ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
5 އޯގަސްޓު 2026 | ބުދަ 07:18ސްކޮޓްލޭންޑްގައި ބޭއްވި ކޮމަންވެލްތު ގޭމްސް ނިންމާލުމަށްފަހު ޔުގެންޑާ އާއި ޕާކިސްތާނުގެ ބައެއް ބޮކްސިން ކުޅުންތެރިން ފިލާފައިވާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި. މީގެ ކުރިން މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށްފަހު ބައެއް އެތުލީޓުން ސިޔާސީ ހިމާޔަތް ހޯދަން މަސައްކަތް ކޮށްފައިވާއިރު، މިއީ މިފަދަ ބޮޑެތި މުބާރާތްތަކަށްފަހު އާންމުކޮށް ހިނގާ ކަމެއްކަން ފާހަގަކުރެވޭ

2026 އޯގަސްޓް 2 ވަނަ ދުވަހު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ހުންނަ "ދަ ހައިޑްރޯ" ގައި ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ނެޓްބޯޅަ ފައިނަލް މެޗުގައި، ޖެމެއިކާގެ މައްޗަށް ކުރިހޯދައި ރަން މެޑަލް ކާމިޔާބު ކުރުމަށްފަހު ނިއުޒީލެންޑްގެ ޓީމުން އެ ގައުމުގެ ސަގާފީ "ހާކާ" ނެށުން ހުށަހަޅައިދެނީ | ގެޓީ އިމޭޖަސް
ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިދިޔަ އާދީއްތަ ދުވަހު ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަށްފަހު، އެނބުރި ގައުމަށް ގޮސްފައިނުވާ ބޭރުގެ އެތުލީޓުންތަކެއްގެ މައްސަލަ އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގެއްލިގެން ހޯދަމުންދަނީ ޔުގެންޑާ އާއި ޕާކިސްތާނަށް ނިސްބަތްވާ ބޮކްސިން ކުޅުންތެރިންތަކެކެވެ.
ސްކޮޓްލޭންޑް ފުލުހުންގެ ތަރުޖަމާނަކު އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ، މުބާރާތަށް އައި އެތުލީޓުންގެ ތެރެއިން ބައެއް މީހުންގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ވީގޮތް ބަލައި، ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ހޯމް އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔޫގެންޑާގެ އެން.ބީ.އެސް ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހަ މެންބަރުންގެ ބޮކްސިން ޓީމު އަންގާރަ ދުވަހު އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އޭގެ ކުރިން އޭގެ ތެރެއިން ހަތަރު ކުޅުންތެރިއަކު ވަނީ ފިލާފަ އެވެ. އަދި އޭގެ ތެރެއިން އެކަކު އެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ މީހުން ގަސްތުކުރަނީ ސިޔާސީ ހިމާޔަތް ހޯދުމަށް ކަމަށެވެ.
ޕާކިސްތާން ޓުޑޭ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައި އޮތް ފްލައިޓަށް އެ ގައުމުގެ ބޮކްސިން ކުޅުންތެރިއަކުވެސް ހާޒިރުވެފައެއް ނުވެ އެވެ.
މި ފަހަކަށް އައިސް އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ގޭމްސްތަކަށްފަހު، އެތުލީޓުން ފިލާ މައްސަލައަކީ އާންމުކޮށް ހިނގާ ކަމެކެވެ. މިގޮތުން 2014 ވަނަ އަހަރު ގްލާސްގޯގައި ބޭއްވި މުބާރާތަށްފަހުވެސް މިފަދަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި 2018 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް ނިމުނުތާ މަހެއްވީއިރުވެސް، ގެއްލުނު 50 އެތުލީޓުންނާއި އޮފިޝަލުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދިޔަ އެވެ. އަދި އެ މުބާރާތަށް ދިޔަ މީހުންގެ ތެރެއިން އިތުރު 190 މީހަކު ވަނީ ސިޔާސީ ހިމާޔަތަށް އެދިފަ އެވެ.
ގްލާސްގޯގައި 11 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި 74 ގައުމަކުން ގާތްގަނޑަކަށް 3،000 އެތުލީޓުން ބައިވެރިވި އެވެ.










