ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް
އިދިކޮޅު ކެންޑިޑޭޓް ވިދާޅުވި ގޮތުގައި ކަމާބެހޭ ފަރާތްތަކުން އޭނާ އަށް ފާރަލައި، އޭނާގެ ސަޕޯޓަރުންނަށް އުނދަގޫކޮށް ކަރުނަ ގޭސް ބޭނުންކުރި. ސަލާމަތީ ބިރުވެރިކަން އޮތުމުން އޭނާ ކެމްޕޭން ކުރެއްވީ ވަޒަން ނާރާ ޖެކެޓާއި ހެލްމެޓް އަޅައިގެން ކަމަށް ވިދާޅުވި.

ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވެނީ | ގެޓީ އިމޭޖަސް
ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ހޮނިހިރު ދުވަހު އިއުލާނުކުރި އިރު، 71.65 އިންސައްތަ ވޯޓާއެކު އެގައުމުގެ ރައީސް ޔޮވެރީ މުސެވެނީ ވަނީ ހަތްވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.
ނަމަވެސް، މި އިންތިޚާބަކީ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލުމާއި، އިންތިޚާބީ މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުތަކުން ކިލަނބުވެފައިވާ އިންތިޚާބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މުސެވެނީ އާ ވާދަކުރެއްވި ޒުވާން ކެންޑިޑޭޓް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވައި، ސުލްހަވެރި އިހުތިޖާޖުތަކަށް ގޮވާލައްވާފަ އެވެ.
މިއުޒިކްގެ ދާއިރާ އިން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި، އަދި "ބޮބީ ވައިން" ގެ ނަމުން މަޝްހޫރުވެފައިވާ ކިޔަގުލާނީ ސެންޓަމޫ އަށް ލިބިވަޑައިގަތީ ވޯޓުގެ 24.72 އިންސައްތަ އެވެ.
އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ ބޭއިންސާފުން ކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓް އެކަން ކުށްވެރިކުރައްވައި، އޭނާގެ އިންތިޚާބީ މަންދޫބުންތަކެއް ރަހީނުކުރި ކަމަށް ތުހުމަތު ކުރެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ "އޮޅުވާލާފައިވާ ނަތީޖާ" ތަކެކެވެ. އަދި ހަގީގީ ނަތީޖާ އިއުލާނު ކުރަންދެން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރުމަށް ޔޫގަންޑާގެ ރައްޔިތުންނަށް އޭނާ ގޮވާލެއްވި އެވެ.
ހުކުރު ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުން އޭނާ ގެ ގެއަށް ވަދެގަތް ވަގުތު، ހައްޔަރުވުމުން ސަލާމަތްވުމަށްޓަކައި ފިލަން ޖެހުނު ކަމަށް ބޮބީ ވައިން ވިދާޅުވި އެވެ. އޭނާ ނިސްބަތްވާ ޕާޓީން ކުރިން ބުނިގޮތުގައި ސިފައިންގެ ހެލިކޮޕްޓަރެއް ގައި އޭނާ ވަނީ ގަދަކަމުން ގެންގޮސްފަ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރެ އެވެ.
ފުލުހުންގެ ތަރުޖަމާނު ކިޓޫމާ ރުސޯކޭ ވިދާޅުވި ގޮތުގައި ބޮބީ ވައިން ހުރީ ހައްޔަރުކޮށްފައެއް ނޫނެވެ. އޭނާ އަށް ގެއިން ބޭރަށް ނުކުމެވޭނެ ކަމަށާއި، ނަމަވެސް އެހެން މީހުން އެ ގެއަށް ވަނުން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. އެއީ ހަމަނުޖެހުން އުފެއްދުމަށް އެތަން ބޭނުންކޮށްފާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު އިންތިޚާބުގައި ބޭނުންކުރި ބަޔޯމެޓްރިކް މެޝިންތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން އިލެކްޝަންސް އޮފިޝަލުންނަށް ވަނީ ސުވާލުތައް އަމާޒުވެފަ އެވެ. މިކަމުގެ ސަބަބުން ވެރިރަށް ކަމްޕާލާ ހިމެނޭހެން، އިދިކޮޅު ބާރުގަދަ ސިޓީތަކުގައި ވޯޓުލުން ފެށުން ލަސްވި އެވެ. އިންތިޚާބުގައި މަކަރު ހެދުން ހުއްޓުވުމަށްޓަކައި ޑިމޮކްރަސީ އަށް ވަކާލާތުކުރާ ފަރާތްތަކުން މި މެޝިންތައް ބޭނުން ކުރުމަށް ގޮވާލާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މެޝިންތައް ހަލާކުވުމުން އޮފިޝަލުންނަށް ޖެހުނީ މެނުއަލް ރަޖިސްޓްރީ ބޭނުން ކުރާށެވެ. މި މައްސަލަ އަކީ އިންތިޚާބީ ނަތީޖާ އާ މެދު ޝަރުއީ މަރުހަލާގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވުން އެކަށީގެންވެ އެވެ.
މުސެވެނީ ވިދާޅުވީ މެޝިންތައް ހަލާކުވުމުން ކަރުދާސް ރަޖިސްޓްރީ ބޭނުންކުރަން އޭނާ އެއްބަސްވި ކަމަށެވެ. އެހެން ނަމަވެސް ބޮބީ ވައިން ވަނީ ވަރަށް ގިނަ އަދަދަކަށް ވޯޓު ފޮށިތަކަށް އިތުރު ވޯޓު ކަރުދާސް އެޅި ކަމަށާއި، ވެރިކަން ކުރާ ޕާޓީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް އޭނާ ގެ ޕާޓީގެ އެޖެންޓުން ރަހީނުކުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އުމުރުން 81 އަހަރުގެ މުސެވެނީ ވެރިކަމުގައި ދެމިހުންނެވީ ގާނޫނުތަކަށް ބަދަލު ގެންނަވައިގެންނެވެ. އޭނާ ގެ ވެރިކަމަށް އޮތް އެންމެ ފަހުގެ ގާނޫނީ ހުރަސްތައް ކަމަށްވާ ދައުރުގެ އަދަދާއި އުމުރުގެ ހުރަސްތައް ވަނީ ގާނޫނުއަސާސީން އުނިކޮށްފަ އެވެ. އަދި އޭނާއާ ވާދަކޮށްފާނެ ކަމަށް ބެލެވޭ ބައެއް ފަރާތްތައް ވަނީ ޖަލަށްލާފައި ނުވަތަ އެކަހެރިކޮށްފަ އެވެ. އޭނާ ވެރިކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.
އެގައުމުގެ "އޮބްޒާވަރ" ނޫހުގެ ކޮލަމިސްޓް އަދި އިލްމީ ދާއިރާގެ ބޭފުޅެއް ކަމަށްވާ ޔޫސުފް ސެރުންކޫމާ ވިދާޅުވި ގޮތުގައި، ހުދުމުޚުތާރު ވެރި އެއް ކަމަށްވާ މުސެވެނީއާ ދެކޮޅަށް ބޮބީ ވައިން އަށް ކާމިޔާބުވުމުގެ ފުރުސަތެއް ނެތެވެ. މުސެވެނީ ވަނީ ވަރަށް ކާމިޔާބުކަމާއެކު އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލާފަ އެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ބޮބީ ވައިންގެ ހިތްވަރުގަދަ ގޮންޖެހުމާއެކު ވެސް، މުސެވެނީ އަށް ކުރިމަތިލާން ޖެހުނީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ބަލިކަށި އިދިކޮޅު ހަރަކާތާ އެވެ. އެއީ އިދިކޮޅު ފަރާތްތައް އެއްބައިނުވުމާއި، މުސެވެނީ އަކީ އޭނާ ގެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް އަދި ސަލާމަތީ ބާރުތަކުގެ މައްޗަށް ބާރު ހިނގާ ވެރިޔަކަށް ވުމުންނެވެ.
އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފަ އެވެ. ބޮބީ ވައިން ވިދާޅުވި ގޮތުގައި ކަމާބެހޭ ފަރާތްތަކުން އޭނާ އަށް ފާރަލައި، އޭނާގެ ސަޕޯޓަރުންނަށް އުނދަގޫކޮށް ކަރުނަ ގޭސް ބޭނުންކުރި އެވެ. ސަލާމަތީ ބިރުވެރިކަން އޮތުމުން އޭނާ ކެމްޕޭން ކުރެއްވީ ވަޒަން ނާރާ ޖެކެޓާއި ހެލްމެޓް އަޅައިގެން ކަމަށް ވިދާޅުވެފައިވެ އެވެ.
އިނގިރޭސީންގެ އަތުން މިނިވަންވި ފަހުން، ޔޫގަންޑާގައި ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވުމުގެ މަންޒަރެއް ފެނިފައެއް ނުވެ އެވެ.
އިދިކޮޅު އިސް ބޭފުޅެއް ކަމަށްވާ އަދި ހަތަރު ފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކިއްޒާ ބެސިގްޔޭ އަދިވެސް ހުންނެވީ ޖަލުގަ އެވެ. އޭނާގެ މައްޗަށް ދައުލަތަށް ޣައްދާރުވުމުގެ ދައުވާ އުފުލާފައި ވަނީ 2025 ފެބްރުއަރީގަ އެވެ.






