ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ
16 ސެޕްޓެމްބަރު 2026 | ބުދަ 08:30މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި. މިއަހަރުގެ މިހާތަނަށް ޖުމްލަ 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާ

ޗައިނާގެ ފަތުރުވެރިންތަކެއް އާންމު ފެރީއަކުން ފައިބަނީ. | ގެޓީ އިމޭޖަސް
މި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 އިން 14 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 64,992 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 66,561 ފަތުރުވެރިންނާ އަޅާބަލާއިރު 2.4 އިންސައްތައިގެ ދަށްވުމެކެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 14 ދުވަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4,642 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އެންމެ މަދުން ފަތުރުވެރިން އައީ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ. އެ ދުވަހު 3,947 ފަތުރުވެރިން އައިއިރު، އެންމެ ގިނައިން ފަތުރުވެރިން އައި ސެޕްޓެމްބަރު 5 ވަނަ ދުވަހު 5,276 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މި މުއްދަތުގެ ތެރެއިން ހަތަރު ދުވަހެއްގައި 5,000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ފާހަގަކުރެވެ އެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފަތުރުވެރިން އައި މިންވަރު ދަށްވެފައި މިވަނީ، އޮގަސްޓް މަހު ފަތުރުވެރިކަމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައި ވަނިކޮށެވެ. 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 195,390 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި 192,058 ފަތުރުވެރިންނާ އަޅާބަލާއިރު 1.7 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އޮގަސްޓް މަހުގެ އެ ކުރިއެރުން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާތަކުގައި ދެމެހެއްޓިފައެއް ނުވެ އެވެ.
ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރުވެސް، ފަތުރުވެރިކަން އުޅެނީ މިދިޔަ އަހަރަށްވުރެ ފަހަތުގަ އެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު 14 ގެ ނިޔަލަށް ރާއްޖެއަށް 1,488,168 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި 1,553,487 ފަތުރުވެރިން ރާއްޖެއަށް އައެވެ. މިއީ ގާތްގަނޑަކަށް 4.2 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އޮތީ ޗައިނާ އެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 279,410 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން 218,445 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 114,986 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 73.5 އިންސައްތަ ފަތުރުވެރިން ތިބީ ރިސޯޓުތަކުގަ އެވެ. އަދި 22.1 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ތިބިއިރު، ހޮޓާތަކުގައި 2.3 އިންސައްތަ އަދި ސަފާރީ އުޅަނދުފަހަރުގައި 1.9 އިންސައްތަ ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފަ އެވެ.










