އީރާނުގައި ތެޔޮ ބައުޒަރެއް ގޮވައި 10 މީހުން މަރުވެއްޖެ
6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:06އީރާނުގެ ސަނަންދަޖްގައި ތެޔޮ ބައުޒަރެއްގެ ބުރަކި ފޭލްވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހުން މަރުވެ 6 މީހަކަށް ވަނީ އަނިޔާވި. މަގުތަކުގެ ހާލަތު ގޯސްވުމާއި ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން އީރާނުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ދުނިޔޭގެ އެވްރެޖަށްވުރެ 20 ގުނަ އިތުރުކަމަށް ޔުނިސެފުން ފާހަގަކުރޭ. އެ ގައުމުގައި ކޮންމެ އަހަރަކު މަގުމަތީ އެކްސިޑެންޓްތަކުގައި 20،000 އަށްވުރެ ގިނަ މީހުން މަރުވޭ


އީރާނުގެ ވެރިރަށް ތެހެރާންގެ ހަލިމަގެއްގެ އަރިމަތީގައި، އެ ގައުމުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ބޮޑު ބިލްބޯޑެއް ހަރުކޮށްފައި | ގެޓީ އިމޭޖަސް
އީރާނުގެ ހުޅަނގުގައި ތެޔޮ ބައުޒަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން (އައިއާރުއައިބީ) ރިޕޯޓްކޮށްފި އެވެ. ހޮނިހިރު ދުވަހު މި ތެޔޮ ބައުޒަރު ގޮވަން މެދުވެރިވީ ހަމަދާނުން ސަނަންޖަދަށް ދަތުރުކުރުމަށް އޮންނަ މައި ހަލިމަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ.
އީރާނުގެ ކުރުދިސްތާން ޕްރޮވިންސްގެ ވެރިރަށް ސަނަންދަޖްގެ ގަވަރުނަރު ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ބައުޒަރުގެ ބުރަކިއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި ހާދިސާގައި މަދުވެގެން އިތުރު ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުތަކަކީ މިހާތަނަށް ލިބިފައިވާ ފުރަތަމަ ރިޕޯޓްތަކަށް ބިނާކޮށް ހާމަކުރި އަދަދުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވީ، އެކްސިޑެންޓާ ގުޅިގެން ރޯވި އަލިފާންގަނޑު ވަގުތުން ކޮންޓްރޯލްކޮށް ނިއްވާލާފައިވާނެ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި މަރުވި މީހުންނަކީ ކޮން ބަޔެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މި ނުރައްކާތެރި އެކްސިޑެންޓަކީ އީރާނުގައި ތެޔޮ ބައުޒަރުތަކާއި ބަސްތައް ޖެހިގެން ހިނގާ މަރުގެ ހާދިސާތަކުގެ ދިގު ތާރީޚަށް އިތުރުވި ހާދިސާއެކެވެ. އީރާނުގެ މަގުތަކުގެ ހާލަތު ގޯސްވުމާއި، ބާވެފައިވާ އުޅަނދުތައް ބޭނުންކުރުމުގެ އިތުރުން މުދާ އުފުލާ ބަރު އުޅަނދުތައް ގިނަވުމަކީ މި ފަދަ ހާދިސާތައް ތަކުރާރުވާން މެދުވެރިވާ ސަބަބުތަކެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ވެސް ސަނަންދަޖު ކައިރިން ފަސިންޖަރުން އަރުވަން މަޑުކޮށްގެން އޮތް ބަހެއްގައި ތެޔޮ ބައުޒަރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 13 މީހުން މަރުވެފައިވެ އެވެ. އދ. ގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ބުނީ، އީރާނުގެ މަގުތަކުގެ ހާލަތު ދަށްވުމާއި ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ކުޑަވުމުގެ ސަބަބުން، އެ ގައުމުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ދުނިޔޭގެ އެވްރެޖަށްވުރެ 20 ގުނަ އިތުރު ކަމަށެވެ.
ތެހެރާންގައި ނެރޭ ފައިނޭންޝަލް ޓްރިބިއުން ނޫހުން 2017 ވަނަ އަހަރުގެ މެއި މަހު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، އީރާނުގައި ކޮންމެ އަހަރަކު މަގުމަތީ އެކްސިޑެންޓްތަކުގައި 20،000 އަށްވުރެ ގިނަ މީހުން މަރުވެ، 800،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބެ އެވެ.
މަސްދަރު: އަލް ޖަޒީރާ










