މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް، އަހަރުގެ މިހާތަނަށް 243 ކޭސް ރިޕޯޓުކޮށްފައިވޭ!
26 އޯގަސްޓު 2026 | ބުދަ 01:49މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން 17 މީހަކަށް ހިމަބިހި ޖެހި، ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މި ބަލިން ރައްކާތެރިވުމަށް މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށާއި ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެކަހެރިވުމަށް އެ އެޖެންސީން އެދިފައިވޭ


އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެދިފައި | ރާއްޖެއެމްވީ
މިދިޔަ ހަފްތާ ތެރޭގައި 17 މީހަކަށް ހިމަ ބިހި ޖެހިފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އަންގާރަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ބުނެފައިވަނީ، މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެޔާއެކު ޖުމްލަ މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 243ށް އަރާފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
މިހާތަނަށް 16000 އަށް ވުރެ ގިނަ ފަރާތްތަކަށް ވެކްސިން ދީފައިވާއިރު، އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެދިފައި އެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.
މިދިޔަ ހަފްތާ ތެރޭގައި ވެސް 10 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އެހެންކަމުން މި ހަފްތާގައި މިވަނީ މިދިޔަ ހަފްތާއަށް ވުރެ ބަލި ޖެހޭ މީހުން އިތުރުވެފައި އެވެ.
މީގެ އިތުރުން، ހިމަބިހި ޖެހިގެން އެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ދިވެހި ޒުވާނަކު ދާދި ފަހުން މަރުވެފައިވެ އެވެ.







