ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ
26 އޯގަސްޓު 2026 | ބުދަ 05:03ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕީ.އައި.އެމް.އެސް ހޮސްޕިޓަލުގެ ނާސަރީގައި ހުރި އެއާކޮންޑިޝަނެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 13 ކުއްޖަކު މަރުވެއްޖެ. ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި ކުދިންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު، މިއީ އެ ގައުމުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ކަރަންޓު ނިޒާމު ބޯދާވުމުގެ ސަބަބުން ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށް ބެލޭ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ތެރޭގައި ހިތާވެރި ހާދިސާއެއް ހިނގައިފި | ސޯޝަލް މީޑިއާ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކަށް ޚާއްސަ ވޯޑުގައި ރޯވެ ހިނގި ހާދިސާއެއްގައި، މަދުވެގެން 15 ކުދިން މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން މައުލޫމާތު ދީފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. މަރުވި ކުދިންގެ ތެރޭގައި ގިނައީ އަލަށް އުފަންވި ތުއްތު ކުދިންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް ފޯ މެޑިކަލް ސައިންސަސް (ޕީ.އައި.އެމް.އެސް) ގެ ތުއްތު ކުދިން ބައިތިއްބާ ނާސަރީގަ އެވެ. ރެސްކިއު ޓީމުތަކުން މައުލޫމާތު ދޭ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ނާސަރީ ތެރޭގައި ހުރި އެއާކޮންޑިޝަނެއްގެ ކޮމްޕްރެސަރެއް ގޮވުމުގެ ސަބަބުންނެވެ.
ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އަލިފާން ރޯވި ވަގުތު އެ ތަނުން ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. އަދި މި ހާދިސާގައި ބައެއް ކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބި، ހާލު ދެރަވުމުގެ ސަބަބުން މަރުވި ކުދިންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ.
އިސްލާމްއާބާދުގެ ޗީފް ކޮމިޝަނަރު ސުހައިލް އަޝްރަފް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެތަނުގެ ގާތްގަނޑަކަށް 7 ޖަހަނިކޮށެވެ.
އަޝްރަފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާގެ ރިޕޯޓު ލިބުމާއެކު ރެސްކިއު ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ހިންގާ ޕީ.އައި.އެމް.އެސް ހޮސްޕިޓަލަކީ ވެރިރަށުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ މުއައްސަސާއެކެވެ.
އެ މުއައްސަސާގެ ވެބްސައިޓުގައިވާ ގޮތުން، އެ ތަނުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތަށް މެޑިކަލް ދަރިވަރުންނާއި، ޕެރާމެޑިކުން އަދި ޕޯސްޓް-ޑޮކްޓޯރަލް ފެލޯއިން ތަމްރީނުކުރާ، ދިރާސާކުރުމަށް އިސްކަންދޭ އެންމެ ކުރިއަރާފައިވާ މެޑިކަލް ޔުނިވާސިޓީއަކަށް ވުމެވެ.
ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި، ހާއްސަކޮށް އާދައިގެ ގޮތަކަށް ކަރަންޓު ނިޒާމުތައް ބޭނުންކުރާ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ.










