ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
6 އޯގަސްޓު 2026 | ބުރާސްފަތި 17:14ޣައްޒާގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިންތިހާއަށް ބޮޑުވެފައިވާއިރު، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުނިސެފުން ވަނީ ގޮވާލާފައި. ހަނގުރާމައިގެ ސަބަބުން ތައުލީމާއި ސިއްހީ ފަރުވާއިން މަހްރޫމްވެފައިވާ މި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހަމަލާތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރޭ

ޣައްޒާގެ ޖަބަލިއާގައި ހުންނަ ފެން ފޯރުކޮށްދޭ މަރުކަޒަކުން ފެން ބަލާ ދިއުމަށްފަހު، ފެން ހަންތައް ހިފައިގެން އެނބުރި އަންނަ ފަލަސްތީނުގެ ކުޑަކުދިންތަކެއް | ގެޓީ އިމޭޖަސް
ޣައްޒާގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން ވޭތުވެދިޔަ ގާތްގަނޑަކަށް 300 ދުވަހުގެ ތެރޭގައި، މަދުވެގެން 300 ކުޑަކުދިން މަރުވެފައިވާ ކަމަށާއި، މިއީ އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވުން ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ އެޖެންސީ، ޔުނިސެފުން ބުނެފި އެވެ.
މީގެ އިތުރުން އެތައް ސަތޭކަ ކުދިންނެއް ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުރާސްފަތި ދުވަހު ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެމެރިކާ އިސްވެ އޮވެ ހުށަހަޅާފައިވާ ސުލްހައިގެ މަޝްރޫއުގައި ހިމެނޭ ފަރާތްތަކުން ވެފައިވާ ވައުދުތައް އަމަލީ ސިފައަކަށް ގެނައުމަށް އެ އެޖެންސީން ވަނީ ބާރުއަޅާފަ އެވެ.
ޔުނިސެފްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު އެޑްވާޑް ބެއިގްބެޑާ ވިދާޅުވީ، ކޮންމެ ދުވަހަކު އެވްރެޖްކޮށް ކުއްޖަކު މަރުވާ ގޮތަށް އޮންނަ ސުލްހައިގެ އެއްބަސްވުމަކީ ކުޑަކުދިންގެ ހައްގުގައި ނާކާމިޔާބުވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި ޣައްޒާގެ ކުޑަކުދިން އަދިވެސް ތިބީ އެކުދިންނަށް ވީ ވައުދާ އެއްގޮތަށް އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ އާއިލާތައް މިހާރު ތިބީ އެ ސަރަހައްދުގެ އެންމެ ތިންބައިކުޅަ އެއްބައި ބިމުގައި ތޮއްޖެހިފައި ކަމަށާއި، އެމީހުން ދިރިއުޅެމުންދަނީ ސުންނާފަތިވެފައިވާ އިމާރާތްތަކާއި، ކުނިބުންޏާއި ނުސާފު ތަންތަނުގައި ކަމަށް ޔުނިސެފުން ބުނެފައިވެ އެވެ.
ޣައްޒާގެ ކުޑަކުދިންނަށް ކާނާގެ މައްސަލަތަކާއި، ބަލިމަޑުކަމާއި، ސާފު ބޯފެން ނުލިބުމުގެ އިތުރުން ނަޖިސް ބޭރުކުރާ ނިޒާމު ހަލާކުވުމުގެ ތަކުލީފުތައް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން އިންކިއުބޭޓަރުތައް މަދުވުމުގެ ސަބަބުން، ދުވަސް ނުފުރާ ވިހާ ބައެއް ތުއްތު ކުދިންނަށް އެއް މެޝިނެއް ހިއްސާކުރަން ޖެހިފައިވާ ކަމަށްވެސް އެ އެޖެންސީން ފާހަގަކުރި އެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,300 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ.
ޔުނިސެފުން ބުނާ ގޮތުގައި 58,000 އަށްވުރެ ގިނަ ކުޑަކުދިންގެ މައިންބަފައިންގެ ތެރެއިން އެކަކު ނުވަތަ ދެމީހުން ވަނީ މަރުވެފަ އެވެ. އަދި އެއް މިލިއަނަށްވުރެ ގިނަ ކުދިންނަށް ރައްކާތެރިކަމާއި ނަފްސާނީ އެހީތެރިކަން ބޭނުންވެ އެވެ. މީގެ ކުރިން އެ އެޖެންސީން އަންދާޒާކޮށްފައިވާ ގޮތުގައި 17,000 އެއްހާ ކުދިން ތިބީ އެކުދިންގެ އާއިލާއާ ވަކިވެ، އެހީތެރިވާނެ މީހަކު ނެތް ހާލަތެއްގަ އެވެ. މިއީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ކުރިމަތިވާނެ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ އެންމެ ބޮޑު އެއް ކާރިސާ އެވެ. ގިނަ އާއިލާތަކަކަށް ވަނީ ތަކުރާރުކޮށް ގެދޮރު ދޫކޮށް ދާންޖެހުމާއި، އާމްދަނީ ގެއްލުމާއި، ސިއްހީ ފަރުވާއާއި ތައުލީމު ފަދަ އަސާސީ ހިދުމަތްތަކުން މަހްރޫމްވުމުގެ ހިތްދަތިކަން ކުރިމަތިވެފަ އެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދަށް ދިން ހަމަލާއެއްގައި މާބަނޑު އަންހެނަކާއި، އޭނާގެ ފިރިމީހާގެ އިތުރުން ފަސް އަހަރުގެ ފިރިހެން ދަރިފުޅު ވަނީ މަރުވެފަ އެވެ. އެ ހަމަލާގައި ސުންނާފަތިވި އިމާރާތުގެ ކުނިބުނީގެ ތެރެއިން އާންމުންނަށް ފެނިފައިވަނީ އެ އަންހެންމީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހަށިގަނޑުގެ ބައިތަކެވެ.
ޖިސްމާނީ ނުރައްކާތަކުގެ އިތުރުން، އެހީދޭ ޖަމިއްޔާތަކުން ސިފަކުރާ ގޮތުގައި ޣައްޒާގެ މުޅި ޖީލެއްގެ ކުޑަކުދިންގެ ކިބައިން އެކުދިންގެ ކުޑަކުދިކަން ވަނީ ފޭރިގަނެވިފަ އެވެ. ހަނގުރާމައިގެ ތިންވަނަ ހޫނު މޫސުން ގުނަމުންދާއިރު، ކުޅިވަރު ކުޅުމުގެ ބަދަލުގައި ގިނަ ކުޑަކުދިން ދުވަސް ހޭދަކުރަނީ ފެން ހޯދުމަށާއި، ކާނާ ހޯދުމަށް ކިއޫގައި މަޑުކުރުމަށާއި، އުނދުުން ރޯކުރުމަށް ބޭނުންވާ ދަރު ހޯދުމުގަ އެވެ. ޔުނިސެފުން ބުނާ ގޮތުގައި ރެފިއުޖީ ކޭމްޕްތަކުގައި ކުޑަކުދިންގެ ކޭމްޕްތަކާއި، ކުރެހުމަށް ބޭނުންވާ ސާމާނާއި، ކަރުދާހާއި ގަލަން ފަދަ ތަކެތިވެސް ވަނީ ވަރަށް ބޮޑަށް ތަދުވެފަ އެވެ.
މޭ މަހު ޔުނިސެފުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ތުއްތު ކުދިންގެ ކުރިއެރުމަށް ބޭނުންވާ ރައްކާތެރި މާހައުލެއް މިހާރު ޣައްޒާއަކު ނެތެވެ. އަދި ސުކޫލު އުމުރުގެ ކުދިންގެ އުނގެނުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. ހާއްސަ އެހީތެރިކަމެއް ނެތި އެކުދިންގެ ތައުލީމީ ހަޔާތް އަލުން އިއާދަކުރެވޭނެ ފުރުސަތެއް ނެތް ކަމަށްވެސް އެ ދިރާސާއިން ދައްކަ އެވެ.
ޔުނިސެފުން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ ކޮމިއުނިކޭޝަންސް ޗީފް ޖޮނަތަން ކްރިކްސް މިއަހަރުގެ ކުރީކޮޅު ވިދާޅުވީ، ކުޅިވަރު ކުޅުމަކީ ހަނގުރާމައިގެ ސަބަބުން ކުދިންގެ ކިބައިން ގެއްލިފައިވާ އުފާވެރިކަން އަލުން ހޯދައިދޭނެ ވަސީލަތެއް ކަމަށެވެ. އަދި އެއީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫން ކަމަށާއި، އެއީ ކުދިންނަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ބެއިގްބެޑާ ވަނީ ހަމަލާތައް ހުއްޓާލުމަށާއި އެހީ އިތުރުކުރުމަށް ފަހަކަށް އައިސް ނިންމާފައިވާ ނިންމުންތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޣައްޒާގެ ކުދިންނަށް އޮތް އިމްތިހާނަކީ ވަރަށް ސާދާ ކަމެއް ކަމަށެވެ. އެއީ މީހުން މެރުން ހުއްޓާލިތޯ އާއި، އެކަށީގެންވާ މިންވަރަށް އެހީ ލިބޭތޯ އާއި، ހޮސްޕިޓަލްތައް އަލުން ހުޅުވި ފެނުގެ ހިދުމަތް ލިބޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާ ތައުލީމީ އަހަރު ފެށޭނެ ކަމަށް ބެލެވޭއިރު، ޔުނިސެފުން ވަނީ މި ހަފުތާގައި 600 އަށްވުރެ ގިނަ ޕެލެޓްގެ ސުކޫލު ސާމާނާއި ސައިބޯނި ޣައްޒާއަށް ފޯރުކޮށްދީފަ އެވެ.










