ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ ހަރުކަށި އާ ގަވާއިދެއް ނޮވެމްބަރު މަހު ތަންފީޒުކުރަނީ
14 ސެޕްޓެމްބަރު 2026 | ހޯމަ 09:03ބެއިޖިންގގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޓަކައި އެ ސިޓީގައި ޑްރޯން ގެންގުޅުމާއި، އުދުއްސުމާއި، އެތެރެކުރުން މަނާކުރާ އާ ގަވާއިދެއް ވަނީ އެކުލަވާލާފައި. މި ނިންމުމާ ގުޅިގެން ނޮވެމްބަރު 15 ގެ ކުރިން ޑްރޯންތައް ނައްތާލަން ނުވަތަ ސިޓީން ބޭރަށް ގެންދަން ޖެހޭއިރު، މި ކަމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ


ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ އެންމެ އުސް އިމާރާތުގައި ކުޑަ މަތިންދާބޯޓެއް ޖެހުނު ހާދިސާގައި ލިބިފައިވާ ގެއްލުން ފެންނަ ފޮޓޯއެއް | އޭޕީ
ޗައިނާގެ ވެރިރަށް ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ އާ ގަވާއިދެއް އަންނަ ނޮވެމްބަރު މަހުން ފެށިގެން ތަންފީޒުކުރަން ނިންމައިފި އެވެ. މިއީ، އެ ސިޓީގައި ޑްރޯން ވިއްކުން މަނާކޮށް މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުކަށިކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އާދީއްތަ ދުވަހު އިއުލާނުކުރި މި އާ ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދުގެ ދަށުން ބެއިޖިންގގައި 'އަންމޭންޑް އޭރިއަލް ވެހިކަލް' (ޔޫއޭވީ) ނުވަތަ ޑްރޯން ގެންގުޅުމާއި، ރައްކާކޮށްފައި ބެހެއްޓުމުގެ އިތުރުން، އެ ސިޓީގެ ވައިގެ ސަރަހައްދުގައި ޑްރޯން އުދުއްސުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ބެއިޖިންގގެ ސަރަހައްދަށް ޑްރޯން ނުވަތަ ޑްރޯން ހަދަން ބޭނުންކުރާ އެކި ބައިތައް އެތެރެކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.
ގާތްގަނޑަކަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެއިޖިންގގެ ވައިގެ ސަރަހައްދުގެ ސަލާމަތާ މެދު ކަންބޮޑުވުންތައް އިތުރުވީ، މިދިޔަ ޖޫން މަހު ކުޑަ މަތިންދާބޯޓެއް އެ ސިޓީގެ އެންމެ އުސް އިމާރާތުގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެ ހާދިސާގައި ބޯޓުގެ ޕައިލެޓް މަރުވެ، އިތުރު 13 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. މި ފިޔަވަޅުތައް އަޅަން ޖެހުނީ ޗައިނާގެ މައި ވެރިރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް، ބެއިޖިންގގެ މުނިސިޕަލް ސަރުކާރުން އެކުލަވާލި މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މިދިޔަ މޭ މަހު ތައާރަފުކުރި އުސޫލުތަކުގެ ދަށުން ބެއިޖިންގގައި ޑްރޯން ވިއްކުން މަނާކޮށްފައިވީ ނަމަވެސް، އެއިރު ޑްރޯން ގެންގުޅޭ ފަރާތްތަކުން އެ ތަކެތި ރަޖިސްޓްރީ ކުރުމަށް ފަހު ގެންގުޅުމުގެ ހުއްދަ އޮތެވެ. ނަމަވެސް، އަލަށް އަމަލުކުރަން ފަށާ ގަވާއިދުގައިވާ ގޮތުން، ބެއިޖިންގގައި ޑްރޯން ގެންގުޅޭ ހުރިހާ ފަރާތްތަކުން ވެސް އަންނަ ނޮވެމްބަރު 15 ގެ ކުރިން އެ ތަކެތި ނައްތާލަން ޖެހޭނެ އެވެ. ނުވަތަ އެ ސިޓީން ބޭރަށް ޑްރޯންތައް ގެންދަން ޖެހޭނެ އެވެ. މި މުއްދަތުގެ ފަހުން ޑްރޯން ގެންގުޅޭ ފަރާތްތަކުގެ ޑްރޯންތައް އަތުލައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ޑްރޯންތައް ނައްތާލާ ފަރާތްތަކަށް ނުވަތަ ސަރުކާރުން ކަނޑައަޅާފައިވާ ވަސީލަތްތައް މެދުވެރިކޮށް ޑްރޯން ވިއްކާލާ ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ޑްރޯންތައް ސިޓީން ބޭރަށް ފޮނުވާލަން ބޭނުންވާ ފަރާތްތަކަށް، ޕޯސްޓް މެދުވެރިކޮށް އެ ތަކެތި ފޮނުވުމުގެ ހިދުމަތް ހިލޭ ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިހާރު ވެސް ބެއިޖިންގގެ ވައިގެ ސަރަހައްދުގައި ޑްރޯން އުދުއްސޭނީ ކަމާބެހޭ އިދާރާތަކުގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ނަމަވެސް، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، ކާރިސާތަކުގައި އެހީތެރިވުމުގެ މަސައްކަތްތަކުގެ އިތުރުން ސައިންޓިފިކް ދިރާސާތައް ކުރުން ފަދަ ހާއްސަ ބޭނުންތަކަށް ޑްރޯން ބޭނުންކުރުމުގެ އިސްތިސްނާ ހުއްދައެއް ދޫކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އާ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މަސްދަރު: ސީއެންއޭ











