Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަރްހޫމް ޢަބްދުﷲ ޖަލީލް

ތުރާކުނު ޖަލީލުބެގެ ވަކިވުމާއެކު އަތޮޅުގެ ޚިދުމަތުގެ ސަފުން އެންމެ ވިދި އެއް ތަރި އޮއްސުނީއެވެ!

ހއ. ތުރާކުނު ކަތީބުކަމުގައި 46 އަހަރު ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ޢަބްދުﷲ ޖަލީލު (ޖަލީލުބެ) އަކީ ތުރާކުނުގެ އުމްރާނީ ތަރައްޤީއަށާއި ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވި، މުޅި އަތޮޅުގެ އިޙްތިރާމް ހޯއްދަވާފައިވާ ހިތްހެޔޮ ޝަޚްސިއްޔަތެއް. ޚާއްޞަކޮށް ރަށުގެ މަދަރުސާ ބިނާކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ޖަލީލުބެ އަދާކުރެއްވި ދައުރު ފާހަގަކޮށްލެވޭ.

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 08:34
މަރްހޫމް ޢަބްދުﷲ ޖަލީލް (ޖަލީލުބެ).

މަރްހޫމް ޢަބްދުﷲ ޖަލީލް (ޖަލީލުބެ). | ރާއްޖެ އެމްވީ


އިއްޔެ އަކީ ހއ.ތުރާކުނު ނޫރަންވިލާ، ޢަބްދުﷲ ޖަލީލު (ޖަލީލުބެ) އަޅުގަނޑުމެންނާ ވަކިވި ހިތާމަވެރި ދުވަހެވެ.

"ކޮއްކޮ ކިހިނެއް؟ ވަރަށް އުފާކޮށްފިން ކޮއްކޮއާ ބައްދަލުވީމަ، ބައްޕަ ދުނިޔޭގަ އެއީ ބޭބެގެ އެންމެ ގާތް އެންމެބޮޑު ރަޙުމަތްތެރިޔާ " މިއީ ޖަލީލުބޭބެގެ ސަޢުދުއާއެކީ އެއްދުވަހަކު "ކްލަބް ތްރީ ސިކްސްޓީ" ން، ބައްދަލުވިހިނދު ، އަޅުގަނޑާ ސަލާމް ކޮށްލަމުން ބުނުއްވި ވާހަކައެކެވެ. އަޅުގަނޑުމެން ކުޑައިރުއްސުރެން ޖަލީލު ކަތީބަށް މުޚާތަބު ކުރަނީ ( ޖަލީލުބެ) އޭ ނަންގަންނަމުންނެވެ. މި ދަންނާ ދުވަހު އަޅުގަނޑުމެން ސައިބުއި އެއް މޭޒެއްގައިތިބެ ، އަތޮޅުގެ މާޒީއާބެހޭ ވާހަކަ ދައްކަމުންނެވެ. ޚާއްސަ ގޮތެއްގައި މައުޟޫޢަކަށްވީ، ވަނގާރު ފަޅުވި ގޮތެވެ. އަދި އެމީހުން ހިޖުރަކުރާނެ ކަމަށް ބެލެވުނު ރަށްރަށެވެ. ހަމަ އެހެންމެ ވަނގާރަކީ ބަޔަކު ދިރިއުޅު ރަށެއްކަން، އެރަށުން ފެންނާންހުރި އުންސުރު ތަކާމެދުގައެވެ.

އިއްޔެ އަކީ ހއ. އަތޮޅުގެ " ބޮޑުބާރައިން" ތެރޭންވި މިދަންނަވާ ޖަލީލުބެ، އަޅުގަނޑުމެންނާ ވަކިވި ހިތާމަވެރި ދުވަހެވެ. އެހިތާމަ މުޅި ހއ. އަތޮޅު ކުރާނެއެވެ. ޖަލީލުބެއަކީ ކުޑަކަތީބުކަމާއި ކަތީބުކަމުގައި 46 އަހަރު ޚިދުމަތްކުރެއްވި، ޑަބަލް ޕެންޝަނަރެކެވެ. ތުރާކުނަށް ޖަލީލުބޭބެގެ ވެރިކަމުގައި ގެންނެވި ތަރަށްޤީއަކީ ދުވާލުގެ އިރުހެން ފެންނާންހުރި ކަންކަމެވެ. ޖަލީލުބެއަކީ ހޯރަފުށީގެ ވެސް، ބޭކަލެކެވެ. ތުރާކުނު ފިޔަވައި އެންމެ ގިނައިން ދަތުރުކުރެއްވި ރަށަކީ ހޯރަފުށްޓެވެ. މިސާލަކަށް ތުރާކުނުގައި ބޮޑުމާލޫދު ކިޔުން އޮތް ޒަމާނުގައި ވަރަށް ގިނައިން ހޯރަފުއްޓަށް ދުރުވެއެވެ. އެ ދުރުވަނީ އަނބިކަނބަލުންގެ ތިމާގެ ކުދިން ބޮޑުމާލޫދަށް ތުރާކުނަށް ގެންދެވުމަށެވެ. މިކަމުން އެނގެނީ ޖަލީލުބެއަކީ ވަރަށް "ފެމެލީ" އަށް ގާތް ގުޅުމެއް ބޭއްވި ބޭކަލެއް ކަމެވެ. ކުދިންނާ މެދުވެސް، އެހާމެ ގާތްކަން ޖަލީލުބެ ބޭއްވެވިއެވެ. އެއީ ކުދިންނަށް އެހާ ވެސް އޯގާތެރި ބައްޕައެކެވެ. ހޯރަފުށިން ކުރެއްވި ކައިވެންޏާމެދު ދުރުމީ އަޅާލާއިރު، އެންމެ ފަހުން އިންނެވި ޖަލީލުބެގެ އަނބިކަނބަލުން އަލްމަރްޙޫމާ ފާތުމަތު މުޙައްމަދަކީ، ހޯރަފުށީގެ ބޮޑު ދެ ޢާއިލާއަކަށް ނިސްބަތްވާ ކަނބަލެކެވެ. އެއީ ހޯރަފުށީ ސީސަންގެ ނުވަތަ މެމޯސާވިލާ ދޮން މުޙައްމަދު، އަލްމަރްޙޫމާ ޙަރީރާ ގެ ދައްތައަކާއި ކުރެއްވި ކައިވެނިން ލިބިލެއްވި ފާތުމަތު މުޙައްމަދެވެ. ޖަލީލުބޭގެ ގިނަ ބޭފުޅުން ތިއްބެވީ ވެސް މި ބަނޑަށެވެ.

ޖަލީލުބެ ނިޔާވުމުން އެކަމާ މޮޅިން ހުންނަވައި ޖަލީލުބެގެ ޒިކްރާ އާކުރެއްވި އެއްބޭފުޅަކީ ފިއްލަދޫގެ ކުރީގެ ބޮޑުކަތީބު ޤާސިމެވެ. ޖަލީލުބެ ސިފަކުރަށްވަމުން ޤާސިމް ވިދާޅުވީ އެއީ ވަރަށް ހިތްހެޔޮ ، ގުޅުންބޮޑު، އަދި ރަޙްމަތްތެރިން ބަލައިގަންނަ ބޭކަލެކެވެ. އެއީ ތުރާކުނަށާ އަތޮޅަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަލެކެވެ.

ޤާސިމް ސިފަކުރެއްވި ގޮތުގައި އޭނާގެ ކަތީބުކަމުގެ ދިގު މާޒީގައި އޭނާވެސް ހިމެނޭހެން ޖަލީލުބޭ ފަދަ ރަށްރަށުގެ ވެރިން، މަހަކު އެއްފަހަރު ދިއްދުއަށް އެކުރާ "އެކެއް-ދޭއް" ދަތުރުންނާއި އަދި ދިއްދުއަށް ކުރާ ކޮމިޓީ ދަތުރުން ދިއްދޫންވަނީ ބައްދަލުވެ، އުފާވެރި ވަގުތުތައް އެކީގައި ވޭތުވެފައެވެ. ހަމަ އެހެންމެ ޖަލީލުބެއާއެކު، އަތޮޅު ދޯނި" އަލްފާ " ގައި، އަތޮޅު އޮފީހުން އަތޮޅުތެރެއަށް ކިތަންމެ ރަސްމީ ދަތުރުތަކެއް ކުރެވުނެވެ. މިގޮތުން މުޅި އަތޮޅުން ފެނިލެއްވި އެންމެ އުފާވެރި ކަތީބުންނަކީ ،މަރްޙޫމް މޮޅަދޫ ނައިބުމަނިކު ކަތީބާއި ،މަރްޙޫމް ދިއްދޫ އަބޫބަކުރު ކަތީބާއި، މަރްޙޫމް ތުރާކުނު ޖަލީލުކަތީބެވެ. މިއީ ހިތްހެޔޮ އެންމެންނާގުޅޭ، އެހާމެ އުފާވެރި ޝަޚްސީ ސިފަތަކެއްގެ ވެރިބައެކެވެ. ޖަލީލުބެއާއެކު އަތޮޅުގޭގެ ކާމޭޒުމަތީގައި ހޭދަވި އުފާވެރި މިފަދަ ރޭތައް، ގާސިމް ސިފަކޮށްދެއްވިއެވެ. އެއީ ކަތީބުންގެ މުސާރައިގެ ގޮތުގައި މަހަށްދާ އޮޑިފަހަރުން އެހާތަނަށް ދެމުންދިޔަ، "މަސްބައި" އުވާލައި، ނާސިރުގެ ސަރުކާރުން ވެރިންނަށާއި މުދިމުންނަށް، ރުފިޔާއިން މުސާރަ ދެއްވަންފެށި ޒަމާނެވެ. ކަތީބަކަށް 80 ރުފިޔާއެވެ. ކުޑަކަތީބަކަށް 60 ރުފިޔާއެވެ. މުދިމަކަށް 40 ރުފިޔާއެވެ. ޖަލީލުބޭ ޚިދުމަތުގެ ކަމަރު ބެންނެވީ އެދުވަސްވަރެވެ.

ފުރަތަމަ ތުރާކުނު ކުޑަކަތީބު ކަމުންނެވެ! އެއީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މީހުންއުޅޭ ރަށެވެ. އޭރު އެމީހުން ދިއްދުއަށާއި، އަތޮޅަށާއި، މާލެއަށް ވެސް، ދަތުރުކުރަނީ ރިޔަލުގައެވެ. ރަށާ އަތޮޅު އޮފީހާ ދެމެދު ގުޅައިދެނީ ވޯކީޓޯކީއެވެ. ދަނީ އަޑު ލިބޭފަހަރާއި ނުލިބޭ ފަހަރެވެ. ކަރަންޓެއް ނުހުރެއެވެ. ރަށުގެ މަކްތަބާއި، ކާޑުގެއާއި، ފާލަމާއި މިފަދަ އުމްރާނީ މަސައްކަތްތައް ކުރާކަށް ބަޖެޓެއް ނޯވެއެވެ. އެކަންކަން ކުރަނީ ވެރިންނާ ރައްޔިތުންނާ ގުޅިގެން ނެވެ. ހިލޭ ސާބަހަށެވެ. ގާސިމް ފަރީދިއްޔާއިންނާއި މަޖީދިއްޔާއިން ކިޔަވައިގެން، ފިއްލަދުއަށް ދުރުވިއިރު، ފިއްލަދޫގައި 1 ވަނަ ކިލާހާއި 2 ވަނަ ކިލާހަށް ކިޔަވައިދޭ މަކްތަބެއް ހުށްޓެވެ. އެއީ ދުނބުރި ދަނޑިން ބިތް ގަތައި ސަޓާޖަހައި އޭގެ ބޭރުން ފަން ލާފައިހުރި މަކްތަކެވެ. ޖެހުނު ގަދަ ވައިގައި އައި ރޯޅިއެއްގައި މި މަކްތަބު އެއްލާލިއެވެ. އެހާތަނަށް އެތާނގައި ކިޔަވައިދިނީ ދެވައްތަރު ލިޔުމާއި، އިސްލާމާއި ، ހިސާބެވެ. ދެން ސަލަވާތްފާތިހާ ކިޔަވަން އެނގޭވަރު ކޮށްދެއެވެ. މި ދެންނެވި ފަން މަކްތަބު އެއްލާލުމުން ރާނާ ޓިނުޖަހާފައިހުރި ޒަމާނީ މަކްތަބްތަކެއް، ޖަލީލުބޭގެ ތުރާކުނަށާއި، ޤާސިމްގެ ފިއްލަދުއަށާއި ވަށަފަރަށް ހޯދައިދިނީ "ސޭވްދަޗިލްރަން" ގެ ފަރާތުންނެވެ. ޖަލީލުބެއަކީ މި މަކްތަބަށް މަސައްކަތް ކުރެއްވި ވެރިއެކެވެ.

މަރްޙޫމް ޖަލީލުބެވަނީ ވަނގާރު ފަޅުވި ޙާދިސާގެ ފޯކްލޯރތައް އަޅުގަނޑަށް ކިޔުއްވައި ދެއްވައިފައެވެ. އެއީ ރެކޯޑުކުރެވިފައިވާ އިންޓަރވިއު އެކެވެ.

ފިއްލަދޫ ގާސިމް އެ ސިފަކުރެއްވި އަތޮޅު އޮފީސް ނިޒާމަކީ ފޮނި ހަނދާން ތަކެކެވެ. އެއީ ފަނޑުވެ ގޮސްފައިވި އުފާވެރި މާޒީއެކެވެ. އަތޮޅުވެރިކަމުގެ ޒަމާނެވެ. އެ މާޒީގައި ޖަލީލުބެއަކީ ޚިދުމަތުގެ ސަފުން، އެންމެ ވިދި އެއް ތަރިއެވެ. މިއަދު ދުނިޔެވީ ޙަޔާތުން އެ އަލިގަދަތަރި މިވަނީ ﷲ ގެ ތަނަވަސް ރަޙްމަތަށް ދަތުރުކޮށްފައެވެ. ޖަލީލުބެއަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތް ލައްވާށިއެވެ.

ޢަބްދުﷲ ޖަލީލުހއ.ތުރާކުނުވަނގާރުހއ. ދިއްދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހއ ދިއްދޫ: އިންތިޚާބާ ދިމާކޮށް އާ މަޝްރޫއުތައް ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

ހއ ދިއްދޫ: އިންތިޚާބާ ދިމާކޮށް އާ މަޝްރޫއުތައް ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

09 މެއި 2026
މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

މާލެ އަތޮޅު ދެކުނުބުރި މުޅިން ކިސަޑު ވެއްޖެ

10 ފެބުރުއަރީ 2026
އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

06 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު