ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ޖެހިގެން 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:50ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، މި އަހަރުގެ މިހާތަނަށް އެ ގައުމުން ދެ ލައްކައާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލިޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ. މި ބަލިމަޑުކަން އިތުރުވީ އާބާދީ ތޮއްޖެހުމާއި ވެކްސިން ދިނުން ލަސްވުމުގެ ސަބަބުން ކަމަށްވާއިރު، މިއީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު މިހާރު އެންމެ ބާރަށް މި ބަލި ފެތުރޭ ގައުމު


ބަންގްލަދޭޝްގެ ހަސްފަތާލެއްގައި ފަރުވާދިނުމަށް އެޑްމިޓު ކޮށްފައިވާ ތުއްތު ކުއްޖަކު އުރާލައިގެން އިން އަންހެނެއް | ގެޓީ އިމޭޖަސް
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގައި މިހާތަނަށް 1،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ އެވެ. އެ ގައުމުގައި ކުއްލި ހާލަތުގެ ވެކްސިން ކެމްޕޭނެއް ކުރިއަށްގެންދިޔަ ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.
އެ ގައުމުގެ 19.8 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް މިހާރު ވެކްސިން ދީފައިވީ ނަމަވެސް، ކޮންމެ ދުވަހަކު ވެސް އަލަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 1،000 އެއްހާ ކޭސް ރިޕޯޓްކުރަމުންދާ ކަމަށް މަސްދަރުތަކުން ބުނެ އެވެ. އަދި، މިދިޔަ އަންގާރަ ދުވަހު އެކަނިވެސް، ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަށް މީހަކު ވަނީ މަރުވެފަ އެވެ.
މިހާތަނަށް ވެކްސިން ނުޖަހައި ތިބި ކުދިންނަށް ވެކްސިން ދިނުމަށް ޓަކައި، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ޚާއްސަ "ފިޔަވަޅުތަކެއް" އަޅަން ފަށާނެ ކަމަށް ޔުނިސެފުން ބުނެ އެވެ.
މި އަހަރުގެ މާރިޗު މަހާ ހަމައަށް ބަންގްލަދޭޝްއިން ވަނީ ހިމަބިހި ނައްތާލުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން (ޑަބްލިއުއެޗްއޯ) ބުންޏެވެ. ނަމަވެސް، އެ ޖަމުއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށްވުރެ ގިނައިން ބަންގްލަދޭޝްގައި ހިމަބިހީގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފަ އެވެ.
ނޭވާލުމާއި، ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ މި ބަލި، މާރިޗު މަހުން ފެށިގެން މިހާތަނަށް 194،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ގާތްގަނޑަކަށް 178 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އޭޝިއާގެ މި ގައުމުގައި ހިމަބިހި ފެތުރުން އިންތިހާއަށް އިތުރުވެފައިވަނީ މި އަހަރުގެ މާރިޗު މަހުގަ އެވެ.
މި ބަލިމަޑުކަން ކުރިމަތިވީ އާބާދީ ތޮއްޖެހުމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގަވާއިދުން ދޭންޖެހޭ ވެކްސިން ދިނުން ލަސްވުން ފަދަ ގިނަ ސަބަބުތަކެއް އެއްފަހަރާ ދިމާވުމުންނެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ކުރީގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސްގެ ސަރުކާރުން މިދިޔަ އަހަރު ވެކްސިން އޯޑަރު ކުރުން ލަސްކުރުމުގެ ސަބަބުން، ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް އދ. ގެ އޭޖެންސީން މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.
މަސްދަރު: ބީބީސީ









