ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ
15 ސެޕްޓެމްބަރު 2026 | އަންގާރަ 02:28ޔަމަނުގެ ހޫޘީން ސައުދީގެ ތިން ސަރަހައްދަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި އާންމުންގެ ބަޔަކު ޒަޚަމްވެ، ބައެއް އިމާރާތްތަކަށް ގެއްލުންވި. މި ހަމަލާތަކާ ގުޅިގެން ސައުދީ ކޯލިޝަނުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މިއީ ސައުދީން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް ހޫޘީން ވަނީ ބުނެފައި

ޔަމަނުގެ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ރަށަކަށް މިސައިލް ހަމަލާއެއްދޭ މަންޒަރު | އެކްސް
ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއްގައި އާންމުންގެ 13 މީހަކު ޒަޚަމްވެފައިވާ ކަމަށް، ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން އަންގާރަ ދުވަހުގެ ހާމަކޮށްފި އެވެ.
ހޯމަ ދުވަހު ހޫޘީން ހަމަލާ ދީފައިވަނީ ޚަމީސް މުޝައިތާއި، އަބްހާގެ އިތުރުން ތާއިފަށް ކަމަށް އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވި އެވެ. މި ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ލިބިފައި ވަނީ ކުދި އަނިޔާތައް ކަމަށާއި، އާންމުންގެ ހަތް ގެއަކަށާއި ދެ އުޅަނދަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ހޫޘީން ގަސްދުގައި އާންމުންނަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭ ކަމަށް އަލް-މާލިކީ ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި އޮންނަ ހައްގުގެ ދަށުން، ކުރިއަށް އޮތް ތަނުގައި މި ފަދަ ހަމަލާތައް ހުއްޓުވުމަށް އިއްތިހާދުން ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އިއްތިހާދުން މި ބަޔާން ނެރެފައި މިވަނީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނުގެ ފަސް ޕްރޮވިންސަކަށް 54 ހަމަލާއެއް ދީފައިވާ ކަމަށް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ހޯމަ ދުވަހު ބުނެފައި ވަނިކޮށެވެ. ސަރީޢު ބުނީ، މި ހަމަލާތަކުގައި އެފް-15 އަދި ޓައިފޫން މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވާ ކަމަށާއި، މި ހަމަލާތަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ހޫޘީން ވަނީ ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު އެއާބޭސްއަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއްދީ، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު އަހަރުތަކެއް ވަންދެން ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ކުރިމަތިލުންތައް ވަނީ އަނެއްކާވެސް ވަރުގަދަވެފަ އެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށިގެން ދިޔައީ ހޫޘީން އެ ގައުމުގެ ވެރިރަށް ސަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެން ކަމަށް ވާއިރު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮންނަ އަރަބި ކޯލިޝަނުން އެ ހަނގުރާމައިގެ ތެރެއަށް ވަދެފައި ވަނީ 2015 ވަނަ އަހަރު އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











