އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި
ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ފެތުރެމުންދާއިރު، ވެކްސިން ހޯދިފައިނުވާ "ބުންޑިބުގްޔޯ" ސްޓްރެއިންގެ ނުރައްކާ ބޮޑުކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ދީފައި. މި ބަލީގައި މިހާތަނަށް 160 މީހުން މަރުވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އާންމުންގެ އިތުބާރު ހޯދުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުން މުހިންމު ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރޭ. އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލިޖެހޭ ފުރަތަމަ މީހާ ދެނެގަތުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި މިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ވަނީ ގޮވާލާފައި.

އެބޯލާ ވައިރަސް | ގެޓީ އިމޭޖަސް
އެބޯލާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހުކުރު ދުވަހު އިންޒާރު ދެއްވައިފިއެވެ. އޭނާ ވިދާޅުވީ އެބޯލާ ޖެހިފައިވާ އެންމެ މީހެއްގެ ސަބަބުން ވެސް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި ޔުގެންޑާގެ ބޭރަށް މި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށެވެ.
ޑީއާރުސީގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 670 ކޭސްގެ ތެރެއިން 160 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 61 ކޭސްއެއް އެބޯލާ ކަމަށް ކަށަވަރު ކުރެވިފައިވާއިރު، އަވަށްޓެރި ޔުގެންޑާއިން ވެސް މިހާތަނަށް ދެ ކޭސް ވަނީ ފެނިފައެވެ.
ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ މައި މަރުކަޒުގައި ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ޔައުގޫބް ޖަނާބީ ވިދާޅުވީ، މި ބަލީގެ ނުރައްކާ ކުޑަކޮށްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ހާއްސަކޮށް މިހާރު ފެތުރެމުންދާ "ބުންޑިބުގްޔޯ" ސްޓްރެއިންއަކީ އޭގެ ވެކްސިންއެއް އަދި ހޯދިފައިވާ އެއްޗަކަށް ނުވާތީ، މީގެ ނުރައްކާ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށާއި، އެހެންކަމުން އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅުއްވާ ކަމަށެވެ.
ޖަނާބީ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭހެން 23 ގައުމެއްގެ ފަތުރުވެރިން ދަތުރުކުރި ކްރޫޒް ޝިޕްތަކެއްގައި މި މަހު ފެތުރުނު "ހަންޓާވައިރަސް" އަށް ދުނިޔޭގެ ސަމާލުކަން ލިބުނު މިންވަރާ އަޅާބަލާއިރު، ކޮންގޯގައި ފެތުރެމުންދާ އެބޯލާ އަށް ލިބޭ ސަމާލުކަން ކުޑައެވެ.
"ބަލި ޖެހިފައިވާ މީހަކާ ދިމާވާ އެންމެ މީހެއްގެ ސަބަބުން ވެސް އަހަރެމެން އެންމެން ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ. އެހެންކަމުން އަޅުގަނޑުގެ އުންމީދަކީ އަދި ދުއާއަކީ އެބޯލާ އަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދިނުން،" އޭނާ ވިދާޅުވިއެވެ.
އެބޯލާ އަކީ އާންމުކޮށް މީހާ މަރުވާ ފަދަ ނުރައްކާތެރި ވައިރަހެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަށިގަނޑުގައި ރިއްސުމާއި، ހޮޑުލުމުގެ އިތުރުން ބޭރަށް ހިންގުން ހިމެނެއެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެއްސާއި، ބަލިމީހާ ބޭނުންކޮށްފައިވާ ތަކެތި ނުވަތަ ބަލީގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުގައި ބީހުމުގެ ސަބަބުންނެވެ.
މި ބަލި ފެތުރިފައިވާ މިންވަރާއި، މިއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްތޯ ސުވާލުކުރުމުން ޖަނާބީ ވިދާޅުވީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މާހިރުން މިހާރު ދަނީ އެކަންކަން ދިރާސާ ކުރަމުން ކަމަށެވެ.
މީހުން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން އިތުރުވެފައިވުމަކީ ހާލަތު ވަޒަންކުރަން ދަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް އިތުރުކުރުމާއި، ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަލީގައި މަރުވި މީހެއްގެ ހަށިގަނޑާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން، އެބޯލާ އަށް ފަރުވާދޭ ޓެންޓުތަކެއްގައި ހުޅުޖެހި ހާދިސާއަށް އިޝާރާތް ކުރައްވައި ޖަނާބީ ވިދާޅުވީ، އާންމުންގެ އިތުބާރު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ކުރަމުންދަނީ ދެ ފަރާތަކުން ކުރާ ހަނގުރާމައެއް ކަމަށެވެ. އެއީ ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތާއި، ބައްޔާ ގުޅޭގޮތުން އާންމުންގެ މެދުގައި ފެތުރެމުންދާ ދޮގު މައުލޫމާތުތަކާ ދެކޮޅަށް ކުރާ މަސައްކަތެވެ.
މީގެ އިތުރުން، މި ބަލި އެންމެ ފުރަތަމަ ޖެހުނު މީހާ (ޕޭޝަންޓް ޒީރޯ) އަދިވެސް ދެނެގަނެވިފައި ނުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ބަލި ފެތުރިގެން ދިޔަ ގޮތް ދެނެގަނެ، ބަލިޖެހިފައިވާ މީހުން އެކަހެރިކުރުމަށްޓަކައި އެންމެ ފުރަތަމަ ބަލިޖެހުނު މީހާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ.




