ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
7 ސެޕްޓެމްބަރު 2026 | ހޯމަ 06:04ޗައިނާގެ އިގްތިސާދީ ކުރިއެރުން އަމާޒަށްވުރެ ދަށްވެފައިވާތީ، މާލީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ބޮޑެތި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ޗައިނާގެ ސަރުކާރުން ވަނީ ނިންމާފައި. ވިޔަފާރީގެ ވާދަވެރިކަމާއި އާބާދީ މުސްކުޅިވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް އަޅާ މި ފިޔަވަޅުގެ ސަބަބުން، އިގްތިސާދީ އެކި ދާއިރާތަކަށް ލޯނު ދޫކުރުމުގެ ފުރުސަތު ފުޅާވެ، ބޭރުގެ ލޮޅުންތަކުން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް ބެލެވޭ


ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ބޭންކެއްގެ ބޭރުގައި، ކަސްޓަމަރުންތަކެއް މަޑުކޮށްލައިގެން ތިބި މަންޒަރު | ގެޓީ އިމޭޖަސް
ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހެމުން ދާތީ، އެ ގައުމުގެ މާލީ ނިޒާމު ހަރުދަނާކޮށް އިގްތިސާދަށް އާ ދިރުމެއް ގެނައުމަށް ޓަކައި، ސަރުކާރު ހިއްސާވާ އަށް ބޭންކަކަށާއި އިންޝުއަރެންސް ކުންފުންޏަކަށް އެތައް ބިލިއަން ޑޮލަރެއްގެ ކެޕިޓަލް އިންވެސްޓް ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ޗައިނާގެ މާލީ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، މާލީ ނިޒާމުގެ ތެރެއަށް ޖުމްލަ 360 ބިލިއަން ޔުއާން (53.6 ބިލިއަން އެމެރިކާ) އިންވެސްޓްކުރާނެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ޝިންހުއާ ނޫސް އޭޖެންސީން ރިޕޯޓު ކުރެ އެވެ. މި ނިންމުމާ ގުޅޭ ގޮތުން އެ ނޫހުން ބުނީ، މީގެ ސަބަބުން އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާވެ، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުވެގެން ދާނެ ކަމަށާއި، ގައުމުގެ އަސްލު އިގްތިސާދަށް ޚިދުމަތް ކުރުމުގެ ފުރުސަތު ވެސް އިތުރަށް ތަނަވަސްވެގެން ދާނެ ކަމަށެވެ.
ހުޅަނގުގެ ގައުމުތަކާ އެކު އޮތް ވިޔަފާރީގެ ނުތަނަވަސްކަމާއި، އީރާން ހަނގުރާމައިގެ އަސަރުތަކުގެ އިތުރުން، އާބާދީ މުސްކުޅިވަމުން ދިއުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ބެއިޖިންގްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅަކީ މިއީ އެވެ. މި ހަފުތާ ބަންދުގައި މި ފިޔަވަޅު އިއުލާންކޮށްފައި މި ވަނީ، ވަޒިފާއަދާކުރާ މީހުންގެ އާބާދީ ދަށްވުމާއި، ރިއަލް އެސްޓޭޓް މާކެޓް އަހަރުތަކަކަށް ދަށަށް ދިއުމާއި، އެމެރިކާއާއެކު އޮތް ވިޔަފާރި އަދި ޓެކްނޮލޮޖީގެ ވާދަވެރިކަން ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ބެއިޖިންގްއިން އިގްތިސާދު އަލުން ބައްޓަން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި މާލީ އެހީގެ ދަށުން ޗައިނާގެ ބޮޑު ތިން ބޭންކަކާއި ފަސް އިންޝުއަރެންސް ކުންފުންޏެއްގެ މާލީ ހާލަތު ރަނގަޅު ކުރެވިގެން ދާނެ އެވެ. މީގެ ތެރޭގައި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއާއި (އައިސީބީސީ)، އެގްރިކަލްޗަރަލް ބޭންކް އޮފް ޗައިނާގެ އިތުރުން، ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން ހިމެނެ އެވެ. ޗައިނާގެ ދައުލަތުގެ ނޫސް، ގްލޯބަލް ޓައިމްސްއިން ބުނީ، މި ފިޔަވަޅުގެ ސަބަބުން ބޭންކުތަކަށާއި މާލީ އިދާރާތަކަށް އިގްތިސާދީ އެކި ދާއިރާތަކަށް ލޯނު ދޫކުރުމުގެ ފުރުސަތު ފުޅާވެގެން ދާނެ ކަމަށެވެ. މިއާއެކު، ދުނިޔޭގެ މާލީ ބާޒާރުގައި ނުތަނަވަސްކަން އޮތް މި ދަނޑިވަޅުގައި، ބޭރުން ކުރިމަތިވާ ލޮޅުންތަކަށް ކެތްކުރުމުގެ ބާރު ވެސް އެ މުއައްސަސާތަކަށް ލިބިގެންދާނެ ކަމަށް އެ ނޫހުން ބުނެ އެވެ. މާލީ ދާއިރާގެ ހަމަޖެހުމަކީ އެ ގައުމުގެ ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަބަދު ވެސް ގަބޫލުފުޅު ކުރައްވަ އެވެ.
މި އަހަރުގެ އެޕްރީލު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޗައިނާގެ އިގްތިސާދީ ކުރިއެރުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ އެތެރޭގެ ޑިމާންޑް ދަށްވުމާއި، އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން އެ ގައުމުގެ ވަރުގަދަ އެކްސްޕޯޓަށް ނޭދެވޭ އަސަރު ކުރުން ކަމަށް ބެލެވެ އެވެ. ޖުލައި މަހު އާންމުކުރި ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ކުއާޓަރުގައި ޗައިނާގެ އިގްތިސާދު ކުރިއަރާފައި ވަނީ ސަރުކާރުން ކަނޑައެޅި އަމާޒަށް ވުރެ ދަށުން، 4.3 އިންސައްތައިގަ އެވެ. މިއީ، ފުރަތަމަ ކުއާޓަރުގައި ރެކޯޑު ކުރެވުނު 5 އިންސައްތައިގެ ކުރިއެރުމާ އަޅާބަލާއިރު ދަށްވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ މާރިޗު މަހު ބެއިޖިންގްއިން ވަނީ އިގްތިސާދީ ކުރިއެރުމުގެ އަހަރީ އަމާޒު 4.5 އިންސައްތަ އާއި 5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކޮށްފަ އެވެ. މިއީ، 1991 ވަނަ އަހަރަށް ފަހު އެ ގައުމުން ކަނޑައެޅި އެންމެ ދަށް އަމާޒު ކަމަށް ވާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވީ، މިއީ އިގްތިސާދުގައި ހުރި ބަލިކަށިކަން ގަބޫލުކޮށް، އެ ކަން ހައްލުކުރުމަށް ބެއިޖިންގްއިން ޖާގަ ހޯދުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ.
މަސްދަރު: ބީބީސީ










