މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!
18 ސެޕްޓެމްބަރު 2026 | ހުކުރު 13:37މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ފަތުރުވެރިން އައި މިންވަރު 16 އިންސައްތަ ދަށްވުމުން، މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 އިންސައްތަ ވަނީ ދަށްވެފައި. ނަމަވެސް ޖީއެސްޓީ އާއި އިންކަމް ޓެކްސްގެ އެހީގައި ދައުލަތުގެ ޖުމްލަ އާމްދަނީ 7.60 ބިލިއަން ރުފިޔާއަށް އަރައި، އަންދާޒާކުރި މިންވަރަށް ވުރެ 11 އިންސައްތަ އިތުރުވެފައިވޭ. މިހާރު ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދު 14.50 ބިލިއަން ރުފިޔާއަށް އަރާ


ރިސޯޓެއްގެ މުވައްޒަފަކު ފަތުރުވެރިންނަށް ޚިދުމަތް ދެނީ: މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ފަތުރުވެރިން އައި މިންވަރު 16 އިންސައްތަ ދަށްވުމުން، މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 އިންސައްތަ ވަނީ ދަށްވެފައި | ކޯޕަރޭޓް މޯލްޑިވްސް
މި ހިނގާ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާރުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު، މި ކުއާޓަރުގައި 328.23 މިލިއަން އެމެރިކާ ޑޮލަރު މީރާއަށް ވަނީ ލިބިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 6.1 އިންސައްތަ ދަށް އަދަދެކެވެ. ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަދަދު 16.0 އިންސައްތަ ދަށްވުމާ ގުޅިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ފީތަކުން ލިބުނު އާމްދަނީ ދަށްވުމެވެ. މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 66.4 އިންސައްތަ ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ލިބިފައި ވަނީ އަންދާޒާކުރެވޭ ގޮތުގައި 2.8 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 3.1 ބިލިއަން ޑޮލަރާ އަޅައިބަލާއިރު ދަށް އަދަދެކެވެ. އޭގެ އިތުރުން އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ދާއިރާއިން ފެނުނު ކުރިއެރުންތައް، ބޭރުގެ ގޮންޖެހުންތަކާ ހެދި ވަރަށް ބޮޑަށް މަޑުޖެހުނެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުވުމާއި ފްލައިޓުތައް ކެންސަލްވުން ފަދަ ކަންކަމުގެ ސަބަބުން 2026 ވަނަ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވި އެވެ. މިއީ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ މިންވަރަށް ސީދާ އަސަރުކުރި ކަމެކެވެ.
އަހަރުގެ ދެވަނަ ކުއާޓަރުގައި މިރާ އަށް އާމްދަނީގެ ގޮތުގައި 7.60 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މި މުއްދަތުގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ 11.0 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން 80 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށްވާއިރު، ބާކީ 20 އިންސައްތައަކީ ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އެވެ.
މި ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 6.05 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 3.91 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 51.5 އިންސައްތަ އެވެ. އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ގޮތުގައި 1.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 15.9 އިންސައްތަ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 546.83 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 480.58 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 448.87 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އާމްދަނީ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެކި ސިޔާސަތުތަކުގެ ދަށުން 1.39 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. މީގެ ތެރޭގައި ޑިއުސް ކްލިއަރެންސްގެ ގޮތުގައި ލިބުނު 243.65 މިލިއަން ރުފިޔާ އާއި ރިމައިންޑަރ ކޯލްތަކާއި އީމެއިލްތަކުގެ ޒަރީއާއިން ލިބުނު 40.58 މިލިއަން ރުފިޔާ ހިމެނެ އެވެ. ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.50 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރެއިން 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ އެވެ.









