ނޭޕާލްގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ ތެރެއިން ދިރިތިއްބާ އިތުރު ދެ މީހުން ސަލާމަތްކޮށްފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 07:08ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 1،300 އަށްވުރެ ގިނަ މީހުން މަރުވެ 5،000 މީހުން ގެއްލިފައިވާއިރު، ހައިޑްރޯޕަވާ ޕްލާންޓެއްގެ ހޮހަޅައެއްގައި ތާށިވި ޗައިނާ މީހަކާއި ވެއްޓުނު ގެއެއްގެ ދަށުގައި އޮތް އަންހެނަކު ވަނީ ދިރިތިއްބާ ސަލާމަތްކޮށްފައި. ބޭރުގެ އެހީތެރިކަމާއެކު މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާއިރު، ހޮހަޅަތަކުގައި ތާށިވެފައިވާ އިތުރު ބަޔަކު ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު މިހާރު ވަނީ އާވެފައި


ނޭޕާލްގެ ރަސޫވާ ޑިސްޓްރިކްޓްގައި ހުންނަ ތްރިޝޫލީ-3އޭ ހައިޑްރޯއިލެކްޓްރިކް މަޝްރޫއު ކުރިއަށްދާ ސަރަހައްދުގައި ތާށިވެފައިވާ މީހަކު ނޭޕާލްގެ ސިފައިން ސަލާމަތްކޮށްގެން ނެރޭ މަންޒަރު | އޭޕީ
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދަނިކޮށް، ހައިޑްރޯޕަވާ ޕްލާންޓެއްގައި މަސައްކަތް ކުރާ ޗައިނާގެ މުވައްޒަފަކާއި ނޭޕާލްގެ އަންހެނަކު ދިރިތިއްބާ ސަލާކަތް ކުރެވިއްޖެ އެވެ.
ވެރިރަށް ކަތުމަންޑޫގެ އުތުރުގައި އޮންނަ ފަރުބަދަމަތީ ރަސޫވާ އަވަށުގެ ހައިޑްރޯޕަވާ ޕްލާންޓެއްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ 225 މީޓަރު އެތެރޭގައި ތާށިވެފައި އިން ލޫ ހައިތާއޯ ސަލާމަތްކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. މީގެ އިތުރުން، އަވަށްޓެރި ނުވަކޮޓް އަވަށުގައި ފެންބޮޑުވުމުގެ ސަބަބުން ވެއްޓުނު ގެއެއްގެ ދަށުން އުމުރުން 64 އަހަރުގެ ޗަންދިކާ ކުމާރީ ޝްރެސްތާ ވެސް ވަނީ ދިރިހުއްޓާ ނެރެފަ އެވެ. މި ދެ މީހުން ވެސް ތާށިވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ހިމާލަޔާ ފަރުބަދަތަކުގެ ގްލޭޝިއާއެއް ނުވަތަ ބިޔަ ގަނޑުފެންގަނޑެއްގެ ބަޔެއް ވިރިގެން ފައިބައި، ހިލަތަކާއި ކުނިބުންޏާއެކު އައި ބޮޑު ފެންގަނޑު ވާދީގެ ތެރެއަށް ފެތުރިގަތް ހާދިސާގަ އެވެ.
އެންމެ ފަހުން ސަލާމަތް ކުރެވުނު ޗައިނާގެ މުވައްޒަފާއި ނޭޕާލްގެ އަންހެން މީހާއަކީ ފާއިތުވި ދުވަސްތަކުގައި މި ފަދަ ގޮތަކަށް ސަލާމަތްކުރެވުނު ތިންވަނަ އަދި ހަތަރުވަނަ މީހާ އެވެ. މިއާއެކު، ފެންބޮޑުވެފައިވާ ހޮހަޅަތަކުގައި ތާށިވެ ޚަބަރެއް ނުވެފައިވާ އިތުރު ބަޔަކު ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ.
ނޭޕާލްގެ ސިފައިންނާއި ދެކުނު ކޮރެއާގެ ކާރިސާތަކާ ބެހޭ މާހިރުން ގުޅިގެން ކުރި މަސައްކަތުން ލޫ ސަލާމަތްކުރިއިރު، އޭނާގެ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެފައި ހުރި ނަމަވެސް ހާލަތު ސްޓޭބަލް ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި، އޭނާ މިހާރު ހެލިކޮޕްޓަރުގައި ވެރިރަށް ކަތުމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ލޫ ބުނީ، ހޮހަޅައިގެ ތެރެއިން ރެސްކިއު ޓީމުތަކުގެ ޓޯޗުތަކުގެ އަލި ފެންނަ ކޮންމެ ފަހަރަކު ވެސް އެހީއަށް އެދި ހަޅޭއްލެވި ކަމަށެވެ. ނަމަވެސް، އެތައް ފަހަރަކު އެ އަޑު އެ މީހުންނަށް ނީވި ދިއުމަށްފަހު، އެންމެ ފަހުން ޓޯޗުގެ އަލި އޭނާއަށް އެޅުމުން ސަލާމަތްވާނެ ކަން ގަބޫލުކުރަން ދަތިވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ރަސޫވާ އަވަށުގައި ހުރި ނޫސްވެރިއަކު ބުނީ، ހޮނިހިރު ދުވަހު ވެހުނު ވާރޭގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް، ރެސްކިއު ޓީމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޭޕާލްގައި ހިނގި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާގައި ގެއެއްގެ ތެރޭގައި ތާށިވި އަންހެނަކު ފެނި، އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު | އެކްސް
ވެއްޓުނު ގޭގެ ކުނިބުނީގެ ދަށުގައި އޮއްވާ ފެނުނު ޝްރެސްތާ ސަލާމަތްކުރުމަށްފަހު، އޭނާއަށް ފެން ދީ، އިތުރު ފަރުވާއަށް ވަނީ ވައިގެ މަގުން ކަތުމަންޑޫއަށް ގެންގޮސްފަ އެވެ. ޝްރެސްތާ ސަލާމަތްކުރުމުގެ އެއް ދުވަސް ކުރިން، ކައިރީގައި އޮތް އެހެން ހައިޑްރޯޕަވާ ސައިޓެއްގެ ހޮހަޅައެއްގައި ތާށިވެފައި ތިބި ނޭޕާލްގެ ދެ މަސައްކަތްތެރިއަކު ވެސް ވަނީ ދިރިތިއްބާ ސަލާމަތްކޮށްފަ އެވެ. މިއީ، މި ކާރިސާގައި ގެއްލުން ލިބުނު ކަރަންޓު އުފައްދާ ޕްލާންޓުތަކުން އެންމެ ފުރަތަމަ ސަލާމަތްކުރެވުނު މީހުން ކަމުގައި ވެ އެވެ.
1،300 އަށްވުރެ ގިނަ މީހުން މަރުވެ، 5،000 މީހުން ގެއްލިފައި
ނޭޕާލްގެ ކާރިސާތަކާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ކާރިސާގައި މިހާތަނަށް މަދުވެގެން 1،331 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 5،000 އެއްހާ މީހުން ވަނީ ގެއްލިފަ އެވެ. އަދި، ގެއްލުނު މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 589 މީހުން ހިމެނެ އެވެ. ހަމަމިއާއެކު، ނޭޕާލްގެ ބޯޑަރު ހުރަސްކޮށް އޮންނަ ޗައިނާގެ ޓިބެޓްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ސަރަހައްދުން ވެސް 31 މީހަކު މަރުވެ، 531 މީހަކު ވަނީ ގެއްލިފަ އެވެ.
ހަމައެކަނި ހައިޑްރޯޕަވާ މަޝްރޫއުތައް ކުރިއަށްދާ ސައިޓްތަކުން ވެސް 900 އެއްހާ މަސައްކަތްތެރިންގެ ޚަބަރެއް ނުވާ ކަމުގައި އޮފިޝަލުން ބުނެ އެވެ. މީގެ ތެރެއިން 500 އެއްހާ މީހުން ތިބީ ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ 12 މަޝްރޫއެއްގެ ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައި ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން، ގްލޭޝިއާ ވިރިގެން ފޭބި ފެންގަނޑާއެކު ފޭބި ކިސަޑާއި ކުނިބުނިތަކުގެ ސަބަބުން، ކޯރުތަކުގެ އައްސޭރީގައި ހުރި އަވަށްތަކާއި ރަށްތައް ވަނީ ސުންނާފަތިވެފަ އެވެ. އަދި، ނޭޕާލުން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މި ސަރަހައްދުގެ މަގުތަކާއި، ގެތަކާއި، މަދަރުސާތައް ހަލާކުވެފައިވާއިރު، މިއީ ބޭރުގެ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ސަރަހައްދެކެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ކުރިން ހަރަކާތްތެރިވީ ހަމައެކަނި ނޭޕާލްގެ ފައުޖުތަކުން ކަމަށް ވިޔަސް، ބޭރުގެ އެހީއަށް އެދުމުން މިހާރު އިންޑިއާ، ޗައިނާ، ދެކުނު ކޮރެއާ އަދި އެމެރިކާގެ ޓީމުތަކުން ދަނީ އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، އޮސްޓްރޭލިއާގެ 15 މީހުންގެ ޑްރޯން ޔުނިޓެއް ވެސް މި ހަފުތާގައި ވަނީ މި މަސައްކަތާ ގުޅިފަ އެވެ.
ނޭޕާލްގެ ސިފައިން ބުނި ގޮތުގައި، މި ހަފުތާގައި 'ތްރިޝޫލީ 3އޭ' ހައިޑްރޯޕަވާ ސްޓޭޝަންގެ ހޮހަޅައިގެ ތެރެއިން ސަލާމަތްކުރެވުނު މީހަކު ވަނީ އެ ހޮހަޅަތަކުގެ އެތެރޭގައި އިތުރު މުވައްޒަފުން ދިރިތިބި ކަމުގެ މައުލޫމާތު ދީފަ އެވެ. އެހެންކަމުން، މިހާރު މީހުން ހޯދުމުގެ މަސައްކަތް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ އެ ސަރަހައްދަށެވެ.
ނޭޕާލްގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ބިކްރަމް ތިމިލްސީނާ ވިދާޅުވީ، އިތުރު ބަޔަކު ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ސަރުކާރުން އަދިވެސް ދޫނުކުރާ ކަމަށެވެ. "އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވީހާވެސް ގިނަ ބަޔަކު ދިރިތިއްބާ ސަލާމަތްކުރެވޭނެ ވަގުތަކަށް،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ










