ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
3 އޯގަސްޓު 2026 | ހޯމަ 11:49ޑީއާރު ކޮންގޯގައި ފެތުރެމުންދާ "ބަންޑިބުގްޔޯ" އެބޯލާ ވައިރަހަށް ވެކްސިނެއް ނެތްއިރު، ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެ ފަސް ޕްރޮވިންސަކަށް ވަނީ ފެތުރިފައި. ސަލާމަތީ ނުރައްކާތަކާއި މީހުން ހިޖުރަކުރުމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މި ބަލީގައި މަރުވާ ނިސްބަތް ހުރީ 44.1 އިންސައްތައިގައި

އިޓޫރީ ޕްރޮވިންސްގެ ބޫނިއާގައި ހުންނަ ޔަތީމުޚާނާއެއްގައި ފެތުރެމުންދާ އިބޯލާ ވައިރަހުގެ ސަބަބުން މަރުވި ހަތަރުވަނަ ކުއްޖާގެ ހަށިގަނޑު، އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ ޓީމުތަކުން އެމްބިޔޯ ގަބުރުސްތާނަށް ގެންދަނީ | ގެޓީ އިމޭޖަސް
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އެ ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އައުޓްބްރޭކް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޮނިހިރު ދުވަހު ބުނެފި އެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ބަލި ކޮންޓްރޯލް ކުރުމަށް މަސްތަކެއް ވަންދެން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޑީއާރު ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާގެ 17 ވަނަ އައުޓްބްރޭކަކީ، 2018 އިން 2020 އަށް އެ ގައުމުގައި ފެތުރުނު އެބޯލާ ބަލިމަޑުކަމަށްވުރެ ވެސް ބޮޑު އައުޓްބްރޭކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިހާރު ފެތުރެމުންދާ "ބަންޑިބުގްޔޯ" ވައިރަހަކީ މިވަގުތު ފަރުވާއެއް ހޯދިފައިވާ ވައިރަހެއް ނޫން ކަމަށާއި، މީގެ އިތުރުން މި ބައްޔަށް ހުއްދަދެވިފައިވާ ވެކްސިނެއް ވެސް ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރެ އެވެ. މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ އިޓޫރީ ޕްރޮވިންސްގެ މޮންގްބްވާލޫ ހެލްތު ޒޯނުން ކަމަށްވީ ނަމަވެސް، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މި ބަލި ފަސް ޕްރޮވިންސަކަށް ފެތުރި، މިހާރު 49 ހެލްތު ޒޯނަކުން ބަލި ފެނިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ބަލި ފެތުރިފައިވާ ޕްރޮވިންސްތަކަކީ އިޓޫރީ، ނޯތު ކީވޫ، ސައުތު ކީވޫ، ހައުޓް-އުއެލޭ އަދި ޝޯޕޯ އެވެ.
ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މި ބަލިމަޑުކަން ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އަދި ބަލި ފެތުރޭ މިންވަރު ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ދަނީ މެދުނުކެނޑި އިތުރުވަމުންނެވެ. ބަލިމަޑުކަން ދިރާސާކުރާ 30 ވަނަ ހަފުތާގެ ތެރޭގައި އެ ގައުމުން ވަނީ ރެކޯޑު އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން އެ ހަފުތާގައި އެކަނި ވެސް އަލަށް 567 މީހުންނަށް ބަލި ޖެހި، 296 މީހުން މަރުވެފައިވެ އެވެ. މިއީ މި ބަލިމަޑުކަން ފެށުނު ފަހުން ހަފުތާއެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވެ، ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.
ކޮންގޯގެ މިނިސްޓްރީ އޮފް ހެލްތުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,674 އަށް އަރާފަ އެވެ. މިއީ ޖުލައި 30 ވަނަ ދުވަހާ ހަމައަށް ޑަބްލިއުއެޗްއޯއިން ރިޕޯޓުކުރި 3,605 ކޭސްއަށްވުރެ އިތުރު އަދަދެކެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 1,621 އަށް އަރާފައިވާއިރު، 760 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ނުވަތަ އެކަހެރިކޮށްފައި އެބަތިއްބެވެ. އަދި މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 666 މީހުންނެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ނުވަތަ ފެޓަލިޓީ ރޭޓް ހުރީ 44.1 އިންސައްތައިގަ އެވެ.
އެ ސަރަހައްދުގައި އޮތް ބޭނުންނުކުރެވޭ ފަދަ ސަލާމަތީ ނުރައްކާތަކާއި، ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ދޫކޮށް ދިއުމާއި، އާންމުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. މި ގޮންޖެހުންތަކާއެކު ވެސް، ބަލި މޮނިޓަރ ކުރުމުގެ ނިޒާމާއި ލެބޯޓްރީ ޓެސްޓުތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް ކޮންގޯގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ބަލި ޖެހޭ މީހުންނާ ބައްދަލުވާ މީހުން ދެނެގަތުމުގެ މަސައްކަތް (ކޮންޓެކްޓް ޓްރޭސިންގް) ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އަމާޒު ހިފާފައިވާ މިންވަރަށް އެ މަސައްކަތް ނުކުރެވޭ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ. މުޅި ގައުމުގެ ފެންވަރުގައި ކޮންޓެކްޓް ފޮލޯ-އަޕް ރޭޓް މިހާރު ހުރީ 78 އިންސައްތައިގަ އެވެ.
މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންގޯގެ ކަމާބެހޭ ފަރާތްތަކާއި، އދ. ގެ އެޖެންސީތަކާއި، ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ޔުގެންޑާގައި ފެތުރުނު ބަންޑިބުގްޔޯ އެބޯލާ އައުޓްބްރޭކް ނިމުމަކަށް އައިސްފައިވާ ކަމަށް ޖުލައި 28 ވަނަ ދުވަހު އެ ގައުމުން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ޖެހިޖެހިގެން 42 ދުވަސް ވަންދެން އެ ގައުމުގެ ތެރެއިން ބަލި ޖެހުނު މީހަކު ފެނިފައި ނުވާތީ އެވެ. ނަމަވެސް، އަވަށްޓެރި ޑީއާރު ކޮންގޯގައި ބަލި ފެތުރެމުންދާތީ، އެ ގައުމުން ޔުގެންޑާއަށް ބަލި އައުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ދީފަ އެވެ.










