އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:45އީރާނުން އެމެރިކާއާއެކު މަޝްވަރާކުރަން އާދޭސްކުރާ ކަމަށް ބުނެ ރައީސް ޓްރަމްޕް ދައްކަވާ ވާހަކަތަކަކީ އެމެރިކާގެ އެތެރޭގެ ސިޔާސީ މަންފާއަށްޓަކައި އުފައްދާފައިވާ ދޮގު ވާހަކަތަކެއް ކަމަށް އީރާނުގެ ކުރީގެ ޑިޕްލޮމޭޓަކު ވިދާޅުވެއްޖެ. އީރާނުގެ މިހާރުގެ އަމާޒަކީ އާ އެއްބަސްވުމަކަށް ދިއުމުގެ ބަދަލުގައި ކުރީގެ ފަހުމުނާމާތައް ތަންފީޒުކުރުން ކަމަށާއި، ބައިނަލްއަގުވާމީ ޔަގީންކަމެއް ނެތި އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވި

އީރާނުގެ ބަންދަރު އައްބާސްގެ އައްސޭރިފަށުން، 2026 ސެޕްޓެމްބަރު 9 ވަނަ ދުވަހު އެމެރިކާގެ މިސައިލް ހަމަލާއެއް އަމާޒުވި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ނޭވީގެ މަނަވަރެއް ފެންނަ މަންޒަރު | ގެޓީ އިމޭޖަސް
އީރާނުން ސީދާ މަޝްވަރާތަކަށް އެދެމުންދާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތައް، އީރާނުގެ ކުރީގެ ޑިޕްލޮމޭޓް އައްބާސް ޚާމެޔާރު ދޮގުކުރައްވައިފި އެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޚާމެޔާރު ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި ކުރިއަށްދިޔަ މަސައްކަތްތަކުގެ އިތުރުން، އާ މަޝްވަރާތަކަކަށް އެއްވެސް އިތުރު މަސައްކަތެއް ކުރެވިފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އީރާނުން ގުޅަމުންދާ ކަމަށާއި، ބައްދަލުވުމަކަށް އެދި އާދޭސްކުރަމުންދާ ކަމަށް ބުނެ ރައީސް ޓްރަމްޕް ކުރައްވާ ޓުވީޓުތަކާއި ދެއްވާ ބަޔާންތަކަކީ އެމެރިކާއިން އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ވާހަކަތަކަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށާއި، ކަންތައްތައް ހިނގަމުންދަނީ އެފަދަ ގޮތަކަށް ނޫން ކަމަށްވެސް ޚާމެޔާރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ޚާރިޖީ ހަރަކާތްތައް ހުރީ ފާއިތުވި ހަފުތާތަކުގައިވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރޭގައި ކަމަށެވެ. އަދި އީރާނުގެ މިހާރުގެ އަމާޒަކީ އާ މަޝްވަރާތަކެއް ފެށުމުގެ ބަދަލުގައި، މިހާރުވެސް ސޮއިކޮށްފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" ނުވަތަ ފަހުމުނާމާގައިވާ ކަންކަން ތަންފީޒުކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެއްވެސް އެއްބަސްވުމަކަށް އިތުބާރު ކުރުމުގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގެ ގެރެންޓީ ނުވަތަ ޔަގީންކަން ބޭނުންވާނެ ކަމަށް ތެހެރާނުން ބުނަމުންދާ ބުނުން ޚާމެޔާރު ތަކުރާރު ކުރެއްވި އެވެ. ނަމަވެސް، މިހާރު މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކާ މެދު އޭނާ ޝައްކު އުފެއްދެވިއެވެ. މިގޮތުން ޕާކިސްތާނު، ގަތަރު ނުވަތަ އޮމާން ފަދަ ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކަށް އެފަދަ ބައިނަލްއަގުވާމީ ޔަގީންކަމެއް ދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް ޓްރަމްޕް އާންމުކުރައްވާ މެސެޖުތަކަކީ ބޮޑަށް އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހަށް އަމާޒުކޮށްގެން ދައްކަވާ ވާހަކަތަކެއް ކަމަށް ޚާމެޔާރު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕްގެ ބަޔާންތަކާއި ޓުވީޓުތަކުގެ ބޭނުމަކީ ހަކަތައިގެ ބާޒާރު ކޮންޓްރޯލް ކުރުމާއި، ކުރިއަށް އޮތް އިންތިޚާބުގައި އެމެރިކާގެ ވޯޓުލާ މީހުންގެ ތާއީދު ހޯއްދެވުމެވެ.











