އިކުއެޑޯގެ ކުރީގެ ރައީސް މޮރޭނޯގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް، މި ކުށް އާއިލާގެ އެހެން މެމްބަރުންނާއި، ޗައިނާގެ ކުރީގެ ސަފީރުގެ މައްޗަށްވެސް ސާބިތުވި
29 އޯގަސްޓު 2026 | ހޮނިހިރު 11:58އިކުއެޑޯގެ ހައިޑްރޯއިލެކްޓްރިކް ޕްލާންޓެއްގެ މަޝްރޫއުން ރިޝްވަތު ނެންގެވި މައްސަލައިގައި، އެ ގައުމުގެ ކުރީގެ ރައީސް ލެނިން މޮރޭނޯ ފަސް އަހަރަށް ޖަލަށްލުމަށާއި ދައުލަތުގެ މަގާމެއް ފުރުއްވުން ދާއިމީކޮށް މަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި މައްސަލައިގައި މޮރޭނޯގެ އާއިލީ ބޭފުޅުންނާއި ޗައިނާގެ ކުރީގެ ސަފީރުގެ މައްޗަށް ވެސް ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާއިރު، މޮރޭނޯ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައި

އިކުއެޑޯގެ ކުރީގެ ރައީސް ލެނިން މޮރޭނޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރޮސިއޯ ގޮންޒާލޭޒް ނަވާސް، ކީޓޯގައި ހުންނަ އެ ގައުމުގެ ނޭޝަނަލް ކޯޓަށް ވަޑައިގަންނަވަނީ | އޭއެފްޕީ
އިކުއެޑޯގެ އެންމެ ބޮޑު ހައިޑްރޯއިލެކްޓްރިކް ޕްލާންޓް އެޅުމުގެ މަޝްރޫއާ ގުޅޭ ރިޝްވަތުގެ މައްސަލައެއްގައި، އެ ގައުމުގެ ކުރީގެ ރައީސް ލެނިން މޮރޭނޯގެ މައްޗަށް ކުށް ސާބިތުވާކަމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ހުކުރު ދުވަހު ބުނެފި އެވެ.
އުމުރުން 73 އަހަރުގެ މޮރޭނޯގެ މައްޗަށް އިއްވާފައިވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، މުސްތަގުބަލުގައި ދައުލަތުގެ އެއްވެސް މަގާމެއް ފުރުއްވުން އޭނާއަށް ވަނީ ދާއިމީކޮށް މަނާކޮށްފަ އެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރުގެ މާރިޗު މަހު ފެށި މި ތަހުގީގަކީ، "ކޯކާ ކޯޑޯ ސިންކްލެއަރ" ޕްލާންޓާ ގުޅުންހުރި ކޮރަޕްޝަންގެ ނެޓްވޯކެއްގެ ތެރެއިން މޮރޭނޯ އާއި އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން، އެ ގައުމުގެ އަދި ޗައިނާގެ ވިޔަފާރިވެރިންނަށް މަންފާ ލިބިފައިވާ ކަމަށް ބުނާ މައްސަލައެކެވެ. މި ޕްލާންޓް 2016 ވަނަ އަހަރު އޮޕަރޭޓް ކުރަން ފެށި ފަހުން އެކި ފަހަރުމަތިން ފަންނީ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ޓްރައިބިއުނަލްގެ އިސް ފަނޑިޔާރު މެނުއަލް ކަބްރޭރާ ވިދާޅުވީ، ލެނިން މޮރޭނޯގެ އަމަލުތައް ހުރީ ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކު ރިޝްވަތު ހިފުމުގެ ކުށަށް ފެތޭ ގޮތަށް ކަމަށެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، ޗައިނާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ "ސައިނޯހައިޑްރޯ" އިން ވަނީ 2009 އާއި 2018 އާ ދެމެދު، އޮޅުވާލައިގެން ހަދާފައިވާ ކޮންސަލްޓިންގ ކޮންޓްރެކްޓްތަކެއް މެދުވެރިކޮށް ގާތްގަނޑަކަށް 76.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދީފަ އެވެ.
މި މައްސަލައިގައި މޮރޭނޯގެ އަނބިކަނބަލުންގެ އިތުރުން، ދަރިކަނބަލަކާއި، ދެ ކޮއްކޮ އަކާއި އެމީހުންގެ އަނބިންގެ މައްޗަށް ވެސް ކުށް ސާބިތުވެ، ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މީގެ އިތުރުން، އިކުއެޑޯގެ ވެރިރަށް ކީޓޯގައި ހުންނެވި ޗައިނާގެ ކުރީގެ ސަފީރު ކައި ރުންގުއޯގެ މައްޗަށް ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފައިސާ މޮރޭނޯގެ އާއިލާ އާއި ގާތް މީހުންނަށް ލިބުމުގެ ކުރިން، ބޭރު ގައުމުތަކުގެ ބޭންކު އެކައުންޓްތަކާއި ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކުގައި ހަދާފައިވާ "ޝެލް" ކުންފުނިތަކެއް މެދުވެރިކޮށް ދައުރުކޮށްފައިވެ އެވެ. ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި، 2007 އިން 2013 އަށް މޮރޭނޯ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އޭނާ އާއި އޭނާގެ ގާތް ތިމާގެ މީހުންނަށް އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ.
މޮރޭނޯ ވަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފަ އެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގައި ނުވަތަ އެ މަސައްކަތް ބެލެހެއްޓުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޮރޭނޯ ވިދާޅުވީ، ތަހުގީގު ކުރާ ފަރާތްތަކުން ބަލަމުންދަނީ ނުބައި ދިމާލަކަށް ކަމަށާއި، ބަލަންވީ އެއްބަސްވުންތަކުގައި ސޮއިކުރި މީހުންނާއި ރިޝްވަތު ނެގުމުގެ އާދަ ހުންނަ މީހުންނަށް ކަމަށެވެ.
2017 އިން 2021 އަށް އިކުއެޑޯގެ ރައީސްކަން ކުރެއްވި މޮރޭނޯ، ޝަރީއަތަށް ކުރިމަތިލެއްވުމަށް އެނބުރި ގައުމަށް ވަޑައިގަތީ ޕެރަގުއޭގައި ހުންނެވުމަށްފަހު އެވެ.










