Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫގެންޑާ

ޔުގެންޑާގެ ޓޫރޯ ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު އާއިލާގެ ތެރޭގައި ބޮޑު ދަބަސްވުމެއް އުފެދިއްޖެ

11 ސެޕްޓެމްބަރު 2026 | ހުކުރު 09:29

ޔުގެންޑާގެ ޓޫރޯ ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު އާއިލާގެ ތެރޭގައި ބޮޑު ދަބަސްވުމެއް އުފެދި ރަސްކަމުގެ ޚާންދާނުން އާ ރަސްގެފާނަކު އިއުލާނުކުރި ނަމަވެސް، އަވަހާރަވި ރަސްގެފާނުގެ ވަސިއްޔަތާ އެއްގޮތަށް އެމަނިކުފާނުގެ ކުޑަ ފިރިހެން ދަރިކަލުންނަށް ތަޚުތު އެރުވުމަށް އާއިލާގެ ގާތް ބޭފުޅުން ދަނީ ބާރުއަޅަމުން. މި މައްސަލަ ހޫނުވެފައިވަނީ ރަސްގެފާނުގެ ޖަނާޒާގެ ތައްޔާރީތައް ވަމުންދަނިކޮށް

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2026 | ހުކުރު 09:29
ކިންގް އޮޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކިޑީ IV

ކިންގް އޮޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކިޑީ IV | ގެޓީ އިމޭޖަސް

ޔުގެންޑާގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ފަސްދާނުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު ބޮޑު ދަބަސްވުމެއް އުފެދިއްޖެ އެވެ. އަވަހާރަވިއިރު، އެމަނިކުފާނަކީ ދުނިޔޭގައި ހުންނެވި އެންމެ ޒުވާން ރަސްގެފާނެވެ.

ޔުގެންޑާގެ ޓޫރޯ ރަސްކަމުގެ ތަޚުތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވި ރަސްގެފާނު އޯޔޯ ނިޔިމްބާ ކަބަމްބާ އިގުރު ރުކިޑީ IV އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިދިޔަ މަހު އެމެރިކާގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 34 އަހަރެވެ.

ރަސްކަމުގެ ޚާންދާނުގެ އިސްވެރިން ވަނީ، ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަގުބޫލުކަން ހޯއްދަވާފައިވާ އުމުރުން 56 އަހަރުގެ ޕްރިންސް އެޑްވަރްޑް ރުކިޑީ ކިޖަނަންގޯމާ ދެން ހުންނަވާ ރަސްގެފާނުގެ ގޮތުގައި އިއުލާނުކޮށްފަ އެވެ. ނަމަވެސް، އަވަހާރަވި ރަސްގެފާނު އޯޔޯގެ އާއިލާގެ އެންމެ ގާތް ފަރާތްތަކުން ވަނީ މި ނިންމުމާ ދެކޮޅު ހަދާފަ އެވެ.

ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ޕްރިންސަސް ރޫތު ކޮމުންޓާލޭ ވިދާޅުވީ، 2022 ވަނަ އަހަރު ރަސްގެފާނު ލިޔުއްވާފައިވާ ވަސިއްޔަތެއް އެބައޮތް ކަމަށާއި، އެ ވަސިއްޔަތުގައި ރަސްކަމުގެ ތަޚުތު ހަވާލުކުރަން ނިންމަވާފައިވަނީ އެމަނިކުފާނުގެ ކުޑަ ފިރިހެން ދަރިކަލުންނާ ކަމަށެވެ. މި ދަރިކަލުންގެ ވަނަވަރު މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

"އަޅުގަނޑުގެ ބޭބެ ވަނީ ތަޚުތުގެ ވާރިސަކު ކަނޑައަޅުއްވާފައި، އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ،" ބުދަ ދުވަހުގެ ރޭ ރަސްކަމަށް އައު ބޭފުޅަކު އިއުލާނުކުރި ކުރުމަށް އިޝާރާތްކުރައްވައި ޕްރިންސަސް ވިދާޅުވި އެވެ. އޭނާ ވަނީ އާއިލާ ހިތާމައިގައި އޮއްވައި މިފަދަ އިއުލާނެއްކޮށް "އޮޅުންބޮޅުންގަނޑެއް" އުފެއްދި ކަމަށް ބުނެ އެކަމުގެ ފަހަތުގައި ތިބި ފަރާތްތަކަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވާފަ އެވެ.

މީގެއިތުރުން، އަވަހާރަވި ރަސްގެފާނުގެ މަންމާފުޅު ކުއީން ބެސްޓް ކެމިގީސާ ވިދާޅުވީ، ގަނޑުވަރުގައި ތިބި ރަސްކަމުގެ ގާޑުން ފޮނުވާލައި، ސިފައިން ގަނޑުވަރުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން އާއިލާގެ މެންބަރުންނަށް ބޭރަށް ނުކުމެ އުޅުމާއި ޒިޔާރަތްކުރާ މީހުންނާ ބައްދަލުކުރުމަށް ހުރަސް އެޅިފައިވާ ކަމަށާއި، މިއީ "ގޭބަންދު" ކުރުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އޭނާ ވަނީ ޔުގެންޑާގެ ސިފައިންގެ އިސްވެރިންނަށާއި ރައީސް ޔޮވެރީ މުސެވެނީއަށް އިލްތިމާސްކުރައްވައި، އަންނަ ހޮނިހިރު ދުވަހު ރަސްގެފާނު އޯޔޯގެ ޖަނާޒާގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ތަޚުތަށްޓަކައި ހަނގުރާމަކުރާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން؛ އާދޭސްކޮށްފައި ބުނަން، ތިޔަ ކަންކަމަށް ވަގުތު ލިބޭނެ. މިވަގުތު އަޅުގަނޑުމެންނަށް ހިތާމަކުރުމަށާއި، އަޅުގަނޑުގެ ދަރިފުޅު ރަސްގެފާނު އޯޔޯ ފަސްދާނުލުމަށް ފުރުސަތު ދެއްވާ،" ކުއީން ބެސްޓް ވިދާޅުވި އެވެ.

ޔުގެންޑާގެ ހުޅަނގުގައި އޮންނަ ފޯޓް ޕޯޓަލްގައި ހުންނަ ރަސްކަމުގެ މަގްބަރާގައި ބާއްވާ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ރަސްގެފާނުގެ ހަށިކޮޅު އެމެރިކާއިން ޔުގެންޑާއަށް ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މިހާރު ދަނީ ޖަނާޒާގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ޓޫރޯއަކީ ޔުގެންޑާގެ ސަގާފީ ރަސްކަމެއް އޮންނަ ސަރަހައްދެކެވެ. އެ ރަސްކަމުގެ ރަސްގެފާނަކީ ސިޔާސީ ގޮތުން އެއްވެސް ބާރެއް އޮންނަ ފަރާތެއް ނޫން ނަމަވެސް، އެއީ ޔުގެންޑާގެ ހުޅަނގު ސަރަހައްދުގައި ސަގާފީ ގޮތުން ވަރަށް މުހިންމު ޝަޚުސިއްޔަތެކެވެ.

ޔުގެންޑާގައި އޮތް ސަގާފީ ރަސްކަންތައް 1967 ވަނަ އަހަރު އުވާލި ނަމަވެސް، ރައީސް މުސެވެނީގެ ވެރިކަމުގައި 1990 ގެ އަހަރުތަކުގައި އެ ރަސްކަންތައް ވަނީ އަލުން އިއާދަކޮށްފަ އެވެ. އެ ރަސްކަންތަކުގެ ރަސްކަލުން ބަލައިގަނެވެނީ ސިޔާސީ ވެރިންގެ ގޮތުގައެއް ނޫނެވެ، ނަމަވެސް ސަގާފީ ލީޑަރުންގެ ގޮތުގަ އެވެ.

ރަސްގެފާނު އޯޔޯގެ ފިރިހެން ދަރިކަލަކު ހުންނެވިކަން ފުރަތަމަ ފަހަރަށް އާންމުކޮށް ހާމަކުރެއްވީ، ރަސްގެފާނު އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުސެވެނީ އެވެ. ރައީސް ވިދާޅުވީ އެ ކުޑަ ފިރިހެން ކުއްޖާގެ ވާހަކަ އެމަނިކުފާނަށް ކިޔައިދެއްވީ ރަސްގެފާނުގެ މަންމާފުޅު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އެ ކުއްޖާއަކީ ރަސްގެފާނު އޯޔޯގެ ވާރިސެއްގެ ގޮތުގައި ދައްކާފައެއް ނުވެ އެވެ.

މި އުފެދުނު ދަބަސްވުމުގެ ސަބަބުން، ޓޫރޯ ރަސްކަމުގެ ތަޚުތަށް ބޭފުޅުން އިސްކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ ހާމަވެފަ އެވެ.

އިނގިރޭސި ރަސްކަމުގައި އޮންނަ އުސޫލާ ޚިލާފަށް، ޓޫރޯގެ ރަސްގެފާނު ހޮވަނީ ރަސްކަމުގެ ޚާންދާނުގެ ގޮފި ކަމަށްވާ "ބަބީޓޯ" އާއިލާގެ ތެރެއިންނެވެ. އިނގިރޭސިވިލާތުގައި ރަސްކަން ބަދަލުވަނީ ކުރިން ކަނޑައެޅިފައި އޮންނަ ތަރުތީބަކުންނެވެ.

ޓޫރޯ ރަސްކަމުގެ ވެރިރަށް ފޯޓް ޕޯޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަސްކަމުގެ ޚާންދާނުގެ ކޮމިޓީން ވަނީ، ރަސްގެފާނު އޯޔޯގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ އަދި ދައުލަތުގެ މީޑިއާ ޔޫ.ބީ.ސީގެ ޕްރެޒެންޓަރު ކިޖަނަންގޯމާ އަކީ އާ ރަސްގެފާނު ކަމަށް އިއުލާނުކޮށްފަ އެވެ.

ޔޫބީސީ ޓީވީގެ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރިންސް އެޑްވަރޑް ރުކިޑީ ކިޖަނަންގޯމާ، ޓޫރޯގެ އައު ރަސްގެފާނުގެ ގޮތުގައި ވަނީ އިންތިޚާބުކޮށްފައި

ޔޫބީސީ ޓީވީގެ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރިންސް އެޑްވަރޑް ރުކިޑީ ކިޖަނަންގޯމާ، ޓޫރޯގެ އައު ރަސްގެފާނުގެ ގޮތުގައި ވަނީ އިންތިޚާބުކޮށްފައި | ޔޫބީސީ

ޚާންދާނުގެ އިސްވެރިން ވިދާޅުވީ، ޓޫރޯގެ ރަސްގެފާނަށް ކިޔާ ނަމެއް ކަމަށްވާ "އޮމުކާމާ" ގެ މަގާމަށް އެކަށީގެންވާ ބޭފުޅަކު ހޮވުމުގެ ސަގާފީ ބާރު އެބޭފުޅުންނަށް ލިބިގެންވާ ކަމަށެވެ.

ޓޫރޯގެ ރަސްގެފާނު އޮޔޯގެ އާއިލާއިން، އަލަށް އައްޔަންކުރި ރަސްގެފާނު ގަބޫލުނުކުރަން ނިންމައި، އެ ނިންމުމާ ދެކޮޅަށް އިސްކޮށް ނުކުމެވަޑައިގެންފީ ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސަސް ރޫތު ކޮމުންޓާލޭ

ޓޫރޯގެ ރަސްގެފާނު އޮޔޯގެ އާއިލާއިން، އަލަށް އައްޔަންކުރި ރަސްގެފާނު ގަބޫލުނުކުރަން ނިންމައި، އެ ނިންމުމާ ދެކޮޅަށް އިސްކޮށް ނުކުމެވަޑައިގެންފީ ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސަސް ރޫތު ކޮމުންޓާލޭ | ގެޓީ އިމޭޖަސް

މި ކޮމިޓީން ބުނީ ކިޖަނަންގޯމާ ހޮވާފައިވަނީ ބަލަންޖެހޭ ކަންކަން ބަލައި، މަޝްވަރާކުރުމަށްފަހު ކަމަށެވެ. މި ނިންމުމުގައި ކޮމިޓީގެ 19 މެންބަރަކު ވަނީ ސޮއިކޮށްފަ އެވެ.

ކިޖަނަންގޯމާ އަކީ ޕްރިންސް ކްރިސްޓޮފާ ޕޯލް ކިޖަނަންގޯމާގެ ދަރިކަލުންނެވެ. އަދި އޭނާއަކީ ޓޫރޯގެ ކުރީގެ ރަސްގެފާނު ޖޯޖް ޑޭވިޑް ރުކިޑީ III ގެ ކާފަދަރިކަލެކެވެ.

މި މަގާމަށް ދެން ވާދަކުރެއްވި ބޭފުޅަކީ ޕްރިންސް ޖޯޖް ޑެސްމަންޑް ކަމުރާސީ އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު އެމެޗަރ ކްލަބެއްގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ކޮމިޓީން ބުނި ގޮތުގައި، "ސައުތު އީސްޓް ޑޮންސް" ގެ ކެޕްޓަން އަދި ގޯލްކީޕަރު ކަމުރާސީ ވަނީ، އެހެނިހެން ޒިންމާތައް ހުރުމުގެ ސަބަބުން ރަސްކަމުގެ ތަޚުތާ ހަވާލުވުމަށް އުޒުރުވެރިވެފަ އެވެ.

އާ ރަސްގެފާނު ތަޚުތުގައި އިށީނދެވަޑައިގަންނަވާނެ ތާރީޚެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ކޮމިޓީން ބުނީ އެކަން ކުރިއަށްދާނީ ޓޫރޯ ރަސްކަމުގެ އާދަކާދަތަކާއި ސަގާފަތާ އެއްގޮތަށް ކަމަށެވެ.

ރަސްގެފާނު އޯޔޯގެ އާއިލާއިން ވަނީ ވަގުތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ކޮމިޓީގެ ނިންމުން ކުށްވެރިކޮށްފަ އެވެ. އަދި އަވަހާރަވި ރަސްގެފާނުގެ ވަސިއްޔަތަށް އިހުތިރާމްކުރުމަށް ވަނީ ގޮވާލާފަ އެވެ.

ޕްރިންސަސް ކޮމުންޓާލޭ ވިދާޅުވީ، ރަސްކަން ހަވާލުކުރާނެ ގޮތުގެ "ވަރަށް ހަރުކަށި އިރުޝާދުތަކެއް" ރަސްގެފާނު އޯޔޯ ދޫކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ވާރިސަކީ އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ކަމަށާއި، އެ ކުއްޖާއަށް ރަސްކަން ނުކުރެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މި ވާހަކައަށް ރަސްގެފާނުގެ ބޮޑުދައިތަ، ޕްރިންސަސް އެލިޒަބަތު ބަގާޔާ ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

ނަމަވެސް ޚާންދާނުގެ މަންދޫބުން ވިދާޅުވަނީ، ރަސްގެފާނުގެ ދަރިކަލަކު ހުރި ކަމަށް ބުނާ ވާހަކައަކުން އެކަނި ނުފުދޭނެ ކަމަށެވެ. ސަބަބަކީ ޓޫރޯގެ އާދަކާދަ އޮންނަ ގޮތުން، އެ ކުއްޖަކު ރަސްމީކޮށް ޚާންދާނުގެ އިސްވެރިންނަށް ތައާރަފްކޮށްފައި ނުވާތީ އެވެ.

ކޮމިޓީގެ މެންބަރަކު ޔުގެންޑާގެ އެން.ޓީ.ވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ، ރަސްކަމުގެ ވާރިސަކަށް ވުމުގެ ކުރިން، އެ ކުއްޖަކު ރަސްމީކޮށް އިސްވެރިންނަށް ތައާރަފްކޮށް، ސަގާފީ އެކި ރަސްމިއްޔާތުތަކާއި ތައްޔާރީތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލަ ހޫނުވެފައިވަނިކޮށް، ޔުގެންޑާގެ ކަލްޗަރ މިނިސްޓަރު ހެންރީ ތުމުކުންޑޭ ވަނީ މިކަމުގެ ތެރެއަށް ވެދެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ދެ ފަރާތުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައީސް މުސެވެނީ އާއި ސަގާފީ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޔޫގެންޑާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި

06 އޯގަސްޓު 2026
ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
27 ޖުލައި 2026

ޔޫގެންޑާގެ ކުރީގެ ފޮރިން މިނިސްޓަރު އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް ކުރިމަތިލައްވައިފި

27 ޖުލައި 2026
ޔޫގެންޑާގެ ކުރީގެ ފޮރިން މިނިސްޓަރު އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް ކުރިމަތިލައްވައިފި
22 ޖުލައި 2026

ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

22 ޖުލައި 2026
ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
22 މެއި 2026

އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި

22 މެއި 2026
އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި
20 މެއި 2026

ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ

20 މެއި 2026
ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ
17 މެއި 2026

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

17 މެއި 2026
ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި
17 މެއި 2026

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

17 މެއި 2026
އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް
20 ޖެނުއަރީ 2026

މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

20 ޖެނުއަރީ 2026
މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟
17 ޖެނުއަރީ 2026

ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް

17 ޖެނުއަރީ 2026
ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް