އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
25 އޯގަސްޓު 2026 | އަންގާރަ 18:38އިންޑިއާގެ ދިއްލީ އާއި ކަރްނާޓަކާ ފަދަ ސަރަހައްދުތަކުގައި ސްވައިން ފްލޫ (H1N1) ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކޮށްފި. ވިއްސާރަ މޫސުމާ ގުޅިގެން ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ އާދަތަކަށް ސަމާލުވުމަށް އިންޑިއާގެ ސަރުކާރުން ވަނީ އާންމުންނަށް އިރުޝާދު ދީފައި

އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާމް މަނޯހަރް ލޯހިއާ (އާރް.އެމް.އެލް) ހޮސްޕިޓަލުގައި، އޭ(އެޗް1އެން1) ވައިރަސް ނުވަތަ ސްވައިން ފްލޫއަށް ޓެސްޓުކުރުމަށްޓަކައި ރައްކާތެރިކަމުގެ މާސްކު އަޅައިގެން ތިބި ބަޔަކު ކިއޫއެއްގައި މަޑުކޮށްލައިގެން. މި ފޮޓޯ ނަގާފައިވަނީ 2009 އޮގަސްޓް7 ވަނަ ދުވަހު | ގެޓީ އިމޭޖަސް
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ސިއްހީ އިރުޝާދުތައް ނެރެ، ބަލި ފެތުރޭ މިންވަރު ބެލުމުގެ މަސައްކަތް ވަރުގަދަކޮށްފި އެވެ.
ވެރިރަށް ދިއްލީގައި އެކަނިވެސް މި ބަލި ޖެހުނު މީހުންގެ އަދަދު 2,000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މީހުން ގިނަ ތަންތަނުގައި މާސްކު އެޅުމަށާއި ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ އަސާސީ ފިޔަވަޅުތަކަށް ސަމާލުވުމަށް އެ ސިޓީގެ ސަރުކާރުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އެވްރެޖްކޮށް އަށް ގުނަ އިތުރު އަދަދެކެވެ.
އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާއިން 4,000 އެއްހާ ކޭސް ރިޕޯޓްކޮށްފައިވާއިރު، މީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކޭސް ފެނިފައިވަނީ އައިޓީ ހަބެއްގެ ގޮތުގައި މަޝްހޫރު ބެންގަލޫރުންނެވެ. މީގެ އިތުރުން މުމްބާއީ އާއި ޗެންނާއީ ފަދަ ބޮޑެތި ސިޓީތަކުގެ އިތުރުން އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ ބައެއް ސަރަހައްދުތަކުގައި ވެސް އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކުރީގެ ޗީފް ސައިންޓިސްޓް ޑރ. ސޯމިއާ ސުވާމިނާތަން ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އަމަލުކުރި ފަދައިން ގައިދުރުކަން ބެހެއްޓުމަށާއި ސާފުތާހިރުކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އާންމުންނަށް ގޮވާލައްވާފަ އެވެ.
"ކޮވިޑްގެ ދުވަސްވަރު އަޅުގަނޑުމެން ދަސްކުރި ހުރިހާ ފިލާވަޅުތަކެއް މިއަދު މިވަނީ ހަނދާން ނެތިފައި،" އޭނާ އިންޒާރު ދެއްވި އެވެ. "ފާހަގަކޮށްލަންޖެހޭ ކަމަކީ ކޮވިޑްގެ އެ އަހަރުތަކުގައި މުޅި ދުނިޔޭގައި ވެސް އިންފްލުއެންޒާ ފެތުރޭ މިންވަރު ގާތްގަނޑަކަށް ސުމަކަށް ތިރިވިކަން. އެ ދެތިން އަހަރު އެންމެން މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި، އަތް ދޮވުމަށް ސަމާލުކަން ދިނުމުގެ ނަތީޖާއަކީ އިންފްލުއެންޒާގެ އެއްވެސް އައުޓްބްރޭކެއް ނުފެނުން."
ސްވައިން ފްލޫ އަކީ އިންފްލުއެންޒާ އޭ ވައިރަހުގެ ބާވަތެއް ކަމަށްވާ އެޗް1އެން1 (H1N1) ގެ ސަބަބުން ޖެހޭ ނޭވާލާ ނިޒާމުގެ ބައްޔެކެވެ. މި ވައިރަސް ފުރަތަމަ އުފެދުނީ އޫރުގެ ހަށިގަނޑުން ކަމަށްވާއިރު، އިންސާނުންގެ ތެރެއިން މި ބަލި ފުރަތަމަ ފެނިފައިވަނީ 1918 ވަނަ އަހަރުގެ ނުރައްކާތެރި ސްޕެނިޝް ފްލޫގެ ދުވަސްވަރު އެވެ. މި ވައިރަހުގެ އައު ބާވަތެއް 2009 ވަނަ އަހަރު މެކްސިކޯއިން ފެނި، މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިގެން ދިޔަ އެވެ.
އިންސާނުންގެ މެދުގައި އެޗް1އެން1 ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ބޭރުވާ ތިކިތަކުގެ ޒަރީއާއިންނެވެ. ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން، ބޮލުގައި ރިއްސުން، ހަށިގަނޑުގައި ރިއްސުން، ވަރުބަލިވުން އަދި ކަރުގައި ރިއްސުން ހިމެނެއެވެ. ބައެއް ފަހަރު މިއީ އާދައިގެ މޫސުމީ ރޯގާއެއް ކަމަށް ހީވެ އޮޅުން އަރާ ގޮތްވެ އެވެ.
ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ސިއްހީ އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ. މިފަދަ މީހުންނަށް ނިއުމޯނިއާ ޖެހުމާއި ނޭވާލާން އުނދަގޫވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ދިއްލީގެ ސަރ ގަންގާ ރާމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ މާހިރު ޑރ. ދީރެން ގުޕްތާ ވިދާޅުވި ގޮތުގައި، މިހާރު ފެންނަ ކޭސްތަކުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ސްވައިން ފްލޫގެ ގޮތުގައި އާންމުވެފައިވާ އެޗް1އެން1 އެވެ. 2009 ވަނަ އަހަރު ބަލި ފެތުރުނު އިރާ އަޅާބަލާއިރު، މިހާރު މި ވައިރަހުގެ ސަބަބުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޮޑެތި އުނދަގޫތަކެއް ވަމުންދާ ކަމަށާއި، ދެ އަހަރުން ދަށުގެ ކުދިންނަށް ވަރަށް ބޮޑަށް ހުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (AIIMS) ގެ ކުރީގެ ޑިރެކްޓަރު ޑރ. ރަންދީޕް ގުލޭރިއާ ވިދާޅުވީ، މިހާރު ރިޕޯޓްކުރަމުންދާ އަދަދުތަކަކީ އަސްލު އަދަދަށްވުރެ މަދު އަދަދުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ރޯގާގެ އަލާމާތްތައް ހުންނަ ގިނަ ބަޔަކު ޓެސްޓުކޮށްފިނަމަ، ބަލިޖެހިފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ ބޮޑަށް ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ބަލިމީހުން ފެންނަމުންދޭ،" މިހާރު މެދާންތާ ޕްރައިވެޓް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑރ. ގުލޭރިއާ ވިދާޅުވިއެވެ. "ވައިރަލް ނިއުމޯނިއާ ޖެހިގެން ވެސް ބަލިމީހުން އެޑްމިޓް ކުރަންޖެހޭ. މިއީ އެޗް1އެން1 ގެ ސަބަބުން ޖެހޭ ނިއުމޯނިއާއާ ވަރަށް އެއްގޮތް ކަމެއް."
"ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ. މީގައި ދެތިން ސަބަބެއް އޮވެދާނެ. ވައިރަހަށް 'އެންޓިޖެނިކް ޑްރިފްޓް' އޭ ކިޔާ ބަދަލުތަކެއް އާދޭ. ވަގުތާއެކު ވައިރަހަށް ބަދަލު އަންނަމުންދާއިރު، އެ ބަދަލުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އަވަސްވެދާނެ. ކުރީގެ ބާވަތްތަކަށްވުރެ ބާރަށް ފެތުރުމުގެ ފުރުސަތު އޮވޭ. އަދި ވައިރަހަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުން، އެއާ ދެކޮޅަށް މަސައްކަތް ކުރުމަށް އިންސާނާގެ ހަށިގަނޑުގައި ހުންނަ ދިފާއީ ބާރު ދަށްވެގެންދޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ވައިގެ ތެތްކަން މަތިވުމަކީ ވެސް ވައިރަސް ގިނަ ވަގުތު ތަކެއް ވަންދެން ދިރިހުރުމަށް މަގުފަހިވާ ސަބަބެއް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ނަމަވެސް، އިންޑިއާގެ ސިއްހީ ދިރާސާތަކާ ބެހޭ އެންމެ މަތީ އިދާރާ ކަމަށްވާ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (ICMR) އިން ވަނީ ވައިރަހުގެ އައު ބާވަތެއް ފެނިފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އެޗް1އެން1 ގެ އެއްވެސް އައު ބާވަތެއް ފެނިފައެއް ނުވޭ، އެހެންކަމުން ބިރުގަންނަންޖެހޭ ސަބަބެއް ނެތް،" އެ އިދާރާއިން ބުންޏެވެ. "މިހާރު ފެތުރެމުންދާ އިންފްލުއެންޒާގެ ބާވަތްތަކަކީ ދުނިޔޭގެ އުތުރު ބިތުގެ ގައުމުތަކަށް އިރުޝާދު ދީފައިވާ ވެކްސިންތަކުން ރައްކާތެރިކަން ލިބޭ ބާވަތްތަކެއް."
"މި ހާލަތު ގާތުން ބަލަމުންދާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ސިއްހަތާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން."
އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ސްވައިން ފްލޫގެ އަލާމާތްތައް ހުރެގެން ދައްކާ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ނުވަތަ އޮކްސިޖަން ދީގެން ނިއުމޯނިއާއަށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު މަދު ކަމަށް އެ ތަންތަނުން ބުނެ އެވެ.
އެހެންނަމަވެސް، ކެރެލާގެ އެރްނާކުލަމް ޑިސްޓްރިކްޓްގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އިންފްލުއެންޒާ އާއި، ވައިރަލް ހުމުގެ އިތުރުން "ލެޕްޓޯސްޕައިރޯސިސް" ކިޔާ ބެކްޓީރިއަލް ބައްޔެއް ފެތުރެމުންދާތީ ބަލިމީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކޮޗީ ސިޓީގެ ސަރުކާރުގެ އަދި އަމިއްލަ ބޮޑެތި ހޮސްޕިޓަލްތައް ފުރިފައި އޮންނަތާ މިހާރު ހަފުތާތަކެއް ވެފައިވާ ކަމަށް "ދަ ހިންދޫ" ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ނިމިދިޔަ ހަފުތާގެ ފަހުކޮޅު، އިންޑިއާގެ ފެޑަރަލް ހެލްތު މިނިސްޓަރު ޖޭޕީ ނައްޑާ ވަނީ ދިއްލީގެ ހާލަތު ބައްލަވާލައްވައި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތައްޔާރީތައް މުރާޖާ ކުރައްވާފަ އެވެ. އޭނާ ވަނީ ބަލިން ރައްކާތެރިވުމަށްޓަކައި އަތް ދޮވުމާއި ނޭވާލާ ނިޒާމުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.










