14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގައި ބާއްވަން ނިންމައިފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 06:05ކޮވިޑާ ގުޅިގެން އެކި ފަހަރުމަތިން ފަސްކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައި. ޖުމުލަ 28 ކުޅިވަރެއް ހިމެނޭ މި މުބާރާތުގައި ސަރަހައްދީ އަށް ގައުމަކުން 6،000 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ. މި މުބާރާތް ކުރިއަށްދާނީ ޕާކިސްތާނުގެ އިސްލާމްއާބާދާއި ޕަންޖާބުގެ އިތުރުން ޚައިބަރް ޕަޚްތޫންޚުވާގައި


މީގެ ކުރިން އޮތް ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން | ރޮއިޓާސް
ގިނަ ދުވަސްތަކެއް ވަންދެން ފަސްކުރެވިފައިވާ 14 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން (ސާފް) ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުން، 11 އަށް ޕާކިސްތާންގައި ބޭއްވުމަށް ނިންމައިފި އެވެ.
ޕާކިސްތާންގެ ފޮރިން އޮފީހުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، 28 ކުޅިވަރެއް ހިމެނޭ މި މުބާރާތުގައި އެކި ޤައުމުތަކުން ގާތްގަނޑަކަށް 6،000 އެތުލީޓުން ވާދަކުރާނެ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ މި ކުޅިވަރު މުބާރާތަކީ 1984 ވަނަ އަހަރުން ފެށިގެން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލްގެ ބެލުމުގެ ދަށުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކަކީ ޕާކިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އެވެ. 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި އެންމެ ފަހުގެ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އިންޑިއާ އިންނެވެ.
އެންމެ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެންމެ ފުރަތަމަ ފަސްކުރަން ޖެހުނީ ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އޭގެ ފަހުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ބާއްވަން ތާވަލު ކުރުމަށް ފަހު، މުބާރާތް ވަނީ އަނެއްކާ ވެސް ފަސްކޮށްފަ އެވެ.
ޕާކިސްތާންގެ އިސްލާމްއާބާދާއި ޕަންޖާބު އަދި ޚައިބަރް ޕަޚްތޫންޚުވާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2027 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގު ދާރް އެވެ.
ޕާކިސްތާންގެ ފޮރިން އޮފީހުން ބުނީ ސައުތު އޭޝިއަން އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، 2027 ވަނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހުން ފެށިގެން، 11 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ބޭއްވުމަށް މިހާރު ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޖުމުލަ 28 ކުޅިވަރެއް މި މުބާރާތުގައި ހިމެނޭއިރު، 6،000 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.










