އިމްރާން ޚާން ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް
21 އޯގަސްޓު 2026 | ހުކުރު 05:33ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އަމުރަކަށް އިމްރާން ޚާންގެ ސިއްހީ ހާލަތު ބެލުމަށް ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން މެޑިކަލް ޗެކަޕްތަކެއް ހަދާފައިވާއިރު، މި މަރުހަލާގައި އެމަނިކުފާނުގެ އާއިލާއަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައި. ކޮރަޕްޝަނުގެ ދައުވާތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި އިމްރާން ސިފަކުރައްވާއިރު، ހޮސްޕިޓަލުން ބެލުމަށްފަހު ހާލަތު ރަނގަޅުކަމަށް ކަނޑައަޅައި މިހާރު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައި

2023 ވަނަ އަހަރުން ފެށިގެން އިމްރާން ޚާން ހުންނަވަނީ ޖަލުގައި ބަންދުކޮށްފައި | ރޮއިޓާސް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިސްލާމްއާބާދުގައި ހުންނަ ހޮސްޕިޓަލަކުން ޑޮކްޓަރަށް ދެއްކެވުމަށްފަހު، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ކަނޑައެޅުމުން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަޠާއުﷲ ތަރާރް ވިދާޅުވި ގޮތުގައި، އިމްރާން ޚާން ބެއްލެވީ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ފިޒީޝަނެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ "ގާބިލު ޑޮކްޓަރުންގެ ޓީމަކުން" ނެވެ.
ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ސިޔާސީ ލީޑަރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން، 48 ގަޑިއިރު ނުވަނީސް އެމަނިކުފާނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުންގެ ޓީމަކުން ބެއްލެވުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ކޮރަޕްޝަނުގެ ދައުވާތަކެއްގައި 2023 ވަނަ އަހަރު އިމްރާން ޚާން ޖަލަށްލީ ފަހުން، ކޯޓަކުން އެމަނިކުފާނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ލުޔަކީ މިއީ އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.
އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމުގެ އިތުރުން، އެތައް މަސްތަކެއް ވަންދެން ބައްދަލުނުވެ އޮތުމަށްފަހު އެމަނިކުފާނުގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނުގެ ކޮއްކޮ އަޒްމާ ޚާން ވަނީ ޖަލަށް ޒިޔާރަތްކޮށް ބައްދަލުކޮށްފަ އެވެ.
މިނިސްޓަރު ތަރާރް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މެޑިކަލް ޗެކަޕްގެ ހުރިހާ މަރުހަލާއެއްގައި ވެސް އަޒްމާ ޚާން ބައިވެރިވެފައިވެ އެވެ.
އިމްރާން ޚާންގެ ސިޔާސީ ޕާޓީ ކަމަށްވާ ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) އިން އާންމުކޮށް، އެމަނިކުފާނާ ދެކޮޅަށް ނިންމާ ކޯޓު ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށް ބުނެ އަޑުއުފުލަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ފަހަތުގައި ސިޔާސީ ކަންތައްތަކެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެ ޕާޓީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިމްރާން ޚާން ގެނައި ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށް، ބެރިކޭޑްތަކާއި ފުލުހުންގެ ވޭންތައް ބޭނުންކޮށްގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.










