Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުމުރު ދުވަހުގެ ވެރިން

މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

ދިރާސާކުރާ ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި، މަދުވެގެން ތިން ބޭފުޅަކު — ޔުގެންޑާގެ މުސެވެނީ، ކެމަރޫންގެ ޕޯލް ބިޔާ، އަދި ރިޕަބްލިކް އޮފް ދަ ކޮންގޯގެ ސެސޯ ގެސޯ — ވަނީ ބާރުގައި ދެމިތިބުމަށްޓަކައި ޚާއްޞަ އުކުޅުތަކެއް އީޖާދުކޮށްފައި.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 14:07
2026 ގައި އޮތް އިންތިޚާބު ގައި ޔޫގަންޑާގެ މިހާރުގެ ރައީސް އަދި ނޭޝަނަލް ރެސިސްޓެންސް މޫވްމަންޓް (އެންއާރުއެމް) ގެ ރިޔާސީ ކެންޑިޑޭޓް ޔޮވެރީ މުސެވެނީގެ ކެމްޕޭން ދިދަ ހިފައިގެން ކެމްޕޭން ކުރަނީ (ފައިލް)

2026 ގައި އޮތް އިންތިޚާބު ގައި ޔޫގަންޑާގެ މިހާރުގެ ރައީސް އަދި ނޭޝަނަލް ރެސިސްޓެންސް މޫވްމަންޓް (އެންއާރުއެމް) ގެ ރިޔާސީ ކެންޑިޑޭޓް ޔޮވެރީ މުސެވެނީގެ ކެމްޕޭން ދިދަ ހިފައިގެން ކެމްޕޭން ކުރަނީ (ފައިލް) | ގެޓީ އިމޭޖަސް

ޔޫގެންޑާގެ ރައީސަށް ޚާއްސަ ރަސްމީ ގެކޮޅު، ސްޓޭޓް ހައުސް، ހުންނަނީ އެ ގައުމުގެ ވެރިރަށް ކަމްޕާލާގެ ނަސަކޭރޯގެ އުސް ހިސާބުގައެވެ. ފާއިތުވި ހަތަރު ދަހަރުގެ ތެރޭގައި އެ ތަނުގައި ދިރިއުޅުއްވަނީ ހަމައެކަނި އެއް ރައީސެކެވެ. އެއީ ޔޫގެންޑާގެ އެހެން އެއްވެސް ވެރިއަކަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވި ޔޮވެރީ މުސެވެނީ އެވެ.

ދާދި ފަހުން ބޭއްވުނު އިންތިޚާބަށް ފަހު، މުސެވެނީ އެ ގައުމުގެ ވެރިކަން ހަތްވަނަ ފަހަރަށް ވަނީ ކަށަވަރު ކުރައްވާފަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިދިކޮޅު ކެންޑިޑޭޓް ރޮބަޓް "ބޮބީ ވައިން" އިންތިޚާބާ ބެހޭ ކިތަންމެ ޝަކުވާ އެއް ކުރެއްވި ނަމަވެސް، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ގޮތުގައި މުސެވެނީ ވަނީ ވޯޓުގެ 72 އިންސައްތައާ އެކު ކާމިޔާބު ހޯއްދަވާފައެވެ.

އުމުރުފުޅުން 81 އަހަރުގެ މުސެވެނީ އަކީ ދުނިޔޭގައި މިހާރު ތިއްބެވި ވެރިންގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅާއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި، ޔޫގެންޑާގެ މައްޗަށް އޭނާގެ ފުރިހަމަ ބާރު އެބައޮތެވެ. އަދި 2024 ވަނަ އަހަރު އޭނާގެ ދަރިކަލުން، ޖެނެރަލް މުހޫޒީ ކައިނެރުގާބާ، ސިފައިންގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރުމަކީ، މުސްތަގުބަލުގައި އާއިލީ ވެރިކަމެއް ގާއިމުކުރުމުގެ ރޭވުމެއް ކަމަށް ބުނެ އެކްޓިވިސްޓުންގެ މެދުގައި ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

ޔޫގެންޑާ އަކީ ޒުވާން އާބާދީއެއް އޮތް ގައުމެކެވެ. 46 މިލިއަންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ 35 އަހަރުން ދަށުގެ މީހުން ކަމަށްވާއިރު، ޔޫގެންޑާ ގެ ގިނަ މީހުންނަށް ފެނިފައިވާ ހަމައެކަނި ރައީސަކީ މުސެވެނީ އެވެ. 2031 ވަނަ އަހަރު މިހާރުގެ ދައުރު ނިމޭއިރު، އޭނާ 45 އަހަރު ވަންދެން ވެރިކަން ކުރައްވާނެ އެވެ.

އެހެން ނަމަވެސް، މިއީ ހަމައެކަނި އޭނާ ގެ ހާލަތެއް ނޫނެވެ. ކަމްޕާލާގެ އުސް ބިންތަކުން ފެށިގެން ކޮންގޯގެ ބްރަޒަވިލް އާ ހަމަ އަށް، އެފްރިކާގެ "އުމުރުދުވަހުގެ" ވެރިން ވަނީ ދިގު ޒަމާނެއް ގައި ބާރުގައި ދެމިތިއްބަވާފަ އެވެ. ޑިމޮކްރެޓިކް ސިފަ ދެއްކުމުގެ ގޮތުން ދޭތެރެދޭތެރެއިން އެތަންތާގައި އިންތިޚާބުތައް ނުއޮވެއެކޭ ވެސް ނުދެންނެވޭނެ އެވެ.

މި ފަރާތްތަކާ ބެހޭގޮތުން ދިރާސާކުރާ ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި، މަދުވެގެން ތިން ބޭފުޅަކު — ޔުގެންޑާގެ މުސެވެނީ، ކެމަރޫންގެ ޕޯލް ބިޔާ، އަދި ރިޕަބްލިކް އޮފް ދަ ކޮންގޯގެ ސެސޯ ގެސޯ — ވަނީ ބާރުގައި ދެމިތިބުމަށްޓަކައި ޚާއްޞަ އުކުޅުތަކެއް އީޖާދުކޮށްފަ އެވެ. އޭގެ ތެރޭގައި މިނިވަންކަމެއް ނެތް އިންތިޚާބުތަކާއި، ބައިބައިކޮށްގެން ވެރިކަންކުރުމުގެ ސިޔާސަތާއި، އަދި ބޭރުގެ ބާރުގަދަ ގައުމުތަކާއެކު ގާއިމުކޮށްފައިވާ ވަރުގަދަ ގުޅުންތައް މި އުކުޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޔޫގެންޑާ: ކޮރަޕްޝަނާ ދެކޮޅަށް ކޮރަޕްޝަންގެ ބޭނުން ކުރުން

ކަމްޕާލާގެ ސިޔާސީ މުޙައްލިލު ޖޯބް ކީޖާ އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ފާހަގަ ކުރެއްވި ގޮތުގައި، މުސެވެނީ އިދިކޮޅު ފިކުރުތައް ނައްތާލުމަށާއި އޭނާގެ ބައިވެރިން ކޮންޓްރޯލްކުރުމަށް ކަމަށް އެންމެ ބޮޑަށް ބޭނުން ކުރައްވަނީ އަނިޔާވެރިކަމެވެ.

ސަރަހައްދު ގައި ވެސް ބާރުގަދަ މި ވެރިޔާ އެންމެ ފުރަތަމަ ރައީސްކަމުގެ ހުވާކުރެއްވީ 1986 ވަނަ އަހަރުގަ އެވެ. އެއީ ހަ އަހަރު ދުވަހުގެ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކަށް ފަހު، "ނޭޝަނަލް ރެސިސްޓެންސް އާމީ" އިސްވެ އޮވެ އޭރުގެ ސަރުކާރު ވައްޓާލުމަށްފަހުގަ އެވެ. އޭގެ ފަހުން އޭނާ ވެރިކަމުގައި ދެމިހުންނެވީ "ނޭޝަނަލް ރެސިސްޓެންސް މޫވްމަންޓް" ގެ ނަމަށް ބަދަލުކުރެވުނު ޕާޓީގެ ދަށުންނެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މުސެވެނީގެ ވެރިކަމުގެ ފަލްސަފާ ބައްޓަންވެގެން ދިޔައީ އަވަށްޓެރި ޓެންޒޭނިއާ ގައި ސިޔާސީ އިލްމު އުނގެނުނު ދުވަސްވަރު އެވެ. އެ ދުވަސްވަރު އޭނާ ވަނީ އިސްތިއުމާރާ ދެކޮޅު ފަލްސަފާވެރިޔާ ފްރޭންޓްޒް ފެނަން ގެ "ވައިލެންސް" ނުވަތަ އަނިޔާވެރިކަމާ ބެހޭ ތިއަރީ ދިރާސާކޮށްފަ އެވެ.

ފެނަންގެ "ދަ ރެޗްޑް އޮފް ދި އާތް" ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަނިޔާވެރިކަމަކީ ސިޔާސީ ޖިހާދު ގެ އެންމެ މަތީ ދަރަޖަ އެވެ. އަދި އެއީ އިސްތިއުމާރީ ބާރުތަކުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުސެވެނީގެ ފަހު އަހަރުގެ ތީސީސް ގައި އޭނާ ވަނީ މި ތިއަރީ އަށް ފުރިހަމަ އަށް ތާއީދުކޮށްފަ އެވެ.

ކީޖާ ވިދާޅުވި ގޮތުގައި، މުސެވެނީ އެ ވިސްނުން އިސްތިއުމާރީ ބާރަކާ ދެކޮޅަށް ބޭނުންކުރުމުގެ ބަދަލުގައި، އޭނާ މިހާރު އެ ބޭނުންކުރަނީ ޔުގެންޑާގެ އިދިކޮޅު ލީޑަރުންނާއި، ނޫސްވެރިންނާއި އަދި އެކްޓިވިސްޓުންނާ ދެކޮޅަށެވެ.

2020 ވަނަ އަހަރު "ނޭޝަނަލް ޔުނިޓީ ޕާޓީ" ގެ ދަށުން ބޮބީ ވައިން ސިޔާސީ މައިދާނަށް ނުކުތުމާ އެކު، ޒުވާނުންގެ ބޮޑު ތާއީދެއް އޭނާ އަށް ލިބުނެވެ. ނަމަވެސް، ޔޫގެންޑާގެ ސަލާމަތީ ބާރުތަކުން ވަނީ އޭނާގެ އެއްވުންތަކަށް ހަމަލާދީ، ގިނަ އަދަދެއްގެ ސަޕޯޓަރުން މަރާލާފަ އެވެ.

މި މަހުގެ އިންތިޚާބާ ދިމާކޮށް ވެސް ފެނިގެންދިޔައީ މިފަދަ މަންޒަރުތަކެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓެއްގައިވާ ގޮތުން، ސަލާމަތީ ބާރުތަކުން ވަނީ އިދިކޮޅު އެއްވުންތަކަށް ނުބައްދަލު ބާރުގެ ބޭނުންކޮށް، ސަޕޯޓަރުން ހައްޔަރުކޮށް އަނިޔާކޮށްފަ އެވެ.

މީގެ އިތުރުން، އިދިކޮޅު އިސް ފަރާތްތައް ޖަލަށްލުމަކީ ޔޫގެންޑާ ގައި އާންމު ކަމެކެވެ. މުސެވެނީގެ ކުރީގެ ބައިވެރި އެއް ކަމަށްވާ، އަދި ހަތަރު ފަހަރު ރައީސްކަމަށް ވާދަކުރެއްވި ކިއްޒާ ބެސިގްޔޭ، މުސެވެނީގެ ވެރިކަން ވައްޓާލަން ރޭވި ކަމުގެ ތުހުމަތުގައި 2024 ނޮވެމްބަރުން ފެށިގެން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރެވެނީ ބަޣާވާތުގެ ދައުވާ އެވެ. މިއީ އެ ގައުމުގައި މަރުގެ އަދަބު ދެވޭ ކުށެކެވެ.

ކީޖާ އިތުރަށް ވިދާޅުވީ، މުސެވެނީ އޭނާގެ އަމިއްލަ ޓީމުގެ ތެރޭގައި ވެސް ކަންކަން ކުރައްވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އެގޮތުން އޭނާގެ ބައިވެރިން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ފުރުސަތު ދެއްވައި، ފަހުން އެކަން އެމީހުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވައިގެން އެމީހުން ކޮންޓްރޯލް ކުރައްވަ އެވެ.

"އޭނާގެ ވަށައިގެން ތިބޭ މީހުން ދައުލަތުގެ ފައިސާގައި އަތްލުމަށް އޭނާ ފުރުސަތު ދެނީ އެމީހުންގެ އަތްތައް ހަޑިކުރުމަށް. އޭގެ ފަހުން އެކަން އެމީހުންނާ ދެކޮޅަށް ބޭނުންކުރަނީ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"އޭނާގެ ވަށައިގެން ތިބި އެންމެންގެ ފުރިހަމަ މަޢުލޫމާތު އޭނާގެ އަތުގައި އެބަހުއްޓެވެ. ކޮންމެ މީހަކު ވައްކަން ކުރީ ކިހާ މިންވަރަކަށް ކަމާއި، އެއްކުރީ ކިހާ މުދަލެއްކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުރަސް އެޅޭ އެންމެ ބޮޑު އެއް ސަބަބަކީ މިއީ އެވެ. ސަބަބަކީ، އޭނާ އެ މަޢުލޫމާތުތައް ބޭނުން ކުރަނީ މީހުން އޭނާގެ ބާރުގެ ދަށުގައި ބޭތިއްބުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ކަމަށްވާތީ އެވެ."

1962 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރުގެ ދަށުން މިނިވަންވި ފަހުން ޔޫގެންޑާ އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. އިނގިރޭސިން އެ ގައުމުގައި ވެރިކަން ހިންގުމުގައި ބޭނުންކުރި "އިންޑައިރެކްޓް ރޫލް" ނުވަތަ ނުސީދާ ބާރުވެރިކަމުގެ ދަށުން، ގިނަ މީހުން ހިމެނޭ ބުގެންޑާ ގަބީލާގެ މީހުންނަށް ދައުލަތުގެ މުހިންމު މަގާމުތައް ދީ، އެހެން ގަބީލާތައް ބާކީކުރި އެވެ. މާހިރުން ބުނާ ގޮތުގައި، މިނިވަންވުމަށް ފަހު ޔޫގެންޑާ ގައި އުފެދުނު ސިޔާސީ ހަލަބޮލި ކަމާއި މުއައްސަސާތައް ބަލިކަށިވުމުގެ އަސްލަކީ އެ ތާރީޚީ ކަންތައްތަކެވެ.

2005 ވަނަ އަހަރު ޔޫގެންޑާގެ ޕާލަމެންޓުން ވަނީ ރައީސްގެ ދައުރުގެ މުއްދަތުތަކާ ބެހޭ ގޮތުން ގާނޫނުއަސާސީ ގައި އޮތް ހުރަސްތައް އުވާލާފަ އެވެ. މިއީ މުސެވެނީ އަށް މުއްދަތެއް ނެތް ގޮތަށް ވެރިކަމުގައި ހުރުމަށް މަގުފަހިވެގެންދިޔަ ބަދަލެކެވެ.

ޔޫގެންޑާ އަކީ ރަނާއި، ތެލާއި އަދި ކޮފީ ފަދަ ބާވަތްތަކުން މުއްސަނދި ގައުމަކަށް ވީ ނަމަވެސް، އެ ގައުމު ބޮޑަށް ބަރޯސާ ވަނީ ހުޅަނގުގެ އެހީއަށެވެ. މުސެވެނީ އޭނާގެ ގައުމަކީ އެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކޮށްދޭ ބާރެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ސިފަކޮށްދެ އެވެ. މިގޮތުން، ސޯމާލިއާ ގައި ހަރަކާތްތެރިވާ އަލް-ޝަބާބް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމަ ފަދަ ސަރަހައްދީ މިޝަންތަކަށް ސިފައިން ފޮނުވައިގެން އޭނާ ވަނީ ހުޅަނގުގެ ތާއީދު ހޯދާފަ އެވެ.

މީގެ އިތުރުން، ދެކުނު ސޫދާނާއި، ކޮންގޯ އަދި ސޫދާނުން އައި ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީންނަށް ޔުގެންޑާ އިން ވަނީ ހިޔާވަހިކަން ދީފައެވެ. މިއީ އެފްރިކާގެ އެހެން އެއްވެސް ގައުމަކަށްވުރެ ގިނަ އަދަދެކެވެ.

ޔޫގެންޑާ އަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. އެމެރިކާ އިން އަހަރަކު ގާތްގަނޑަކަށް 970 މިލިއަން ޑޮލަރުގެ އެހީ ދެނީ މައިގަނޑު ގޮތެއްގައި ސިއްހީ އަދި އިންސާނީ އެހީގެ ގޮތުގަ އެވެ. ނަމަވެސް، ޑިމޮކްރަސީގެ ހަމަތަކާ ޚިލާފުވުމާއި ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުން މުޅި ދުނިޔެ އަށް ދޭ އެހީތައް ވަރަށް ބޮޑަށް މަދުކުރުމުގެ ނޭދެވޭ އަސަރު ޔުގެންޑާއަށް ވެސް ވަނީ ކޮށްފައެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބު މުސެވެނީ ކާމިޔާބު ކުރައްވާނެކަން ކަށަވަރުވެފައި އޮތް ނަމަވެސް، އޭނާގެ ވާދަވެރިޔާ ބޮބީ ވައިން ވަނީ އެއީ އޮޅުވާލާފައިވާ "ފޭކް" ނަތީޖާއެއް ކަމަށް ބުނެފަ އެވެ. ހަމަ އެއާ އެކު، ދެން އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައި ވަނީ މުސެވެނީގެ ދޮށީ ދަރިފުޅު ކައިނޭރުގާބާގެ ދައުރާ މެދުގަ އެވެ. އުމުރުން 51 އަހަރުގެ ކައިނޭރުގާބާ އަކީ ވެރިކަމަށް ތައްޔާރުކުރެވެމުންދާ މީހެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކެމަރޫންގެ "ގެއްލިފައިވާ ރައީސް"

އެފްރިކާ ބައްރުގައި އޮތް ކެމަރޫންގައި ބޭއްވި އިންތިޚާބު، އުމުރުން 92 އަހަރުގެ ޕޯލް ބިޔާ ވަނީ ކާމިޔާބު ކުރައްވާފައެވެ. މިއީ އޭނާގެ އަށްވަނަ ދައުރެވެ.

ވެރިކަންކުރާ ޕާޓީ، އާރުޑީޕީސީ ގެ ވެރިޔާ، ބިޔާ ވެރިކަމަށް ވަޑައިގަތީ 1982 ގައެވެ. އޭނާ އަކީ މިހާރު ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ ރައީސެވެ. އެ ގައުމުގެ ޕާލަމެންޓުން 2008 ވަނަ އަހަރު ރައީސްގެ ދައުރުގެ މުއްދަތުތައް އުވާލާފައިވާއިރު، މިދިޔަ އަހަރުގެ ކާމިޔާބީ އާ އެކު އޭނާ އަށް އިތުރު ހަތް އަހަރު ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކެމަރޫންގެ ރައީސް ޕޯލް ބިޔާ (މ) 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި އޮތް ރަސްމިއްޔާތެއްގައި އައު ދައުރަކަށް ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ.
ކެމަރޫންގެ ރައީސް ޕޯލް ބިޔާ (މ) 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި އޮތް ރަސްމިއްޔާތެއްގައި އައު ދައުރަކަށް ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ.

ބިޔާ އަކީ ގިނަ ވަގުތު އާންމުންގެ ލޯމަތިން ގެއްލިގެން، އަދި ގިނަ ފަހަރަށް ގައުމުން ބޭރުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. މި ސަބަބަށްޓަކައި އޭނާ އަށް"ގެއްލިފައިވާ ރައީސް" ގެ ނަމުން ނަންދެވިފައިވެ އެވެ. އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ފަހަރު ވާހަކަ ދެކެވި، އޭނާ މަރުވެއްޖެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރެ އެވެ. ނަމަވެސް، ކުއްލިއަކަށް ގައުމީ ޓީވީން ފެނިލުމަށް ފަހު އެ އަޑުތައް ފަނޑުވެގެންދެ އެވެ.

އެހެން ނަމަވެސް، ބިޔާ އަނެއްކާ ވެސް އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ކެމަރޫންގެ ރައްޔިތުންނަށް، ޚާއްސަކޮށް ސިޔާސީ މީހެއް ކަމަށްވާ ކާ ވަލާ އަށް މާ ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ނޫނެވެ.

ވޭތުވެދިޔަ ތިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، އުމުރުން 60 އަހަރުގެ ވަލާ، އަލްޖަޒީރާ އަށް ދިން ބަސްދީގަތުމެއްގައި ކިޔައިދިން ގޮތުގައި، ރައީސް ބިޔާ ބޭނުން ކުރައްވަނީ ޑިމޮކްރަސީ ގައި އެންމެ މުހިންމު ހަތިޔާރު ކަމަށްވާ "އިންތިޚާބު" އެވެ.

އަޅުގަނޑުމެން މި ދިރިއުޅެނީ އިންތިޚާބީ ހުދުމުޚުތާރު ވެރިކަމެއްގެ ތެރޭގަ އެވެ. މި ނިޒާމުގެ ތެރޭގައި ވެރިޔާ ވަނީ އިންތިޚާބަކީ އޭނާގެ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ ވަސީލަތަކަށް ހަދާފަ އެވެ. އަދި އިންތިޚާބީ އިދާރާ އަކީ ސީދާ ސަރުކާރުގެ ގޮތްޕެއް ފަދަ ތަނެކެވެ.

ސްކޮޓްލޭންޑްގެ އެބަޑީން ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ލެކްޗަރަރ މަނޫ ލެކުންޒޭ ވިދާޅުވެފައިވާ ގޮތުގައި، ކެމަރޫންގެ އެކި ދަރިކޮޅުތަކުގެ މެދުގައި ބައިބައިވުން އުފައްދައި، "ބައިބައިކޮށްގެން ވެރިކަންކުރުމުގެ" އުސޫލު ހިފެހެއްޓުމަށް ރައީސް ބިޔާ، މާލީ ގޮތުން ވަރުގަދަ ކެމްޕޭންތަކެއް ހިންގަވަ އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ތަމްސީލު ކުރަނީ ހަމައެކަނި އެބޭފުޅުން ނިސްބަތްވާ ދަރިކޮޅުތައް ކަމަށް ބިޔާގެ ކެމްޕޭން މެޝިނަރީން ތަކުރާރުކޮށް އަޑުފަތުރަ އެވެ. ނަމަވެސް ބިޔާ އަކީ އޭނާ ނިސްބަތްވާ ބެޓީ ދަރިކޮޅާއި، އެހެނިހެން ބޮޑެތި ދަރިކޮޅުތަކުގެ އިތުރުން، ގަދީމީ ލީޑަރުންނާ ގާތް ގުޅުމެއް ބާއްވައިގެން ތާއީދު ހޯއްދަވާ ބޭފުޅެކެވެ.

"އޭނާ ގަބޫލު ކުރައްވަނީ އޭނާ ވަރަށް ގިނަ ދުވަހު ދުނިޔޭ ގައި ހުންނަވާނެ ކަމަށެވެ،" ލެކުންޒޭ ވިދާޅުވި އެވެ. "އޭނާ އަށް ކޮންމެ ހާލަތެއްގައި ވެސް ތާއީދުކުރާނެ ދަރިކޮޅުތަކުގެ ކޯލިޝަނެއް އޮތުމުން، އިންތިޚާބުތަކުގައި ބޭނުންވާ ސާދާ މެޖޯރިޓީ ހޯދައި، ވެރިކަމުގައި ހަމަޖެހިލައިގެން ހުންނަން އޭނާ އަށް ވަރަށް ފަސޭހަވެ އެވެ."

މުސެވެނީ އެކޭ އެއްގޮތަށް ބިޔާގެ މައްޗަށް ވެސް އަނިޔާވެރިކަން ބޭނުން ކުރާކަމުގެ ތުހުމަތު ކުރެވެ އެވެ. ނަމަވެސް ވަލާ ފާހަގަކުރެއްވި ގޮތުގައި އެއީ ވަކި ބަޔަކަށް އަމާޒުކޮށްގެން "އިޚްތިޔާރީ" ގޮތެއްގައި ކުރާ ކަމެކެވެ. ކެމަރޫންގެ ބައެއް މީހުން އެ ގައުމަކީ "ހުދުމުޚުތާރު" ގައުމެއްގެ ގޮތުގައި ސިފަކުރަން ދެކޮޅު ހަދަނީ، އެތަނުގައި މިނިވަންކަމުގެ ކޮންމެވެސް ވަރެއްގެ ސިފައެއް ފެންނަން އޮތުމުންނެވެ.

"ބިޔާ ގަބޫލު ކުރައްވަނީ މީހުންގެ ހިތްހަމަނުޖެހުންތައް ބޭރުކޮށްލާނެ ފުރުސަތެއް ދޭންޖެހޭ ކަމަށެވެ. އެއީ ވެރިކަމާ ދެކޮޅަށް ބޮޑު އުތުރިއެރުމެއް އައުން ހުއްޓުވުމަށެވެ،" ވަލާ ވިދާޅުވި އެވެ.

"ޓީވީ އަށް އަރައި ރައީސް އާ ބެހޭ ގޮތުން ކޮންމެ އެއްޗެއް ބުނިކަމުގައި ވިޔަސް އެއްވެސް ކަމެއް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް އެހެން ހާލަތެއްގައި މީހަކު ހަމަ އެފަދަ، ނުވަތަ އެއަށް ވުރެ ކުޑަ މިންވަރެއްގެ ވާހަކަ އެއް ދެއްކުމުން ވެސް ހައްޔަރުކޮށް އަދަބު ދީފާނެ އެވެ. މީގެ ސަބަބުން، މީހުންނަށް ރަތް ރޮނގު އޮތް ހިސާބެއް ނޭނގޭތީ، އަމިއްލަ އަށް ވާހަކަދެއްކުމުގައި ބިރުގަނެ ދޫ ބަންދުކުރަން މަޖުބޫރުވެ އެވެ."

އިންތިޚާބަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވެ އަމިއްލަފުޅަށް ކާމިޔާބީ އިއުލާނުކުރެއްވި އިދިކޮޅު ކެންޑިޑޭޓް އީސާ ޗިރޯމާ އަށް ތާއީދުކޮށް ކުރި މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކުން މަދުވެގެން 48 މީހުން މަރާލާފައިވެ އެވެ. މިހާރު އަރުވާލެވިގެން ހުންނެވި ޗިރޯމާ އަކީ ބިޔާގެ ސަރުކާރުން ވަކިވެވަޑައިގެން އިންތިޚާބަށް ނުކުމެވަޑައިގަތް ބޭފުޅެކެވެ.

2016 ވަނަ އަހަރު، އިނގިރޭސި ބަހުން ވާހަކަދައްކާ މީހުންނަށް ފުރުސަތުތައް މަދުކަމަށް ބުނެ ކުރި މުޒާހަރާތަކާ ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުތަކުގައި ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިސްތިއުމާރީ ދުވަސްވަރަށް ފަހު ދެ ބައެއް އެކުވެގެން އުފެދުނު މި ގައުމުގައި، ބާރުތަކާއި ފުރުސަތުތައް ބޮޑަށް އޮންނަނީ ފަރަންސޭސި ބަހުން ވާހަކަދައްކާ އަޣުލަބިއްޔަތަށެވެ.

ސަރުކާރުން ދިން އަނިޔާވެރި ރައްދުގެ ސަބަބުން، މި މައްސަލަ ވަނީ "އަމްބަޒޯނިއާ" ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަރަކާތަކަށް ބަދަލުވެފަ އެވެ.

ބިޔާގެ ވަށައިގެން ތިބީ އޭނާގެ ވެރިކަން ދެމިއޮތުމުން މަންފާލިބޭ މަދު ބައެކެވެ. ނަމަވެސް ބިޔާގެ ފަހުން ވެރިކަމާ ހަވާލުވާނެ ވަކި ބޭފުޅަކު އޭނާ ދައްކާފައެއް ނުވެ އެވެ.

ބިޔާ އަވަހާރަވެއްޖެ ހާލަތެއްގައި، އެންމެން އެއްގަލަކަށް އަރާނެ ފަދަ ލީޑަރެއް ނެތުމުން ސިޔާސީ ހަލަބޮލިކަމެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމަވެސް ވަލާ ގަބޫލުކުރައްވާ ގޮތުގައި އެއީ ރަނގަޅު ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

"އޭނާ އަވަހާރަވެއްޖެ ނަމަ އަޅުގަނޑުމެން ތިބޭނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެކަމަކު އެ ވަގުތު މަގުމައްޗަށް ނުކުމެ އަޑުއުފުލުމަކީ އަޅުގަނޑުމެންގެ މަސްލަހަތު އޮތް ގޮތެވެ. އެހެން ނޫން ނަމަ، މިހާރު އޮތް މި ނިޒާމު އަމިއްލަ އަށް އިއާދަވަމުންދާނެ އެވެ،" އޭނާ ވިދާޅުވި އެވެ.

ކޮންގޯ- ބްރައްޒަވިލްގެ ބާރާއި، ތެލާއި އަދި ބޭރުގެ އެހީތެރިކަން

ކެމަރޫން އާއި ޔޫގެންޑާގެ މަގުތަކުގައި މުޒާހަރާތައް ކުރަމުންދިޔަ ނަމަވެސް އަދި އިދިކޮޅު ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އޮތް ކަމުގައި ވިޔަސް، އެ ދެ ޤައުމުގެ ރިޔާސީ އިންތިޚާބު ނިމިގެންދިޔައީ އެތައް އަހަރެއް ވަންދެން ވެރިކަމުގައި ދެމިތިބި ލީޑަރުންނަށް އެއްވެސް ބަދަލެއް ނައިސް އެވެ.

މިފަދަ ދަނޑިވަޅެއްގައި، އުމުރުން 80 އަހަރުން މަތީގެ އެހެން ލީޑަރަކު ވެސް ދަނީ ހަމަ މިފަދަ ހާލަތްތަކެއްގެ ދަށުން އިތުރު ދައުރަކަށް ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ. ރިޕަބްލިކް އޮފް ދަ ކޮންގޯ ގައި 40 އަހަރު ވަންދެން ވެރިކަން ކުރައްވާފައިވާ، އުމުރުން 81 އަހަރުގެ ރައީސް ޑެނީ ސަސޯ ގެސޯ ވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހު ބާއްވާ އިންތިޚާބުގައި ކޮންގޯ ލޭބަރ ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފަ އެވެ.

ކޮންގޯގެ ރައީސް ޑެނިސް ސެސޯ ގެސޯ ޕެރިހުގެ އެލިސީ ޕެލަސް އަށް ވަޑައިގަންނަވަނީ - އޭޕްރީލް 26، 2010.
ކޮންގޯގެ ރައީސް ޑެނިސް ސެސޯ ގެސޯ ޕެރިހުގެ އެލިސީ ޕެލަސް އަށް ވަޑައިގަންނަވަނީ - އޭޕްރީލް 26، 2010.

ގެސޯ އެންމެ ފުރަތަމަ ވެރިކަމަށް އިންތިޚާބުވީ 1979 ވަނަ އަހަރުއެވެ. 12 އަހަރު ވަންދެން ވެރިކަން ކުރެއްވުމަށްފަހު އިންތިޚާބުން ބަލިވި ނަމަވެސް، 1997 ވަނަ އަހަރު ކުރި ދެވަނަ މަސައްކަތުގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކަށް ފަހު އޭނާ ވަނީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އަތުލައްވާފަ އެވެ. އެއަށް ފަހު މިއަދާ ހަމަ އަށް ވެސް އޭނާ ހުންނެވީ ވެރިކަމުގަ އެވެ. މީގެ އިތުރުން، 2015 ވަނަ އަހަރު އޭނާ ވަނީ ރައީސްކަމުގެ ދައުރުގެ އިންތިޒާމުތަކަށް ބަދަލު ގެނެސް، ދައުރުގެ ހަނިކުރުންތައް އުވާލުމަށް ފެންނަ ނުފެންނަ ވޯޓެއް މެދުވެރިކޮށް ޤާނޫނަށް ބަދަލު ގެންނަވާފަ އެވެ.

އޭނާ ވެރިކަމުން ދުރުވުމަށް ވަކާލާތުކުރާ 'ސަސޫފިޓް' ޖަމާޢަތުގެ ބާނީ އެންޑްރިއާ ގޮމްބަރޓް ވިދާޅުވާ ގޮތުގައި، ކޮންގޯ އަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއް ނަމަވެސް، ކޮރަޕްޝަނުގެ ސަބަބުން އަސާސީ އުމްރާނީ ވަސީލަތްތައް މަދުވެ، ޤައުމު އޮތީ ތަރައްޤީނުވެ ވަރަށް ފަހަތުގަ އެވެ.

ބޭރުގެ ބާރުގަދަ ޤައުމުތަކާއެކު އޮންނަ ގުޅުންތަކާއި، ކައިވެނީގެ ގުޅުންތައް މެދުވެރިކޮށް ބާރުގަދަ ފަރާތްތަކުގެ މައްޗަށް އޮންނަ ނުފޫޒުގެ އެހީގައި ގެސޯ ވަނީ އެތައް އަހަރެއް ވަންދެން އޭނާގެ ބާރު ދަމަހައްޓާފަ އެވެ. އޭނާގެ އަންހެން ދަރިފުޅު، މިހާރު މަރުވެފައިވާ އެޑިތު ބޮންގޯ، ކައިވެނީގެ ގޮތުން ގުޅިފައި ވަނީ 2023 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތާ ހަމައަށް އެތައް އަހަރެއް ވަންދެން ގެބޯން ގައި ވެރިކަން ކުރި ބޮންގޯ އާއިލާ އާ އެވެ.

މީގެ އިތުރުން، އޭނާ އަކީ އެންގޯލާގެ ކުރީގެ ރައީސް ހޯސޭ އެޑުއާޑޯ ޑޮސް ސަންޓޯސްގެ ގާތް އެކުވެރިއެކެވެ. އޭނާ އަލުން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެންގޯލާގެ އެއްހާސް ސިފައިން ވަނީ އޭނާގެ "ނިންޖާ" މިލިޝިއާ އަށް އެހީތެރިވެ، ކާމިޔާބީ ހޯދުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

ހަމަ އެއާ އެކު، ފަރަންސޭސިވިލާތުގެ އެހީތެރިކަން ވެސް އޭނާ އަށް ލިބުނެވެ. ގޮމްބަރޓް ވިދާޅުވި ގޮތުގައި، ކޮންގޯ ގައި ހުރި ފަރަންސޭސިވިލާތުގެ ތެލުގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށްޓަކައި ހަނގުރާމައިގެ ދުވަސްވަރު ފަރަންސޭސިވިލާތުން އޭނާއަށް ހަތިޔާރު ފޯރުކޮށްދީފައިވެ އެވެ.

"އޭނާ އަކީ ހަމައެކަނި އެފްރިކާ ބައްރުގެ ފެންވަރުގަ އެއް ނޫން، ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް މަސައްކަތްކުރައްވާ ބޭފުޅެއް،" އިދިކޮޅު އެކްޓިވިސްޓް ހާމަ ކުރި އެވެ. "އޭނާ ހުރިހާ އެންމެންގެ ކަންކަމުގެ ތެރެއަށް ވަދެ، އެހެން މީހުން ކޮންޓްރޯލް ކުރުމަށްޓަކައި އެމީހުންގެ ސިއްރުތައް ބޭނުން ކުރަންވީ ވަގުތު ދެނެގަނޭ. ކަމެއް ކުރަން ބޭނުން ނަމަ ރައީސް ގެ އެހީތެރިކަން ބޭނުންވާނެކަން އެންމެންނަށް ވެސް އެނގޭ."

ނަމަވެސް، 2013 ވަނަ އަހަރުން ފެށިގެން ފަރަންސޭސިވިލާތު ގައި އޭނާގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެއީ މަދަނީ ޖަމިއްޔާތަކުގެ ފިއްތުންތަކާ ހެދި، އޭނާގެ އާއިލާ އިން ޔޫރަޕާއި އެމެރިކާގައި ހޯދާފައިވާ ގިނަ މުދާތަކާ ގުޅޭގޮތުން ތަޙުޤީޤު ފެށުމަށް ފަރަންސޭސިވިލާތަށް މަޖުބޫރުވުމުންނެވެ. އެގޮތުން، 2022 ވަނަ އަހަރު ފަރަންސޭސި އިދާރާތަކުން ވަނީ އޭނާގެ ދަރިފުޅު ޑެނިސް-ކްރިސްޓެލް ސަސޯ ގެސޫ ގެ މިލްކިއްޔާތުގައި ހުރި މުދާތަކެއް ހިފަހައްޓާފަ އެވެ.

މުރާސިލުން ބުނާ ގޮތުގައި، ފަރަންސޭސިވިލާތުގެ ބަދަލުގައި ގެސޯ މިހާރު އިސްކަންދެނީ ޗައިނާއަށެވެ.

ގޮމްބަރޓް ވިދާޅުވި ގޮތުގައި، ޗައިނާ އިން ދަނީ ކޮންގޯ ސަރުކާރަށް ލޯނާއި ބޭރުގެ އިންވެސްޓްމަންޓްތައް ފޯރުކޮށްދެމުންނެވެ. އަދި އޭގެ ބަދަލުގައި ތެލުގެ ފައިދާހުރި އެއްބަސްވުންތައް ހޯދައި، އދ. ގައި ގެސޫ އާ ދެކޮޅަށް އަތުވެދާނެ ފިއްތުންތަކުން އޭނާ ސަލާމަތްކުރުމަށް ޗައިނާގެ 'ވީޓޯ' ބާރު ބޭނުންކުރެއެވެ. މީގެ އިތުރުން، ޒިންޖިއާންގް އާއި ހޮންގްކޮންގް ގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމަށް ބުނާ މައްސަލަތަކުގައި ގެސޫ ވަނީ ޗައިނާ ދިފާޢުކޮށްފަ އެވެ. އަދި ތައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ އޭނާ ދެކޮޅު ހައްދަވައެވެ.

"މި ގުޅުމުގައި ޗައިނާ އަކީ ބޮޑު މިޔަރެއް ފަދަ އެއްޗެއް. އަދި ކޮންގޯ-ބްރައްޒަވިލް އަކީ އެ މިޔަރުގެ ގައިގައި ތަތްކޮށްލައިގެން އުޅޭ އައްޓަމަހެއް. މިއީ ދެފަރާތަށް ވެސް ފައިދާ ހުރި، ނަމަވެސް ހަމަހަމަކަމެއް ނެތް ގުޅުމެއް. އެކަކު އަނެކަކަށް ހިމާޔަތާއި ބޭނުންވާ ކަންކަން ފޯރުކޮށްދެނީ،" ގޮމްބަރޓް އިތުރަށް ވިދާޅުވިއެވެ.

އެފްރިކާގައި އިންތިޚާބުތަކަކީ މިހާރު ހަމައެކަނި ނަމަކަށް ބާއްވާ ރަސްމިއްޔާތެއް

އެފްރިކާގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެ ބައްރުގެ ބައެއް ލީޑަރުން ބާރާއި، ބައިބައިކުރުމުގެ އުކުޅުތަކާއި، އަދި ބޭރުގެ އެހީތެރިކަން ބޭނުންކޮށްގެން ވެރިކަން ދަމަހައްޓަން މަސައްކަތް ކުރެ އެވެ.

ހައިރާންވާންޖެހޭ ކަމަކީ، ޑިމޮކްރަސީގެ އެންމެ މުހިންމު ވަސީލަތް ކަމުގައިވާ އިންތިޚާބުތަކަކީ، ރައްޔިތުންގެ ބާރުވެރިކަން ނަގާލުމަށް ބޭނުންކުރާ ހަތިޔާރަކަށް އެ ލީޑަރުން ހަދާފައިވާ ކަމެވެ.

ދެކުނު އެފްރިކާގެ ޕްރިޓޯރިއާ ޔުނިވަރސިޓީގެ އިންތިޚާބީ މާހިރެއް ކަމަށްވާ ޓެންޑާއީ އެމްބަންޖޭ "އަލްޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިޚާބުތަކަކީ މިހާރު ހަމައެކަނި ނަމަކަށް ބާއްވާ ރަސްމިއްޔާތަކަށް ވެފައިވާ ކަމަށެވެ. އަދި އެއީ ވޯޓުގެ ޒަރީއާ އިން ރައްޔިތުންގެ ހަގީގީ އިހުސާސްތައް ބަޔާންކުރުމަށް އޮތް ފުރުސަތެއްގެ ގޮތުގައި ބޭނުން ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އިންތިޚާބުތަކާ ބެހޭ މުއައްސަސާތައް ވަނީ ސިޔާސީ ނުފޫޒުގެ ދަށުވެ، އެތަންތަނުގެ އަސްލު މަސްއޫލިއްޔަތުން ބޭރުވެފަ އެވެ. އަދި އެތަންތަނުގެ އިސްވެރިންނަކީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ، ތެދުވެރިކަމެއް ނެތް ބައެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، މިފަދަ ނާއުންމީދީ ހާލަތެއް އޮތް ނަމަވެސް، އިންތިޚާބުތަކާ ދުރަށް ދިއުމުގެ އިޚްތިޔާރެއް އެފްރިކާގެ ޤައުމުތަކަކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުން ވޯޓުލުން ހުއްޓާލައިގެން ނުވާނެ ކަމަށާއި، އިންސާފުވެރި އިންތިޚާބީ މާހައުލަކަށް ވަކާލާތުކުރުން ހުއްޓާނުލުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އެމްބަންޖޭ ވިދާޅުވީ، "އަޅުގަނޑުމެން އިންތިޚާބުތައް ދޫކޮށްލައިގެން ނުވާނެ. ސަބަބަކީ ރައްޔިތުން ބޭނުންވާ ގޮތް ހާމަކުރުމަށް އޮތް ހަމައެކަނި ގާނޫނީ ވަސީލަތަކީ އެއީ ކަމަށްވާތީ."

"ރައްޔިތުން ކުރަންޖެހޭ ކަމަކީ، މުޒާހަރާތަކާއި ގާނޫނީ ހަމަތަކުގެ މަތިން މިކަމާ ދެކޮޅަށް ތެދުވުން. އިދިކޮޅު ލީޑަރުންނާއި، މަދަނީ ހަރަކާތްތެރިންނާއި، އަދި ދީނީ އިލްމުވެރިން ވެސް މި އިސްލާހީ މަސައްކަތުގައި ސާބިތުކަމާއެކު ތެދުވަންޖެހޭ." އޭނާ ވިދާޅުވިއެވެ.

މަސްދަރު: އަލް ޖަޒީރާ

ޔޮވެރީ މުސެވެނީޔުގަންޑާބޮބީ ވައިންޕޯލް ބިޔާކެމަރޫންޑެނީ ސަސޫ ގެސޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް

ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް

17 ޖެނުއަރީ 2026
ޔުގެންޑާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ވާހަކަ ދޮގު ކޮށްފި

ޔުގެންޑާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ވާހަކަ ދޮގު ކޮށްފި

17 ޖެނުއަރީ 2026
އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

28 އޮކްޓޯބަރު 2025
ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

14 އޮކްޓޯބަރު 2025
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު