މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
16 ސެޕްޓެމްބަރު 2026 | ބުދަ 02:21ޔަމަނުގެ ހޫޘީން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާ ސައުދީ އިއްތިހާދުން ނާކާމިޔާބުކޮށްލާފައިވާއިރު، މިއީ އެ ސިޓީއަށް ހަމަލާދޭން މަސައްކަތްކުރި ދެވަނަ ފަހަރު. މި ހަމަލާއާ ގުޅިގެން ދެ ހަރަމްފުޅުގެ ސަލާމަތަށް ޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އިއްތިހާދުން ވަނީ ދީފައި

މައްކާގެ ވައިގެ ސަރަހައްދަށް މީގެ ކުރިން ވަން ކަމަށް ބުނާ ޑްރޯންއެއް ސައުދީ އަރަބިއްޔާގެ އެއާ ޑިފެންސް ފޯސްއިން ދިފާއުކޮށް ވައްޓާލާ މަންޒަރު | އެކްސް
ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ މައްކާއާ ދިމާލަށް ފޮނުވާލި ޑްރޯނެއް، ސައުދީ އިސްވެ އުފެއްދި އަސްކަރީ އިއްތިހާދުގެ ވައިގެ ދިފާއީ ނިޒާމުން ދިފާއުކޮަށް ވައްޓާލާފައިވާ ކަމަށް އެ އިއްތިހާދުން ބުދަ ދުވަހު ހާމަކޮށްފި އެވެ.
މި ޑްރޯން ދިފާއުކޮށްފައިވަނީ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ ގަޑިން އިރުއޮއްސި 6:50 ހާއިރު، މައްކާގެ މަނާ ސަރަހައްދަކަށް ވަނުމުގެ ކުރިން ކަމަށް އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވި އެވެ. އަދި، ޑްރޯން ގޮއްވާލުމުން އޭގެ ބައިތައް ވެއްޓިފައިވަނީ މައްކާ ސިޓީގެ ދެކުނު ފަރާތަށް ކަމަށް ވެސް އޭނާ ބަޔާންކުރެއްވި އެވެ.
މިއީ ހޫޘީން މައްކާއަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތްކުރި ދެވަނަ ފަހަރުކަން ފާހަގަކުރައްވައި އަލް-މާލިކީ ވިދާޅުވީ، މީގެ ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ވެސް އެ ސިޓީއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށެވެ. މީގެއިތުރުން، ދެ ހަރަމްފުޅާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ނުވަތަ 'ރެޑް ލައިނެއް' ކަމަށް ސިފަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި މި ފަދަ ހަމަލާތައް ހުއްޓުވުމަށް އިއްތިހާދުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.
މި ހަމަލާ ދީފައިވަނީ ހޫޘީން ސައުދީ އަރަބިއްޔާގެ ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި 13 އާންމުން ޒަޚަމްވެ، ހަތް ގެއަކަށާއި ދެ އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް އިއްތިހާދުން ބުނިތާ އެއްދުވަސް ފަހުންނެވެ.
ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު އޮތް ނުތަނަވަސްކަން، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މިދިޔަ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެ ގައުމުގެ ވެރިރަށް ސަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަރަބި އިއްތިހާދެއް ވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވުމަށް އެ ގައުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











