ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި
4 ސެޕްޓެމްބަރު 2026 | ހުކުރު 13:43ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، ސަރަޙައްދީ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އެ ގައުމަށް 65،000 ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައި. މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ސަރަހައްދުގެ އެހެން ގައުމުތަކުން ވަނީ ނޭޕާލަށް ބޮޑެތި އެހީތައް ފޯރުކޮށްދީފައި

2026 އޮގަސްޓް 29 ވަނަ ދުވަހު ނޭޕާލްގެ ދޭވްގަޓް އަވަށަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ގެދޮރާއި އާބާދީތަކުގެ މައްޗަށް ކުނިބުންޏާއި ކިސަޑު ފެތުރިފައިވާ މަންޒަރު މަތިން ފެންނަ ފޮޓޯއެއް | ގެޓީ އިމޭޖަސް
2026 އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ (64,735 ޑޮލަރު) ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވިި އިރު އަވައްޓެރި ސްރީލަންކާ އާއި ބަންގްލަދޭޝް އިން ވަނީ ނޭޕާލަށް ކޮންމެ ގައުމަކުން 1 މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.
ރާއްޖެ އިން ދިން 65 ހާސް ޑޮލަރަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވަނީ ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ގޮތުން ސްރީލަންކާ ސަރުކާރުން 1 މިލިއަން ޑޮލަރުގެ އެހީ ދިން އިރު، އިންޑިއާ އިން ވަނީ 70 ޓަނުގެ ތަކެތި ފޮނުވާފަ އެވެ. މީގެ އިތުރުން އިންޑިއާގެ ރެސްކިއު ޓީމުތައް ނޭޕާލަށް ފޮނުވާފައިވެ އެވެ. ބަންގްލަދޭޝް އިން ވެސް ވަނީ 1 މިލިއަން ޑޮލަރުގެ އެހީ ނޭޕާލަށް ދީފަ އެވެ.
ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ.











