ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 03:04ނޭޕާލްގެ ގަނޑުފެންގަނޑެއް ފަޅައިގެން ގޮސް ހިނގި މި ކާރިސާގައި 1،400 އަށްވުރެ ގިނަ މީހުން މަރުވެ، 6،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި. މި ހާދިސާގައި ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނޭ

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ބުރިޖެއް ކަނޑައިގެން ގޮސް، ފެންގަނޑުގެ ތެރެއަށް ދަމައިގެންދާ މަންޒަރު | އެކްސް
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް މިދިޔަ މަހު ހިނގި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، ނޭޕާލުން މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް އުފުލިފައިވާކަން އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ.
ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީން ބުނީ، މި ހާދިސާގައި މިހާތަނަށް 1،403 މީހުން މަރުވެފައިވާއިރު، 13،742 މީހަކު ސަލާމަތްކުރެވިފަވާ ކަމަށެވެ. މީގެ އިތުރުން، މި ހާދިސާގައި ގެއްލުނު މީހުންގެ ޖުމްލަ އަދަދު 6،150 އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 587 މީހުން ހިމެނޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ޗައިނާ ފަޅިން މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް ހުރީ 43 ގަ އެވެ. ނަމަވެސް، ބެއިޖިންގއިން ޝީޒަންގްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޓިބެޓް ސަރަހައްދުން 519 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 261 މީހުން ހިމެނޭ ކަމަށް ޗައިނާގެ ކަމާގުޅޭ އިދާރާތަކުން ބުނެ އެވެ.
މި ކާރިސާ ހިނގާފައިވަނީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު، ނޭޕާލްގެ މައުންޓް ލަންގޓަންގ ލިރަންގ ފަރުބަދައިގެ 5،200 މީޓަރު އުސްމިނުގައި އޮތް ގްލޭޝިއަރެއް ނުވަތަ ބިޔަ ގަނޑުފެންގަނޑެއްގެ ބަޔެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. ގަނޑުފެންގަނޑު ފަޅައިގެން ދިއުމުގެ ސަބަބުން އައިސްއާއި ހިލަ ބޯޑަރު ސަރަހައްދުގެ ކޯރުތަކާއި ވާދީގެ ތެރެއަށް ފައިބައި، ކުއްލިއަކަށް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ.
މި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ނޭޕާލްގެ ރަސުވާ، ނުވަކޮޓް، ދާދިންގ އަދި ކާވްރޭ ޑިސްޓްރިކްޓްތަކުގެ އިތުރުން ކަތަމަންޑޫ ވާދީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މީގެ އިތުރުން، މި ކާރިސާގައި ޝީޒަންގ ސަރަހައްދުގައި އޮންނަ ގީރޮންގ ބޯޑަރު ހުރަސްކުރާ ސަރަހައްދު ވެސް ވަނީ ކިސަޑުތަކުގެ ދަށުވެފަ އެވެ.
މަސްދަރު: އަނަދޯލް











