ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 15:48ޝާހިދު ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށްލުމަށް ގޮވާލައްވާފައި. ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ މަޝްވަރާނުކޮށް ސަރުކާރުން ކުއްލި ބަދަލުތައް ގެންނާތީ، އެ ދާއިރާގެ ތަޖުރިބާކާރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން


އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ އެމްވީ
ސަރުކާރުން ސިޔާސަތުތަކަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު ވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެއްވެސް މަޝްވަރާކުރުމެއް ނެތި ސަރުކާރުން ކުއްލިކުއްލިއަށް ގެންނަ ކޮންމެ ބަދަލަކީ، އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ކަންކަމެވެ.
ޝާހިދު ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ އެކު މަޝްވަރާކޮށް، އެބޭފުޅުންގެ އަޑުއެހުމަށް ސަރުކާރަށް އިލްތިމާސްކުރެއްވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ވެސް ޝާހިދު ވަނީ ސަރުކާރަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
ޝާހިދު މިފަދައިން ގޮވާލައްވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓާ އެއަރގެ ސީއީއޯ މުހައްމަދު ޚަލީލް ވެސް ފާހަގަކުރެއްވި ގޮތުގައި، 24 ގަޑިއިރު ތެރޭގައި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސް އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުމަންޓްތަކުގެ އެއްވެސް ރައްކާތެރިކަމެއް އޮތް ތަނެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މުޅިން ގެއްލިގެން ދާނެ އެވެ.
ބޭރު ފައިސާއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ރިސޯޓުތަކަށާއި އެއާލައިންތަކަށާއި އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެހެނިހެން ވިޔަފާރިތަކަށް ކުރާނެ އަސަރާމެދު ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ދާއިރާގެ ތަޖުރިބާކާރުންގެ ވެސް އެބައޮތެވެ.











