ނޭޕާލުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 1،287ށް އަރައިފި، ފަސްހާހަށް ވުރެ ގިނަ މީހުން އަދިވެސް ގެއްލިފައި
4 ސެޕްޓެމްބަރު 2026 | ހުކުރު 13:52ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ގުދުރަތީ ކާރިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 1،300 އަށްވުރެ މައްޗަށް އަރާފައިވާއިރު، 5،600 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި. ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ފަތުރުވެރިން ހިމެނޭއިރު، އިންޑިއާގެ ކޯރުތަކުންވެސް މި ހާދިސާގައި މަރުވި ކަމަށް ބެލެވޭ ބައެއް މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ފެނިފައި
ނޭޕާލްގެ ތްރިޝޫލީ 3އޭ ޓަނަލްގެ ތެރޭގައި ތާށިވެފައި އޮތްތާ ނުވަ ދުވަސް ފަހުން، ސަންޖޭ ޝާހް އެންމެ ފަހުން ދިރިހުއްޓާ ސަލާމަތްކޮށްގެން ގެންދަނީ | އެކްސް
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި، އެ ގައުމުން މަދުވެގެން 1،287 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހުކުރު ދުވަހު ހާމަކޮށްފި އެވެ. މީގެ އިތުރުން، ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު މިހާރު 5،083 އަށް އަރާފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
ޗައިނާ-ނޭޕާލް ބޯޑަރު ސަރަހައްދުގައި ހިނގި މި ނުރާއްކާތެރި ހާދިސާގައި، ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓިބެޓުން 21 މީހަކު މަރުވެ، 541 މީހަކު ވަނީ ގެއްލިފަ އެވެ. މިއާއެކު، އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ގަނޑުފެންގަނޑުތަކާއި ހިލައާއި ކިސަޑު ފޭބުމުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،308 އަށް އަރާފަ އެވެ. އަދި މިހާތަނަށް ޖުމްލަ 5،624 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި 800 އަށްވުރެ ގިނަ ބޭރު ގައުމުތަކުގެ މީހުން ހިމެނެ އެވެ. މީގެ ތެރޭގައި ހިމަލަޔާ ފަރުބަދަތަކަށް އެރި ޓްރެކަރުންނާއި، ހިންދޫންނާއި ބުދިސްޓުންގެ ދީނީ ބިމެއް ކަމަށްވާ ޓިބެޓްގެ ކައިލާޝް ފަރުބަދައަށް ޒިޔާރަތްކުރި މީހުން ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.
އިންޑިއާގެ ކޯރުތަކުންވެސް މިހާތަނަށް މަދުވެގެން 17 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އޮފިޝަލުން ލަފާކުރާ ގޮތުގައި މިއީ ނޭޕާލުން އޮޔާދިޔަ މީހުންގެ ހަށިގަނޑުތަކެވެ. ނަމަވެސް، މި މީހުންނަކީ ކާރިސާގައި މަރުވި މީހުންގެ ރަސްމީ އަދަދުތަކުގެ ތެރޭގައި އަދި ހިމަނާފައިވާ ބައެއް ނޫނެވެ.
މަސްދަރު: އޭއެފްޕީ









