އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި
18 އޯގަސްޓު 2026 | އަންގާރަ 11:19ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވަމުންދާ ކަމަށް މެޑިކަލް ރިޕޯޓުތަކުން ދެއްކުމާ ގުޅިގެން، އޭނާ ހޮސްޕިޓަލަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ. މި އަމުރާއެކު އާއިލާއާ ބައްދަލުކުރުމާއި ފަރުވާގެ ކަންކަން އަމިއްލަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، 2026 އޮގަސްޓް 5 ވީ ބުދަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) އަށް ތާއީދުކުރާ ފަރާތްތަކުން ޖަލަށްލާފައިވާ އެ ޕާޓީގެ ލީޑަރުގެ ފޮޓޯތައް ހިފައިގެން ޝުއޫރުފާޅު ކުރަނީ | ގެޓީ އިމޭޖަސް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ގެ ބާނީ އިމްރާން ޚާން، ރާވަލްޕިންޑީގެ އަޑީޔާލާ ޖަލުން އިސްލާމްއާބާދުގައި ހުންނަ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ދެ ދުވަސް ތެރޭގައި ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ. މިއީ އިމްރާން ޚާންގެ ޕާޓީން އެތައް މަހެއް ވަންދެން ކުރަމުންދިޔަ ޑިމާންޑަކަށް ކޯޓުން އިއުލާނުކުރި ނިންމުމެކެވެ.
އިމްރާން ޚާންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އުޒައިރު ބަންޑާރީ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ އިމްރާން ޚާންގެ ފަރުވާގެ ކަންކަން ބެލެހެއްޓުމަށް މެޑިކަލް ބޯޑެއް އެކުލަވާލުމަށްވެސް އަމުރުކޮށްފަ އެވެ. މި ބޯޑުގައި އިމްރާން ޚާންގެ ކޮއްކޮ ޑރ. އުޒްމާ ޚާން އާއި އޭނާގެ އަމިއްލަ ޑޮކްޓަރު ޑރ. ފައިސަލް ސުލްތާން ހިމެނުމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
"ހޮސްޕިޓަލުގައި ހުންނަވާއިރު އިމްރާން ޚާންގެ އާއިލާއަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށާއި، ގައުމުން ބޭރުގައި ދިރިއުޅޭ އޭނާގެ ފިރިހެން ދަރިންނާ ފޯނުން ވާހަކަދެއްކުމުގެ ހުއްދަ ދިނުމަށްވެސް ކޯޓުން ވަނީ އިރުޝާދު ދީފައި،" ބަންޑާރީ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ކޯޓުގެ އަމުރުގައިވާ ގޮތުން އެ ތާރީޚާ ހަމައަށް އިމްރާން ޚާން ބާއްވަންޖެހޭނީ ހޮސްޕިޓަލުގަ އެވެ. މިއީ ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި ކުށްވެރިވެ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަލަށްލީ ފަހުން އިމްރާން ޚާން ޖަލުން ބޭރުގައި ހޭދަކުރައްވާނެ އެންމެ ދިގު މުއްދަތެވެ. އިމްރާން ޚާން އާއި އޭނާގެ ޕާޓީން ބުނަމުންދަނީ އެ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.
ކޯޓުން މި އަމުރު ނެރުނީ، އުމުރުން 73 އަހަރުގެ އިމްރާން ޚާންގެ ސިއްހީ ހާލަތާ ގުޅޭގޮތުން އަޑީޔާލާ ޖަލުގެ ސުޕްރިންޓެންޑެންޓް ހޯމަ ދުވަހު ހުށަހެޅި ރިޕޯޓަކަށް ރިއާޔަތްކުރުމަށްފަހު އެވެ. އޮގަސްޓް 10 ވަނަ ދުވަހު ކާޑިއަކް ބޯޑަކުން ތައްޔާރުކުރި އެ ރިޕޯޓުގައިވާ ގޮތުން، އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ހަނިވެފައިވުމުގެ ސަބަބުން އިމްރާން ޚާންގެ ލޭގެ ޕްރެޝަރު އުޅެނީ އެއްވަރެއްގައެއް ނޫނެވެ. އަދި އޭނާ ނަފްސާނީ ގޮތުން ނުތަނަވަސްކަން ތަހައްމަލު ކުރަމުންދާކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކޯޓުން ވަނީ ޕާކިސްތާނުގެ އެޑްވޮކޭޓް ޖެނެރަލާ ސުވާލުކޮށް، މެޑިކަލް ރިޕޯޓުގައި ހުރި އުނިކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިމްރާން ޚާންގެ ވިންދާއި ހިތުގެ ހާލަތު ހުރީ އާންމު ހާލަތެއްގައި ނޫން ކަމަށާއި، އޭނާގެ ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރު ކުރަން ފަށާފައިވާ ކަމަށް ކޯޓުން ފާހަގަކުރި އެވެ. މީގެ ކުރިން ފެބްރުއަރީ މަހުން ފެށިގެން އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމަށް އެދި ހުށަހެޅި ދެ ހުށަހެޅުމެއް ކޯޓުތަކުން ވަނީ ބޭރުކޮށްލާފަ އެވެ. އޭގެ ތެރޭގައި އިސްލާމްއާބާދު ހައިކޯޓުން، ހޮސްޕިޓަލަށް ބަދަލުކުރުމުގެ ބަދަލުގައި މެޑިކަލް ބޯޑަކުން ހާލަތު ވަޒަންކުރުމަށް ކުރި އަމުރު ހިމެނެ އެވެ.
ޕީ.ޓީ.އައިގެ އިސް ލީޑަރެއް ކަމަށްވާ ޒުލްފީ ބުޚާރީ އަލްޖަޒީރާއަށް ވިދާޅުވީ، ކޯޓުގެ މި ނިންމުމުން އެނގެނީ އަޑީޔާލާ ޖަލުން ބޭރުގައި، މިނިވަން އަދި ޚާއްސަ ފަރުވާ އިމްރާން ޚާނަށް ބޭނުންވާ ކަމަށް އެ ޕާޓީން ބުނަމުންދިޔަ ވާހަކައިގެ ތެދުކަން ކަމަށެވެ.
"ޖަލުގެ ނިޒާމުގެ ތެރެއިން ދޭ ސިއްހީ ފަރުވާއަކީ، އޭނާ އަމިއްލައަށް އިޚްތިޔާރުކުރާ މިނިވަން ޚާއްސަ ޑޮކްޓަރުންގެ ފަރާތުން ލިބޭ ފުރިހަމަ ފަރުވާއަށް އޮތް ބަދަލެއް ނޫން،" ޒުލްފީ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިމްރާން ޚާން ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، އޭނާގެ އަމިއްލަ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިދިނުމަށް ޕީ.ޓީ.އައި އިން މެދުނުކެނޑި ވަކާލާތު ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ އިސް އޮފިޝަލުން މީގެ ކުރިން ބުނަމުންދިޔައީ، އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރެވޭނީ ސަރުކާރުގެ ނިންމުމަކުން ނޫން ކަމަށާއި، އެކަމަށް ކޯޓުގެ އަމުރެއް ބޭނުންވާނެ ކަމަށެވެ.
ބޮޑުވަޒީރުގެ އެޑްވައިޒަރު ރަނާ ސަނާއުﷲ ހޯމަ ދުވަހު ސެނެޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިމްރާން ޚާނަށް ލިބެން ހުރި އެންމެ ރަނގަޅު ފަރުވާ ފޯރުކޮށްދެމުންދާ ކަމަށާއި، ޕީ.ޓީ.އައި އިން ފާޅުކުރާ ކަންބޮޑުވުންތަކަށް ބާރުދޭ ފަދަ ހާލަތެއް އޭނާގެ ނެތް ކަމަށެވެ.
ކޯޓުގެ މި އަމުރު އައިސްފައިވަނީ އިމްރާން ޚާނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމަށް ޕީ.ޓީ.އައި އާއި ސަރުކާރާ ދެމެދު ބޮޑު ކުރިމަތިލުމެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. ޕީ.ޓީ.އައި އިން ބުނަމުންދަނީ ސަރުކާރާއެކު މަޝްވަރާތައް އަލުން ފެށޭނީ އިމްރާން ޚާނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމުން ކަމަށެވެ. ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެކަމަށް ކުރިއެރުމެއް ލިބިފައި ނުވާއިރު، ޕީ.ޓީ.އައިގެ ލީޑަޝިޕުން ވަނީ ސެޕްޓެމްބަރު 27 ގައި މުޅި ގައުމުގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.










