ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް
12 އޯގަސްޓު 2026 | ބުދަ 14:25ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރި "ތިހާމާ" ބޯޓަށް ހޫޘީން ދިން ހަމަލާގައި ޕާކިސްތާނުގެ ތިން މީހުން ހިމެނޭހެން ހަ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައި. ހޫޘީންގެ މި ހަމަލާ ޕާކިސްތާނުން ކުށްވެރިކޮށްފައިވާއިރު، މި ހާދިސާގެ ތަފުސީލު ހޯދުމަށް އެ ގައުމުން ދަނީ ސައުދީ އަރަބިއްޔާ އާއި ޔަމަނުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން

ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ "ތިހާމާ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް ހޫޘީ ހަނގުރާމަވެރިން ވަނީ ހަމަލާދީފައި | ޔަމަން އޮންލައިން
ޔަމަނުގެ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރި "ތިހާމާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަށް ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދު 16 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކޯސްޓްގާޑުން އަންގާރަ ދުވަހު އިއުލާންކޮށްފި އެވެ. މި ހަމަލާ ދީފައިވަނީ މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ބޯޓެއް ބޭނުންކޮށްގެން، އެ ސަރަހައްދުގައި އޮތް ބޯޓަށާއި އެހީތެރިކަން ފޯރުކޮށްދޭން ދިޔަ ރެސްކިއު ޓީމުތަކަށް އަމާޒުކޮށްގެންނެވެ.
ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި ޖުމްލަ ހަ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި ޕާކިސްތާނުގެ ތިން މީހަކާއި، އިންޑޮނޭޝިއާގެ ފަޅުވެރިއެއްގެ އިތުރުން، ޔަމަނު ސަރުކާރުގެ ސެކަންޑް ނޭވަލް ބްރިގޭޑަށް ނިސްބަތްވާ ދެ ސިފައިންނެވެ. މީގެ އިތުރުން މި ހަމަލާގައި 10 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ބޯޓުގެ ހަތް ފަޅުވެރިއަކާއި ރެސްކިއު ފޯސްގެ ތިން މީހަކު ހިމެނެ އެވެ.
ތަކުރާރުކޮށް ދިން މި ހަމަލާތަކުގެ ސަބަބުން "ތިހާމާ" ބޯޓުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތު، ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން އެ ސަރަހައްދަށް ފޮނުވާލި ގޮވާތަކެތި ހަރުކޮށްފައިވާ ބޯޓެއް، ސައުދީ ކޯލިޝަންގެ މަދަދު ލިބޭ ސަރުކާރުގެ ސިފައިން ވަނީ ހަމަލާދީ ހުއްޓުވާފަ އެވެ.
އާންމު މުދާ އުފުލާ ބޯޓަކަށް ހޫޘީން ދިން ހަމަލާއެއްގައި، ޕާކިސްތާނުގެ ތިން ރައްޔިތަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ބުދަ ދުވަހު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހޫޘީން ދިން މި ހަމަލާ ޕާކިސްތާނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ގައުމުން ބުނި ގޮތުގައި ހޫޘީންގެ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ރަތް ކަނޑުގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.
ޕާކިސްތާނަކީ ސައުދީ އަރަބިއްޔާއާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމެކެވެ. މި އެއްބަސްވުމުގެ ދާއިރާ ފުޅާކޮށް، ތުރުކީ ވެސް މިދިޔަ ހަފުތާގައި ވަނީ އޭގައި ބައިވެރިކޮށްފަ އެވެ. މީގެ އިތުރުން، މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އީރާނާއި އެމެރިކާއާ ދެމެދު ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
ޚާރިޖީ ވަޒީރު އިސްހާގު ދާރު ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އޭގެ ތަފުސީލު ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.










