ނޭޕާލް ފެންބޮޑުވުމުގެ ހާދިސާގައި ހޮހަޅައެއްގައި ތާށިވި ދެ މީހުން ސަލާމަތްކޮށްފި
4 ސެޕްޓެމްބަރު 2026 | ހުކުރު 07:18ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރުވި މީހުންގެ އަދަދު 1,280 އަށް ވަނީ އަރާފައި. މި ހާދިސާގައި 5,600 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނޭ. މި ކާރިސާގެ ސަބަބުން ނޭޕާލްގެ އިތުރުން ޗައިނާގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި


ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން، ހޮހަޅަތަކެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ | އަނަޑޯލޫ
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއަށް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ހައިޑްރޯޕަވަރ މަޝްރޫއެއްގައި ބޭނުންކުރާ ޓަނަލެއް ނުވަތަ ހޮހަޅައެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހަކު ދިރިތިއްބާ ސަލާމަތްކުރެވިއްޖެ އެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުންތައް ލިބުނު "ޓްރިޝޫލީ 3އޭ ހައިޑްރޯޕަވަރ ޕްރޮޖެކްޓް" ގެ ސަރަހައްދުގައިވާ ހޮހަޅަައް ކައިރީގައި ކުއްލި ހާލަތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ޓީމުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހޮހަޅައިގެ ތެރެއިން މީހުންގެ އަޑު އިވުމާ ގުޅިގެން، އެ ތަނުން ގާތްގަނޑަކަށް 42 މީހުން ސަލާމަތްކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ނޭޕާލްގެ އެނާޖީ މިނިސްޓްރީން ވަނީ ބީބީސީއަށް މައުލޫމާތު ދީފަ އެވެ.
ހޮހަޅައިގެ އެންމެ ފުރަތަމަ ސަލާމަތްކުރެވުނު ސަންޖަޔާ ޝާހް، ވެރިރަށް ކަތުމަންޑޫގެ ހުޅަނގު އުތުރުގައި އޮންނަ ހޮސްޕިޓަލަކަށް ވައިގެ މަގުން މިހާރު ގެންގޮސްފައިވާއިރު، ދެވަނައަށް ސަލާމަތްކުރި ކަބީރު މަހަރްޖަން، ކަތުމަންޑޫގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ޗައުނީ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޭނޭޕާލްގައި ފެންބޮޑުވި ހޮހަޅައެއްގެ ތެރެއިން ދިރިހުއްޓާ ފެނުނު މީހަކު ނަގައިގެން ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަނީ | އެކްސް/ބީބީސީ
ފެންބޮޑުވުމާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނޭޕާލްގެ ރަސުވާ، ނުވަކޮޓް، ދާޑިންގް އަދި ކަވްރޭ ޑިސްޓްރިކްޓްގެ އިތުރުން ކަތުމަންޑޫ މައި ވާދީއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޝީޒަންގް އޮޓޮނޮމަސް ރީޖަން ނުވަތަ ޓިބެޓްގެ ގީރޮންގް ޕޯޓް ސަރަހައްދު ވެސް ވަނީ ސުންނާފަތިވެފަ އެވެ.
ވޭތުވެދިޔަ ހަފުތާގައި ކުރިމަތިވި މި ފެންބޮޑުވުމުގެ ހާދިސާގައި ނޭޕާލުން 1,259 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، 5,083 މީހުން ވަނީ ގެއްލިފަ އެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުން 21 މީހުން މަރުވެފައިވާއިރު، ގެއްލުނު 541 މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 1,280 އަށް އަރާފައިވާއިރު، ގެއްލިފައިވާ 5,624 މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 844 މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ









