ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
16 ސެޕްޓެމްބަރު 2026 | ބުދަ 16:23ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ކުއްލި ބަދަލުތަކެއް ގެނައުމާ ގުޅިގެން، ރާއްޖޭގައި އިންވެސްޓުކުރުމުގެ އިތުބާރު ގެއްލިފައިވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނަން ފަށައިފި


ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓެއްގެ މަންޒަރެއް | ޫޔުނިވާރސަލް
ދިވެހިރާއްޖޭގެ މާލީ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން ކުއްލިކުއްލިއަށް ގެންނަ ނިންމުންތަކުގެ ސަބަބުން، ރާއްޖޭގައި އިންވެސްޓުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނުމަކީ އާދައިގެ ވާހަކަ އެއް ނޫނެވެ. މިއީ ހަމަ އެއްގޮތަކަށް ވެސް ލުއިކޮށް ނެގޭނެ އާދައިގެ ވާހަކައެއް ނޫނެވެ. މިއީ މުޅި ގައުމުގެ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓާ އެއަރގެ ސީއީއޯ މުހައްމަދު ޚަލީލް ފާހަގަކުރެއްވި ގޮތުގައި، 24 ގަޑިއިރު ތެރޭގައި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސް އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުމަންޓްތަކުގެ އެއްވެސް ރައްކާތެރިކަމެއް އޮތް ތަނެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މުޅިން ގެއްލިގެން ގޮސްފައިވާއިރު، އެ ބޭފުޅުންގެ ބޯޑު ލެވެލްގައި މިހާރު ވަނީ މީގެފަހުން ރާއްޖޭގައި އިތުރު އެއްވެސް އިންވެސްޓްމަންޓެއް ނުކުރުމަށް ނިންމާފަ އެވެ.
ފާއިތުވި 25 އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހޮޓާތަކާއި، މާކެޓިން ނެޓްވޯކްތަކުގެ އިތުރުން އެއާލައިން ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޚަލީލް ވިދާޅުވީ، ރާއްޖެއިން ބޭރުން ހޯދާފައިވާ ވަސީލަތްތަކަށް ބޭރު ފައިސާއިން ފައިސާ ދައްކަންޖެހޭއިރު، ރާއްޖޭގެ ސިޔާސަތުތައް ހުރި ގޮތުން ބޭރުގެ ބޭންކުތަކަށް ވެފައިވާ އިލްތިޒާމުތައް ފުއްދުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. މީގެ އިތުރުން "ޑޮލަރު އިންޝުއަރެންސް ސްކީމް" ގެ ދަށުން ލޯނުތައް ނަގަން ޖެހުމުން، ފައިނޭންސް ކުރުމުގެ އަގު އިތުރު 1 އިންސައްތަ އާއި 1.5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުވެ، ވިޔަފާރިތަކަށް ވަނީ ބޮޑު ބުރައަކަށް ވެފަ އެވެ. ގިނަ މީހުންނަށް މިކަމުގެ އަސްލު މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، ފާއިތުވި 25 އަހަރު މި ދާއިރާގައި މަސައްކަތްކޮށް، ދާއިރާގެ އެކި ގިންތިތަކުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން، ފަތުރުވެރިކަމުގެ ސިނާއަތް އޮތްގޮތް ވަރަށް ފުރިހަމައަށް ތަސައްވަރު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެއާލައިނެއްގެ ހިދުމަތް ފެށީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމަށްޓަކައި އެއީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީ ކަމަށާއި ބޭރު ފައިސާއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ރިސޯޓުތަކަށާއި، އެއާލައިންތަކަށާއި، އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެހެނިހެން ވިޔަފާރިތަކަށް ކުރާނެ އަސަރާމެދު ކަންބޮޑުވުން އެބައޮތް ކަމަށް ޚަލީލް ވިދާޅުވި އެވެ.
މި މައްސަލައިގެ އެންމެ ނުރައްކާތެރި އެއް ކަމަކީ، 40 އިންސައްތައިގެ ބަދަލު ގެނައުމަށް ހޭދަވީ އެންމެ ހަފުތާއެއް ކަމަށްވެފައި، ދެތިން ހަފުތާ ތެރޭގައި އެއަށް އަމަލުކުރަން ފެށުމެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ އުސޫލެއް ނޫން ކަމަށާއި، މިއީ އިންވެސްޓަރުންނަށް ލިބޭ ފައިދާ އަނބުރާ ގެންދިއުމަށް ހުރަސްއަޅާ "ކެޕިޓަލް ކޮންޓްރޯލް" އެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން ޖެހުމުން، މުޅި ޑޮލަރު އާމްދަނީގެ ގާތްގަނޑަކަށް 70 އިންސައްތަ ސީދާ ދައުލަތަށް ވަންނައިރު، ފަސްލައްކައެއްހާ މީހުންގެ ކުޑަ އާބާދީއަކަށް މިއީ އަހަރަކު ލިބޭ އެތައް ބިލިއަން ޑޮލަރެކެވެ. މިއީ ރަނގަޅު ގޮތުގައި މެނޭޖްކޮށްފިނަމަ ފުދޭވަރަށްވުރެ އިތުރު މިންވަރެކެވެ. ނަމަވެސް، ސިޔާސީ ހުރިހާ ވައުދުތަކެއް އެއްފަހަރާ ފުއްދަން އުޅުމުގެ ބަދަލުގައި، އިސްކަންދޭނެ ކަންކަން ކަނޑައަޅައި، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ފަތުރުވެރިކަމާއި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން ފާޅުކުރަމުންދާ މިފަދަ ސީރިއަސް ކަންބޮޑުވުންތަކަށް ސަރުކާރުން އަދިވެސް އިޖާބަ ނުދީ ހޭނުލާ ތިބެނީ ކީއްވެގެން ހެއްޔެވެ؟ ނަމަވެސް މި އިންޒާރުތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށްވުރެ މާ ނުރައްކާތެރި، ގައުމުގެ ކުރިމަގާ ގުޅިފައިވާ ހަގީގަތަކެވެ.









