ޕާކިސްތާނުގެ ހަސްފަތާލެއްގައި ރޯވެ 14 ތުއްތުކުދިން މަރުވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް!
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:14ޕާކިސްތާނުގެ ޕިމްސް ހަސްފަތާލުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ދައްކާގޮތުގައި، މި ކާރިސާ ކުރިމަތިވީ ސަލާމަތީ ނިޒާމުތައް ފޭލުވެފައި ހުރުމާއި އިމާރާތުގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ދޮރުތައް ބަންދުކޮށްފައި ހުރުމުން. މި އިހުމާލާ ގުޅިގެން އަށް އޮފިޝަލަކަށް ދައުވާކުރަން ނިންމާފައިވާއިރު، މުޅި ގައުމުގެ ފަޔަރ ސޭފްޓީ އޮޑިޓެއް ހެދުމަށް ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފައި


ޕާކިސްތާނުގެ ހަސްފަތާލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތުއްތުކުއްޖެއްގެ ހަށިގަނޑު އުރާލައިގެން ހުރި މީހަކު އެ ކުއްޖާގެ ޖަނާޒާގެ ތެރެއިން | ގެޓީ އިމޭޖަސް
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ހަސްފަތާލުގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި 14 ތުއްތު ކުދިން މަރުވީ، އެ ހަސްފަތާލުގެ ތުއްތު ކުދިންނަށް ފަރުވާދޭ ޔުނިޓުގައި އަލިފާނުގެ އިންޒާރުދޭ ނިޒާމާއި ފެންޖަހާ ސިސްޓަމްތައް ހަރުކޮށްފައި ނެތުމުގެ ސަބަބުން ކަމަށް އެ މައްސަލައިގެ ރަސްމީ ތަހުގީގީ ރިޕޯޓުން ދައްކައިފި އެވެ.
ރިޓަޔަރކޮށްފައިވާ އިސް ސިވިލް ސާވަންޓަކު އިސްވެ ހުންނަވައި އެކުލަވާލެއްވި މި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ، މިއީ މުޅި ނިޒާމާއި މުއައްސަސާ ފެއިލްވުމުގެ ނަތީޖާ ކަމަށާއި، ކަރަންޓު ޝޯޓަކުން ފެށުނު ކުޑަ މައްސަލައެއް ބޮޑު ކާރިސާއަކަށް ބަދަލުވީ އެ ސަބަބާ ހުރެ ކަމަށެވެ. އަލިފާން ނިއްވާ މީހުންނާ ހަވާލާދީ އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ކުއްލި ހާލަތްތަކުގައި ނުކުމެވޭނެ ދޮރުތައް ހުރީ "ތަޅުލާފައި ނުވަތަ ބަންދުކޮށްފައި" ކަމަށެވެ. މި ރިޕޯޓާއި އޭގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ޕިމްސް ހަސްފަތާލުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ނަން ހާމަނުކުރުމަށް އެދި މީޑިއާއާ ވާހަކަދެއްކި ފަޔަރ ފައިޓަރަކު ބުނީ، އިސްލާމްއާބާދުގައި ހުންނަ އެ ހަސްފަތާލަށް ވަނުމަކީ "އިންތިހާއަށް އުނދަގޫ" ކަމެއް ކަމަށް ރެސްކިއު މަސައްކަތްތެރިންގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަސްފަތާލުގެ ބޭރު ދޮރުތައް ތަޅުލާފައި ހުރުމުން އެތެރެއަށް ވަނުމަށް ޓަކައި ކުޑަދޮރުތައް ތަޅާލަން ޖެހުނު ކަމަށާއި، އެތެރެއަށް ވަނުމަށްފަހު ވެސް ވޯޑަށް ވަންނަން ހުރި ދޮރުތައް ހުރީ ތަޅުލާފައި ކަމަށް އޭނާ ކިޔައިދިނެވެ. އަލިފާންގަނޑު ނިއްވާލި ފަހުން އެ ތަނަށް ދެވުނު އެ ފަޔަރ ފައިޓަރު ބުނީ، އެ ތަނުން ފެނުނު މަންޒަރުތައް ސިފަކޮށްދޭން ވެސް ދަތި ކަމަށެވެ. މި ގޮތުން، ތުއްތު ކުދިންގެ ބޯމަތީގައި ހުރި މެޑިކަލް އިކުއިޕްމަންޓްތައް ވިރިގެން އެ ކުދިންގެ ގައިމައްޗަށް ފައިބާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު ހަސްފަތާލުގެ ތެރޭގައި ތިބި ގިނަ ބަޔަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެންމެ ފުރަތަމަ އެނގުނީ މީހުން ހަޅޭއްލަވާ އަޑަށެވެ. އެ ވަގުތު ބަލި މަންމައާއެކު ކައިރި ވޯޑެއްގައި އިން އަބްދުލްޣަފޫރު، އަލިފާން ރޯވެގެން އުޅޭ އަޑު އިވުމާއެކު އެހީތެރިވުމަށް މަތީ ފަންގިފިލާއަށް ދިޔަ އެވެ. މުޅި ވޯޑު އޮތީ ދުމުން ފުރިފައި ކަމަށް އޭނާ ކިޔައިދިނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަލިފާންގަނޑު ފެތުރިގެން ދިޔައީ ވަރަށް ހަލުވިކަމާ އެކުގަ އެވެ. ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، ކަމެއް ގޯސްވެގެން އުޅޭކަމުގެ ފުރަތަމަ ނިޝާނެއް ފެނުނީ ހެނދުނު 06:38 ގަ އެވެ. އެ ވަގުތު ނަރުހަކު ވޯޑުން ބޭރަށް ދުވެފައި ގޮސް، 20 ސިކުންތު ފަހުން ސެކިއުރިޓީ ގާޑަކާއެކު އެނބުރި އަންނަ މަންޒަރު ފެނެ އެވެ. އޭގެ ފަހުން ރާޒިއާ ނޫރީން ނަމަކަށް ކިޔާ އެހެން ނަރުހަކު ވޯޑަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަ މަންޒަރު ފެނުނު އިރު، އެއީ މި ހާދިސާގައި ސަލާމަތްވި ހަމައެކަނި ކުއްޖާ އެވެ.
އޭގެ އެއް މިނެޓެއްހާއިރު ތެރޭގައި ބޯ ދުމުގެ ސަބަބުން ކެމެރާއަށް އެއްވެސް މަންޒަރެއް ނުފެންނަ ވަރަށް އަނދިރިވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ޖެހިގެން އޮތް ވޯޑުގައި ފަހަރި އަދި އަލަށް އުފަންވި އާއިލާގެ ކުއްޖާއާއެކު އިން ހިވްސާ ވަލީދު ބުނީ، ބޮޑު ހަލަބޮލިކަމެއްގެ އަޑު އިވުމަށްފަހު ތުއްތު ކުދިން ނިދާފައި ތިބި ޔުނިޓުން ދުން އަރާތަން ފެނުމުން އަލިފާން ރޯވިކަން އެނގުނު ކަމަށެވެ. އެ ވަގުތު ވާނުވާ އެއްވެސް ވަރަކަށް ފަހުމް ނުވި ކަމަށާއި، ހަމައެކަނި ވިސްނުމަކީ ސަލާމަތްވުމަށް ޓަކައި ތިރިއަށް ފޭބުން ކަމަށް ވެސް އޭނާ ބުންޏެވެ.
ހާދިސާ ހިނގި ދުވަހު ކަމާބެހޭ ފަރާތްތަކުން ލަފާކުރީ އަލިފާން ރޯވީ ވޯޑުގެ އެއަރކޮންޑިޝަނުން ބޭރުވި ކަރަންޓު ކަނިތަކަކުން ކަމަށެވެ. ތަހުގީގީ ރިޕޯޓުގައި ވެސް ބަޔާންކޮށްފައި ވަނީ، ކަރަންޓު ކޭބަލެއް ހޫނުވުމުގެ ސަބަބުން އަލިފާން ރޯވުމަކީ އެންމެ އެކަށީގެންވާ ސަބަބު ކަމަށެވެ. ނަމަވެސް، ކަރަންޓުގެ ސީދާ މައްސަލައަކީ ކޮބައިކަން އަދިވެސް ސާފުވެފައެއް ނުވެ އެވެ.
އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔައީ އެ ތަނުގައި ހުރި ޕްލާސްޓިކާއި، ސާމާނާއި، ކުނިވަށިތަކުގައި ރޯވުމުގެ ސަބަބުން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ވޯޑުގައި ތިބި ބައެއް ކުދިންނަށް އޮކްސިޖަންގެ އެހީތެރިކަން ދެމުންދިޔައިރު، އޮކްސިޖަންގެ ސަބަބުން އަލިފާންގަނޑު ފެތުރުން އަވަސްވި ނަމަވެސް، އަލިފާން ފެތުރުމަށް އޮކްސިޖަން މަގުފަހިކޮށްދިން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ތެރޭގައި ހިތާވެރި ހާދިސާއެއް ހިނގައިފި | ސޯޝަލް މީޑިއާ
އެއަރކޮންޑިޝަން ޔުނިޓްތައް މަރާމާތުކޮށްފައިވީ ނަމަވެސް، އެއީ ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުން ނޫން ކަމަށް ތަހުގީގުގައި ވަނީ ފާހަގަކޮށްފަ އެވެ. ހަސްފަތާލުގެ އެއަރކޮންޑިޝަންތައް ބަދަލުކުރުމަށް 2018 ވަނަ އަހަރު ހުއްދަ ލިބިފައިވީ ނަމަވެސް، އަށް އަހަރު ވީއިރު ވެސް އެކަން ކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން، ދުން ދެނެގަންނަ ނިޒާމާއި، އަލިފާނުގެ އިންޒާރުދޭ ސިސްޓަމް އަދި ފެންޖަހާ ސިސްޓަމްތައް ވެސް މަސައްކަތް ނުކުރާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
ހަމަމިއާއެކު، ހާއްސަ ފަރުވާ ބޭނުންވާ ތުއްތު ކުދިން ރައްކާތެރިކަމާއެކު ކުއްލި ހާލަތެއްގައި ބޭރަށް ނެރޭނެ ގޮތުގެ ތަމްރީނެއް ނުވަތަ ފަރިތަކުރުމެއް އެ ޔުނިޓުގެ މުވައްޒަފުންނަށް ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އަދި، ކުއްލި ހާލަތެއްގައި އޮކްސިޖަން ސަޕްލައި މެދުކަނޑާލާނެ ގޮތުގެ ތަމްރީނު ވެސް މުވައްޒަފުންނަށް ދީފައެއް ނުވެ އެވެ.
ހަސްފަތާލުގެ ތެރޭގައި އޮތީ ބޮޑު ހާސްކަމާއި އޮޅުންބޮޅުންގަނޑެއް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ސިފަކުރި އެވެ. ހިވްސާ ވަލީދު ބުނީ، އެ ތަނުގައި އަލިފާން ނިއްވާ ފުޅިތަކާއި އަމަލުކުރާނެ އުސޫލުތަކެއް ހުންނަން ޖެހޭނެ ނަމަވެސް، އެއްވެސް މީހަކު އެ ފަދަ ކަމެއް ނުކުރާ ކަމަށާއި އެންމެން ވެސް އުޅުނީ ދުވެ ސަލާމަތްވުމަށް ކަމަށެވެ. އަބްދުލްޣަފޫރު ބުނީ، އޭނާއާއެކު ތިބި ހަތް މީހުންގެ ގްރޫޕަކުން މަސައްކަތް ކުރީ ބޯ ދުންތައް ބޭރުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށާއި، ފަޔަރ ފައިޓަރުން އައުމުގެ ކުރިން ކޮރިޑޯގެ ކޮޅުގައި ހުރި ބިއްލޫރިތައް އެ މީހުން ތަޅާލި ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން، އަލިފާން ރޯވިތާ ގާތްގަނޑަކަށް 20 މިނެޓު ފަހުން، ހެނދުނު 06:54 ވަންދެން ވެސް އެމަޖެންސީ ސާވިސްތަކަށް މި ހާދިސާގެ މައުލޫމާތު ދީފައެއް ނުވެ އެވެ. އެ ތަނަށް ފުރަތަމަ ރެސްކިއު ޓީމަށް ދެވުނީ ހެނދުނު 07:01 ގަ އެވެ. ހަސްފަތާލުގެ ބައެއް ދޮރުތަކުން ވަންނަން ރެސްކިއު ސްޓާފުންނަށް ވަރަށް ބޮޑަށް ދަތިވި ކަމަށް، މީޑިއާއާ ވާހަކަދެއްކި ފަޔަރ ފައިޓަރެކޭ އެއްފަދައިން ޣަފޫރު ވެސް ބުންޏެވެ.
އެ ދުވަސްވަރު ހަސްފަތާލުގެ އެގްޒެކެޓިވް ޑިރެކްޓަރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތުއްތު ކުދިންގެ ވޯޑުގެ ދޮރު ހުރީ ތަޅުލާފައި ނޫން ކަމަށާއި، ނަމަވެސް ސަރުކާރު ހޮސްޕިޓަލްތަކުން ތުއްތު ކުދިން ވަގަށް ނެގުމުގެ ހާދިސާތައް މީގެ ކުރިން ހިނގާފައިވާތީ އެ ތަން ބަލަހައްޓަމުން ދިޔައީ ކަމަށެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށް ޓަކައި ވަކި އުސޫލުތަކެއް ހުރުމަކީ މައްސަލައެއް ނޫން ނަމަވެސް، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ މަގުތައް ބަންދުވެފައި ހުރެގެން ނުވާނެ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، އަލިފާނުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު މީގެ ކުރިން ވެސް ހަސްފަތާލަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މި ގޮތުން، މި ހާދިސާ ހިނގުމުގެ އެއް މަސް ކުރިން، ނަރުހުން ތިބޭ ހޮސްޓެލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދުން ދެނެގަތުމާއި އިންޒާރުދޭ ނިޒާމުގެ މައްސަލަތައް ވަނީ ފާހަގަވެފަ އެވެ.
ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ، ކުރިން ލިބިފައިވާ އިންޒާރުތަކާއި ފާހަގަކުރެވިފައިވާ ނުރައްކާތަކަށް ބަލައި، ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގައި ފޭލުވެފައިވާތީ، އޭގެ ފުރިހަމަ ޒިންމާ ހަސްފަތާލާއި އިސް މެނޭޖްމަންޓުން އުފުލަންޖެހޭނެ ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ތަހުގީގުން ފާހަގަކުރި ކަންކަން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށް އަންގަވާފަ އެވެ. އަދި، ސަރުކާރާއި އަމިއްލަ އޮފީސްތަކާއި އިމާރާތްތަކުގެ ފަޔަރ ސޭފްޓީ އޮޑިޓެއް ހެދުމަށް ވެސް ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފަ އެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އަށް އޮފިޝަލަކު ސަސްޕެންޑްކޮށް، އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ވެސް ބޮޑުވަޒީރު ވަނީ އަންގަވާފަ އެވެ.
މަސްދަރު: ބީބީސީ










