ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026 | ބުދަ 08:53ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ ހޮޅިލައިންތަކަށާއި ބާބުލް މަންދަބު ކަނޑުއޮޅިއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ދިފާއުގައި އިނގިރޭސިވިލާތުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ވިސްނަމުން. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، ސައުދީ އިސްވެ އޮންނަ ކޯލިޝަނާއި ހޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި އާންމުންނަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން.


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ލަންޑަނުގެ ޑައުނިންގ ސްޓްރީޓްގައި ހުންނަ އޭނާގެ އޮފީހުން ނިކުމެވަޑައިގަންނަވަނީ | އޭއެފްޕީ
ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ދެމުންދާ ހަމަލާތަކުގައި، އެ ގައުމަށް ޚާރިޖީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އިނގިރޭސިވިލާތުން މި ފިޔަވަޅަށް ވިސްނަން ފަށާފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އެހީތެރިކަމަށް އެދުމާ ގުޅިގެންނެވެ. އީރާނަށް ތާއީދުކުރާ ހޫޘީން ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުން ދެކުނަށް، ބާބުލް މަންދަބު ކަނޑުއޮޅިއާ ދިމާލަށް ކުރިއަރަމުންދާ ދިއުން ހުއްޓުވުމަށާއި، އެ ޖަމާއަތުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ބޭނުންވާ އޮޕަރޭޝަނަލް އެހީތެރިކަމަށް އެންޑީ ބަރނަމްގެ ސަރުކާރުގައި ސައުދީ އަރަބިއްޔާއިން އެދިފައިވާ ކަމަށް ބްލޫމްބާގް ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަންސާރުﷲގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީން ވަނީ މިދިޔަ ހަފުތާ ބަންދުގައި ބާބުލް މަންދަބު ކަނޑުއޮޅި ކައިރިން ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހިފާފަ އެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ހަތަރު އިންސައްތަ އުފުލާ ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ވެސް ހޫޘީން ވަނީ ހަމަލާތަކެއް ދީފަ އެވެ. ޑްރޯން ބޭނުންކޮށްގެން އެ ހޮޅިލައިނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރަށް ފަސް ހަފުތާ ނުވަތަ ހަ ހަފުތާގެ މުއްދަތެއް ބޭނުންވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތް ކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅީގެ ޔަމަނާވީ ފަޅި ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން، މިދިޔަ ހަފުތާގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ހަމަމިއާއެކު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ އިގްތިސާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހޫޘީންގެ ބާރުގެ ދަށަށް ބާބުލް މަންދަބު ކަނޑުއޮޅި ގޮސްފިނަމަ، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، އިނގިރޭސިވިލާތުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމުގެ ލަފާ ބަރނަމްއަށް އޭނާގެ މުޝީރުން ވަނީ އަރުވާފަ އެވެ. މި ހާލަތާ ގުޅިގެން، ސައުދީ އަރަބިއްޔާގެ މަސައްކަތްތަކަށް އެހީތެރިވުމަށް އިނގިރޭސިވިލާތުގެ އަސްކަރީ މުޝީރުން އެ ގައުމަށް ފޮނުވުމަށް ބަރނަމް އެއްބަސްވެވަޑައިގަންނަވާފައިވާ ކަމަށް، މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެ އެވެ.
ރިޔާޟަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެހީތެރިކަމަށް އެދިވަޑައިގަންނަވާފައިވާ އެމެރިކާއިން ވެސް މި ކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާންއާ ފޯނުން ގުޅުއްވައި، ހޫޘީންގެ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާތަކުގައި މިލިބެންޑް ވިދާޅުވީ، އިނގިރޭސިވިލާތުން އޮތީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރާއެކު ސާބިތުކަމާއެކުގައި ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތާއިޒް ޕްރޮވިންސަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކެއްގައި ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަންގާރަ ދުވަހުގެ ހެނދުނު ދިން މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށާއި، އިތުރު ދެ މީހަކު ޒަޚަމްވި ކަމަށް ހޫޘީންނާ ގުޅުން އޮންނަ އަލް-މަސީރާ ޓީވީން ރިޕޯޓްކުރެ އެވެ. މިއާ ޚިލާފަށް، ހޫޘީން ހޯމަ ދުވަހު ސައުދީގެ ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފް ސިޓީއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އާންމުންގެ 13 މީހަކު ޒަޚަމްވެފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ހާމަކޮށްފަ އެވެ.
ސައުދީ އަރަބިއްޔާއާއެކު ދާދި ފަހުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ޕާކިސްތާނާއި ތުރުކީވިލާތުން، ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައުދީއަށް އަދި އެހީތެރިކަން ފޯރުކޮށްދީފައެއް ނުވެ އެވެ. މި ކަމާ ގުޅޭގޮތުން ތުރުކީގެ އޮފިޝަލަކު ވިދާޅުވީ، އެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްނުދެނީ އެ ދިފާއީ އެއްބަސްވުމަށް އަމަލީ ގޮތުން އަދި މަސައްކަތް ފަށާފައި ނުވާތީ ކަމަށެވެ.
މަސްދަރު: މިޑްލްއީސްޓް އައި











