އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:28އީރާނާ ގުޅުން އޮންނަ ކަމަށް ބުނެ ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ބެއިޖިންގއިން އެކަން ކުށްވެރިކޮށްފި. މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ރައްކާތެރިކަމަށް ބުރޫއަރާ ކަމަށް ބުނެ، އެމެރިކާގެ ނޭދެވޭ ސިޔާސަތުތައް ވަގުތުން އިސްލާހުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޗައިނާއިން ވަނީ ގޮވާލާފައި


ޗައިނާގެ ޝަންގހާއީގައި ހުންނަ އޮރިއެންޓަލް ޕަރލް ޓީވީ ޓަވަރު ކައިރީގައި ހުރި އިމާރާތެއްގައި ޗައިނާގެ ދިދަ ވިހުރުވެރެމުން ދަނީ | އަނަދޮލޫ
އީރާނާ ގުޅުވައިގެން ޗައިނާގެ ކުންފުނިތަކާއި އަމިއްލަ ފަރުދުންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބެއިޖިންގއިން ގޮވާލައިފި އެވެ. ޗައިނާއިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އީރާނާ ގުޅުން އޮންނަ ކަމަށް ބުނެ އެމެރިކާއިން ޗައިނާގެ ކުންފުނިތަކަށާއި ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާތީ، އެ ކަމާ މެދު ބެއިޖިންގއިން ވަނީ އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކޮށް އެ ކަން ކުށްވެރިކޮށްފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެއްވެސް ބިންގަލެއް ނެތި، އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައެއް ނެތި އެއް ފަރާތުން އަޅާ މި ފަދަ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅުކަން ޗައިނާއިން ތަކުރާރުކޮށް ބަސްބުނާނެ ކަމަށް، އެ ގައުމުގެ ވިޔަފާރިއާބެހޭ ވުޒާރާގެ ތަރުޖަމާނު ހުއަންގް ލިންގް ވިދާޅުވި އެވެ. އަދި، އެމެރިކާއިން އަޅާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން، ގައުމުތަކުގެ މެދުގައި ހިނގާ އާންމު ވިޔަފާރިއާއި އިގްތިސާދީ މުއާމަލާތްތަކަށް ހުރަސްއެޅި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މީގެއިތުރުން، އެމެރިކާއިން ގެންގުޅޭ ނޭދެވޭ ސިޔާސަތުތައް ވަގުތުން އިސްލާހުކޮށް، ޗައިނާގެ ކުންފުނިތަކާއި ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވަމުން، ޗައިނާގެ ކުންފުނިތަކާއި ރައްޔިތުންގެ ގާނޫނީ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމުގައި ބެއިޖިންގއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރްޖީސީ) އިތުރުން އީރާނުގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މަހާން އެއާއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށް، ޗައިނާ ހިމެނޭހެން ހަތަރު ގައުމެއްގެ ހަ ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން އެމެރިކާއިން އިއުލާނުކުރީ މިދިޔަ ޖުލައި މަހުގަ އެވެ. ދުނިޔޭގެ މާލީ ނިޒާމުން އީރާނު އެކަހެރިކުރުމަށް ވޮޝިންގޓަނުން ފަށާފައިވާ މި ޣައިރުޤާނޫނީ ކެމްޕޭނަކީ، ފެބުރުވަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ނުތަނަވަސްކަން އުފެދިފައި މި ވަނީ، މިދިޔަ މޭ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅަށްފަހު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ










