ހަސީނާގެ އިވެންޓެއްގައި ބައިވެރިވުމުން، ބަންގްލަދޭޝްގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާ ޝާކިބް އަށް ޤައުމީ ޓީމުން ފުރުސަތު ނުދޭން ނިންމައިފި
8 އޯގަސްޓު 2026 | ހޮނިހިރު 06:41މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އާމިނުލް ހައްގު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޝާކިބް އަކީ ހަސީނާގެ އަވާމީ ލީގު ޕާޓީގެ ސިޔާސީ މީހަކަށް ވީ ނަމަވެސް، މީގެ ކުރިން ސަރުކާރުން އޭނާއާ މެދު އަމަލު ކުރަމުން އައީ ވަރަށް ބޮޑު ދޫ ދިނުންތަކަކާ އެކު ކަމަށް. ނަމަވެސް އަނިޔާވެރި ވެރިއަކާއެކު އެއް މަރުހަލާއެއްގައި ބައިވެރިވި މީހަކަށް، ދެން އެނބުރި އައުމުގެ އެއްވެސް ފުރުސަތެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި


2024 ވަނަ އަހަރު ބޭއްވި ކްރިކެޓު ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ ޓީމަށް ކެޕްޓަންކަން ކޮށްދީފައިވާ ޝާކިބް އަލް ހަސަން | ރޮއިޓާސް
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ ބައިވެރިވެ ވަޑައިގެންނެވި މީޑިއާ އިވެންޓެއްގައި އެ ޤައުމުގެ މަޝްހޫރު ކްރިކެޓު ތަރި ޝާކިބް އަލް ހަސަން ބައިވެރިވުމާ ގުޅިގެން، ދެން އޭނާ އަށް ޤައުމީ ޓީމުން ފުރުސަތު ނުލިބޭނެ ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެފި އެވެ.
ބަންގްލަދޭޝްގެ ކޯޓަކުން މަރުގެ ޙުކުމް އިއްވާފައިވާ ހަސީނާ އިންޑިއާގައި ހުންނަވައިގެން ބޭއްވި މި ހަރަކާތުގައި ޝާކިބް ބައިވެރިވީ ފޯނު މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އާމިނުލް ހައްގު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޝާކިބް އަކީ ހަސީނާގެ އަވާމީ ލީގު ޕާޓީގެ ސިޔާސީ މީހަކަށް ވީ ނަމަވެސް، މީގެ ކުރިން ސަރުކާރުން އޭނާއާ މެދު އަމަލު ކުރަމުން އައީ ވަރަށް ބޮޑު ދޫ ދިނުންތަކަކާ އެކު ކަމަށެވެ. ނަމަވެސް އަނިޔާވެރި ވެރިއަކާއެކު އެއް މަރުހަލާއެއްގައި ބައިވެރިވި މީހަކަށް، ދެން އެނބުރި އައުމުގެ އެއްވެސް ފުރުސަތެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުމުރުން 39 އަހަރުގެ ޝާކިބް އަކީ ބަންގްލަދޭޝްގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު ކްރިކެޓު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބައިނަލްއަޤުވާމީ 400 އަށް ވުރެ ގިނަ މެޗު ކުޅެ، ފަސް ވޯލްޑް ކަޕެއްގައި ބަންގްލަދޭޝް ތަމްސީލުކޮށްފައި އެވެ. ނަމަވެސް، މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުނުއިރު، މުޒާހަރާގެ ބައިވެރިން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޝާކިބް ހިމެނެ އެވެ.
ޝައިޚް ހަސީނާގެ ސަރުކާރުން އިދިކޮޅު ފަރާތްތައް މަރައި، އިންސާފެއް ނެތް ޝަރީއަތްތައް ހިންގައި، އިންތިޚާބުތައް އޮޅުވާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ތުހުމަތު ކޮށްފައި އެވެ. މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ޑާކާގެ ކޯޓަކުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ، ހަސީނާ ދަންޖެއްސުމަށް ހުކުމް ކޮށްފައި އެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައި ފިއްލަވައިގެންނެވެ.
މިވަގުތު ސްރީލަންކާގައި ހުރި ޝާކިބް ބުދަ ދުވަހު ބޭއްވި ހަރަކާތުގައި ބައިވެރިވުމުން ބަންގްލަދޭޝްގެ ގިނަ ބައެއްގެ ނުރުހުން އޭނާ އަށް ވަނީ އަމާޒުވެފައި އެވެ. މިކަމުގެ ސަބަބުން އޭނާގެ ގެއަށް ޕެޓްރޯލް ބޮން އުކާފައިވާ ކަމަށް ވެސް ޝާކިބް ބުނެފައިވެ އެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޓަޔަރ ކުރަން ނިންމި ނަމަވެސް، ފަހުން އޭނާ ވަނީ 2027 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފައި އެވެ.
ބުރާސްފަތި ދުވަހު ޝާކިބް ބުނެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ މަރުގެ ތުހުމަތުތަކާއި، އެހެނިހެން ދައުވާތަކަށް ކުރިމަތިލުމަށް އެނބުރި ގައުމަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމާ އެކު، ބަންގްލަދޭޝްގެ އެންމެ މަޝްހޫރު ކުޅިވަރު ޝަޚްސިއްޔަތުގެ ކްރިކެޓު ކެރިއަރު މިހާރު ވަނީ ނިމުމަކަށް އައިސްފައި އެވެ.










