘީން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އަދި، ކައިރި މުސްތަގުބަލެއްގައި ޔަމަނުގެ އެތެރޭގެ މަޝްވަރާތަކެއް ފެށޭނެ ކަމަކަށް ނުބެލެވޭ،" އަލްޣަޝިއާން ވިދާޅުވި އެވެ. ސައުދީ އަރަބިއްޔާގެ މިހާރުގެ މައިގަނޑު އަމާޒަކީ ބާބުލް މަންދަބް ކަނޑުއޮޅީގެ މައްސަލަ ބައިނަލްއަގުވާމީ މައްސަލައަކަށް ހަދައި، އެމެރިކާއާއި ވިލާތާއި  އަރަބި ބައިވެރިންގެ އެހީތެރިކަން ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރުކޮށް ދަންނަވާނަމަ، ޔަމަނުގެ މައްސަލައިގައި ސައުދީ އަރަބިއްޔާން ދެން އަޅާނެ ފިޔަވަޅެއް ބިނާވެފައި އޮތީ އެ ގައުމުގެ ބައިވެރިން ނިންމާ ގޮތެއްގެ މައްޗަށެވެ.

މަސްދަރު: މިޑްލްއީސްޓް އައި

އެމެރިކާ-ސައުދީ އަރަބިއްޔާއީރާންޔަމަންހޫޡީމައްކާބާބުލް މަންދަބު

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
16 ސެޕްޓެމްބަރު 2026

ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް

16 ސެޕްޓެމްބަރު 2026
ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
16 ސެޕްޓެމްބަރު 2026

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
15 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟

15 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟
15 ސެޕްޓެމްބަރު 2026

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 137،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމަށް ބޮޑެތި ހުރަސްތަކެއް

15 ސެޕްޓެމްބަރު 2026
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 137،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމަށް ބޮޑެތި ހުރަސްތަކެއް
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
15 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ

15 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ
14 ސެޕްޓެމްބަރު 2026

ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟

14 ސެޕްޓެމްބަރު 2026
ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟
14 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި

14 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް