ވޭތުވެދިޔަ ހަފްތާގައި ހިމަބިއްސަށް އިތުރު 5 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 269ށް!
15 ސެޕްޓެމްބަރު 2026 | އަންގާރަ 16:30މިއަހަރުގެ މިހާތަނަށް 269 މީހަކަށް ހިމަބިހި ޖެހިފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،368 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނޭ. މި ބަލީގައި ޖުލައި މަހު ޒުވާނަކު ނިޔާވެފައިވާއިރު، 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ މި ބަލި އަލުން ފެތުރެން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި

ހިމަބިހިން އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ | ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ވޭތުވެދިޔަ ހަފްތާގައި ހިމަބިއްސަށް އިތުރު 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އަންގާރަ ދުވަހު އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 5 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 269 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ މި ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ވެކްސިން ޖެހުމަށް މުޅި ރާއްޖޭގައި ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް 16،368 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، ޖުލައި މަހުގެ ތެރޭގައި މި ބަލީގައި 24 އަހަރުގެ ޒުވާނެއް ވަނީ ނިޔާވެފަ އެވެ.
ރާއްޖެ އަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ބަލި އަލުން ފެނި، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ޖުލައި މަހުގެ ތެރޭގައި މި ބަލީގައި 24 އަހަރުގެ ޒުވާނެއް ވަނީ ނިޔާވެފަ އެވެ.








