އެކުގައި ކެއުމަކީ ތިޔަ ހީކުރާވަރަށް ވުރެ ފައިދާހުރި ކަމެއް
30 އޯގަސްޓު 2026 | އާދީއްތަ 17:08އެހެން މީހުންނާއެކު ކެއުންބުއިމުގެ އާދަ ގެންގުޅުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ޑިޕްރެޝަނާއި ހަނދާން ނެތޭ ބަލިން ރައްކާތެރިކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައިފި. އިޖުތިމާއީ ގުޅުންތައް ބަދަހިކޮށްދޭ މި އާދައިގެ ސަބަބުން ސިކުނޑީގެ ސިއްހަތު ރަނގަޅުވެ، ދިރިއުޅުމުގެ އުފާވެރިކަން އިތުރުވާކަމަށް "ވޯލްޑް ހެޕިނަސް ރިޕޯޓް" އާއި ތަޖުރިބާކާރުން ފާހަގަކުރޭ

2024 ޖެނުއަރީ 27 ވަނަ ދުވަހު، ބަރޮސް އައިލެންޑް ރިސޯޓުގެ ރުއްތަކުގެ ހިޔަލުގައި ތައްޔާރުކޮށްފައިވާ ބުފޭއަކުން ފަތުރުވެރިން ކެއުމަށް އިންސާފުކުރަނީ. | ގެޓީ އިމޭޖަސް
މިއީ ގަބޫލުކުރަން ދަތި މިންވަރަކަށް އުންމީދީ ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް ކެއުމުގެ އާދަތަކަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ތިބާގެ ހަށިގަނޑާއި ސިކުނޑިއަށް ބޮޑެތި ފައިދާތަކެއް ކޮށްފާނެ އެވެ. މީގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއް ކަމަށްވާ ޑިޕްރެޝަންގެ ނުރައްކާ ކުޑަކޮށްދީ، ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާއިން ރައްކާތެރިކޮށްދެ އެވެ. އަދި ކެއުމުގެ ތެރެއިން ލިބޭ އުފާވެރިކަން އިތުރުކޮށްދީ، އުމުރު ދިގުވުމަށް ވެސް ބާރަކަށް ވެދާނެ އެވެ.
މިއީ މުޅިން އަލަށް ފެންމަތިވެގެން އުޅޭ ޑައިޓެއްގެ ވާހަކައެއް ނޫނެވެ. މިއީ އިންސާނުންގެ ތާރީޚާ ގުޅިފައިވާ އެންމެ ގަދީމީ އެއް އާދަ އެވެ. އެއީ އެހެން މީހުންނާއެކު ބައިވެރިވެގެން ކެއުމެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ އިގްތިސާދީ އަދި ބިހޭވިއަރަލް ސައިންސްގެ ޕްރޮފެސަރު ޖޭން-އެމަނުއެލް ޑި ނީވް ވިދާޅުވާ ގޮތުގައި، އެކުގައި ކެއުން ބުއިމަކީ އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އިތުބާރު އުފެއްދުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ. އަދި މިއީ އަޅުގަނޑުމެންގެ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ކަމެކެވެ.
ހިތާމައަކީ، ޒަމާނީ ދިރިއުޅުމުގެ ތެރެއިން މީހުން އެކަހެރިވުން އިތުރުވެ، އެކުގައި ކެއުމުގެ އާދަ މަދުވަމުން ދިއުމެވެ. ނަމަވެސް، އެހެން މީހުންނާ ގުޅުން ބަދަހިކޮށް، ކެއުމާއި އެކުވެރިކަމާ ދެމެދު އޮންނަ ގަދީމީ ގުޅުމުގެ ފައިދާ ހޯދުމަކީ ހީކުރާ ވަރަށް ވުރެ ފަސޭހަ ކަމަކަށް ވެދާނެ އެވެ.
އެކުގައި ކެއުމާ ގުޅޭގޮތުން ކުރެވިފައިވާ ގިނަ ދިރާސާތައް އަމާޒުކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ. ޗައިނާގެ ޒެޖިއަންގް ޕްރޮވިންޝަލް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޒިންޔީ ވަންގް އާއި އޭނާގެ ޓީމުން، އުމުރުން 60 އަހަރުން މަތީގެ 9،361 އަންހެނުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކެއުމުގެ ވަގުތު ސުފުރާ ދޮށުގައި ތިބޭ މީހުންގެ އަދަދަކީ އެމީހަކު ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެވޭ މުހިންމު ނިޝާނެކެވެ. އާންމު ސިއްހަތާއި، ތަނަވަސްކަމާއި، އެކަނި ދިރިއުޅޭ މީހެއްތޯ ބެލުން ފަދަ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ އެހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ވެސް، މި ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.
މި ދިރާސާއިން އެ ޓީމުން ނިންމީ، އެކުގައި ކެއުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ.
އެހެން ގިނަ ދިރާސާތަކަކުން ވެސް މިކަން ކަށަވަރުކޮށްދެ އެވެ. މިސާލަކަށް، ޓޯކިޔޯގެ ދިރާސާވެރިންނަށް ފެނުނު ގޮތުގައި، އާއިލާއާއެކު ދިރިއުޅުނު ނަމަވެސް އެކަނި ކައިބޮއި އުޅޭ އުމުރުން 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނަށް، އެހެން މީހުންނާއެކު ކައިބޮއި އުޅޭ މީހުންނަށް ވުރެ ޑިޕްރެޝަންގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ފަސް ގުނަ އިތުރެވެ.
މިކަމުގެ އެންމެ ވަރުގަދަ ހެއްކެއް ފެންނަން އޮތީ "ވޯލްޑް ހެޕިނަސް ރިޕޯޓް" އިންނެވެ. މިއީ ގެލަޕް ކުންފުނިން މުޅި ދުނިޔޭގައި ކުރިއަށްގެންދާ ސާވޭއެއްގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު ނެރޭ ރިޕޯޓެކެވެ. 2024 ވަނަ އަހަރު، ޖަޕާނުގެ ކާބޯތަކެތި އުފައްދާ ކުންފުންޏެއް ކަމަށްވާ "އަޖިނޮމޮޓޯ" ގެ އެހީތެރިކަމާއެކު، މީހުންގެ ކެއުމުގެ އާދަތަކާ ގުޅޭ ސުވާލުތަކެއް މި ސާވޭގައި ހިމެނި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު...
(1) ތިބާ ދަންނަ މީހަކާއެކު މެންދުރުގެ ކެއުން ކިތައް ދުވަހު ކެއިން ހެއްޔެވެ؟
(2) ތިބާ ދަންނަ މީހަކާއެކު ރޭގަނޑުގެ ކެއުން ކިތައް ދުވަހު ކެއިން ހެއްޔެވެ؟
ވޯލްޑް ހެޕިނަސް ރިޕޯޓުގައި އެކުގައި ކެއުމުގެ މުހިންމުކަމާ ބެހޭ ބާބެއް ލިޔުއްވި ޑި ނީވް ވިދާޅުވީ، މި ސުވާލުތަކުގެ ނަތީޖާ ފެނުމުން އޭނާ ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ. މި ސާވޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 150,000 މީހުން ބައިވެރިވެފައިވެ އެވެ.
ޑި ނީވްގެ ޓީމަށް ފެނުނު ގޮތުގައި، އެހެން މީހުންނާއެކު ކާ މިންވަރު އިތުރުވި ވަރަކަށް، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މިންގަނޑުތަކުން ލިބޭ މާކްސް ވެސް މަތިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މީހެއްގެ ވަޒީފާގެ ހާލަތާއި އާމްދަނީއަކީ އުފާވެރިކަމަށް މުހިންމު ދެ ކަންތައް ކަމަށްވާއިރު، އެކުގައި ކެއުމަކީ ވެސް ދިރިއުޅުމުގެ ހިތްހަމަޖެހުން ދެނެގަތުމަށް އެހާމެ މުހިންމު ކަމެކެވެ.
އުފާވެރިކަން ގެނެސްދޭ ކެމިކަލްތައް
ޑި ނީވް ފާހަގަކުރެއްވި ގޮތުގައި، އެކުގައި ކެއުމަކީ މީހާގެ އިޖުތިމާއީ ދިރިއުޅުން ހުރި ގޮތް ދައްކުވައިދޭ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެކުގައި ކެއުމުގައި ހާއްސަ ކަމެއްވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސި ބަހުން އެކުވެރިޔާއަށް ކިޔާ "ކޮމްޕޭނިއަން" (companion) މި ބަސް އުފެދިފައިވަނީ ލެޓިން ބަހުގެ "ކަމް" (cum) އަދި "ޕާނިސް" (pānis) އިންނެވެ. މީގެ މާނައަކީ "ޕާނާއެކު" މި އެވެ. ހަމައެހެންމެ، ޗައިނާ ބަހުން މި މާނައިގައި ބޭނުންކުރާ ލަފުޒު ވެސް އުފެދިފައިވަނީ އެއް އުނދުން ބޭނުންކުރާ އަސްކަރީ ޔުނިޓަކަށް ނިސްބަތްކޮށެވެ. އެހެންކަމުން މިއީ ސަގާފީ ގޮތުން ވަރަށް ފުން ގުޅުމެއް އޮތް ކަމެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ބަޔޮލޮޖިކަލް އެންތުރޮޕޮލޮޖިސްޓް ރޮބިން ޑަންބާ އޭނާގެ ފޮތް "ފްރެންޑްސް" ގައި ލިޔުއްވާފައިވާ ގޮތުގައި، ކެއުމުގެ ސަބަބުން ހަށިގަނޑުގައި "އެންޑޯފިން" އުފެދުމަށް ބާރުއަޅަ އެވެ. މިއީ އިންސާނާއަށް އުފާވެރިކަން ގެނެސްދޭ ކެމިކަލެކެވެ. މީގެ ސަބަބުން ކެއުމުގެ ތެރެއިން އުފެދޭ ގުޅުން ވަރުގަދަވެ، އެކަކު އަނެކަކާ އޮންނަ ގާތްކަން އިތުރުވެގެންދެ އެވެ.
2025 ވަނަ އަހަރު ޖަޕާނުގެ ދިރާސާވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، ގަވާއިދުން އެކަނި ކައިބޮއި އުޅޭ މީހުންގެ ސިކުނޑީގެ މުހިންމު ބައިތަކެއްގެ ސައިޒު ކުޑަވެ އެވެ.
ޝައުގުވެރިވާ އަނެއް ކަމަކީ، އެހެން މީހުންނާއެކު ކެއުމުން ކާބޯތަކެތީގެ ރަހަ ވެސް މީރުވާ ކަމަށް އިހުސާސްވުމެވެ. ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ އެރިކާ ބޫތުބީ ކުރި ދިރާސާތަކަކުން ދެއްކި ގޮތުގައި، އެކަނި އިނދެ ޗޮކްލެޓް ކެއުމަށް ވުރެ، އެހެން މީހަކާއެކު އިނދެ ޗޮކްލެޓް ކެއުމުން އޭގެ ރަހަ މާ މީރު ކަމަށް މީހުންނަށް އިހުސާސްވެ އެވެ.
ޑިމެންޝިއާ ރިސްކު ކުޑަވުން
އެކުގައި ކެއުމަކީ ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭ ކަމަކަށް ވެސް ވެދާނެ އެވެ.
2025 ވަނަ އަހަރު ޖަޕާނުގެ ދިރާސާވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، ގަވާއިދުން އެކަނި ކައިބޮއި އުޅޭ މީހުންގެ ސިކުނޑީގެ މުހިންމު ބައިތަކެއް ކަމަށްވާ "މީޑިއަލް ޓެމްޕޯރަލް ލޯބް" އަދި "ހިޕޯކެމްޕަސް" ގެ ސައިޒު ކުޑަވެ އެވެ. މިއީ ވިސްނުމާއި ހަނދާނާ ގުޅުންހުރި ބައިތަކެވެ. މީގެ ތެރެއިން ބައެއް ބަދަލުތަކަކީ ކާބޯތަކެތީގެ ބާވަތްތަކާ ގުޅުންހުރި ކަންކަމަށް ވީނަމަވެސް (އެކަނި ކާ މީހުން އާންމުކޮށް ސިއްހަތަށް ފައިދާހުރި ކާނާ ކެއުން މަދެވެ)، ހުރިހާ ބަދަލެއް އެކަމަށް ބިނާނުވާކަން ފާހަގަކުރެވުނެވެ. މިއިން އެނގެނީ އިޖުތިމާއީ ގުޅުން ކުޑަވުމަކީ ސިކުނޑީގެ ދިގު މުއްދަތުގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމެވެ.

ފިލިޕީންސްގެ ބަޔަކު އެކުގައި ކެއުމެއްގައި ބައިވެރިވަނީ | ގެޓީ އިމޭޖަސް
ދިރާސާވެރިން ލަފާކުރާ ގޮތުގައި، އެކުގައި ކެއުމުން ލިބޭ އުފަލާއި އިޖުތިމާއީ އެހީތެރިކަމުގެ ސަބަބުން ސްޓްރެސް ނުވަތަ ނަފްސާނީ ފިއްތުންތައް ކުޑަކޮށްދެ އެވެ. ސްޓްރެސްއަކީ ސިކުނޑީގެ ސެލްތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ. އަދި ކެއުމުގެ ތެރޭގައި ކުރެވޭ ވާހަކަތަކުގެ ސަބަބުން ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ.
މި ދިރާސާގައި ބައިވެރިވި މީހުންނަކީ އާންމު ހާލަތުގައި ސިކުނޑީގެ މަސައްކަތްތައް ރަނގަޅަށް ހުރި މީހުންނެވެ. ނަމަވެސް ދިރާސާވެރިން އިންޒާރު ދެއްވި ގޮތުގައި، ސިކުނޑީގެ ސައިޒަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ފަހުން ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ވޯލްޑް ހެޕިނަސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކި ގައުމުތަކުގައި ކެއުމުގެ އާދަތައް ހުންނަނީ އެކި ގޮތަށެވެ. އަދި އެކުގައި ކެއުމުގެ ސަގާފަތް ދެމެހެއްޓުމަށް ބައެއް ގައުމުތަކުން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް ގިނަ ފިލާވަޅުތަކެއް ލިބިދާނެ އެވެ.
ޖަޕާނުގައި މީހުން އެކުގައި ކައިބޮއި އުޅެނީ ހަފުތާއަކު އެވްރެޖްކޮށް ހަތަރު ފަހަރަށް ވުރެ މަދުންނެވެ. އިނގިރޭސިވިލާތާއި އެމެރިކާގައި މި އަދަދު ހަތަކުން އަށަކަށް އަރާއިރު، އިޓަލީގައި މިއަދަދު އުޅެނީ ނުވައެއްގަ އެވެ.
އިޓަލީއަކީ އެކުގައި ކެއުމުގެ ސަގާފަތަށް ދުނިޔޭގައި މަޝްހޫރު ގައުމެކެވެ. ޔުނެސްކޯއިން އިޓަލީގެ ކެއުންތަކަށް "އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ގެ ދަރަޖަ ދިންއިރު، އާއިލާއާއި މުޖުތަމައު ގުޅުވައިދިނުމުގައި ކެއުމުގެ ވަގުތުތައް އަދާކުރާ މުހިންމު ދައުރު ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ޒަމާނީ ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގެ ތެރެއިން ވެސް އެކުގައި ކެއުމުގެ ސަގާފަތް ހިމާޔަތްކުރުމުގައި އިޓަލީއަކީ ނަމޫނާ ގައުމެކެވެ. މީގެ 50 އަހަރު ކުރިން އިޓަލީގައި ފެށި "ސްލޯ ފުޑް މޫވްމަންޓް" އަކީ ފާސްޓް ފުޑްގެ އާދައާ ދެކޮޅަށް ފެށި ހަރަކާތެކެވެ. މިއީ ކާބޯތަކެތީގެ ސަގާފަތް ހިމާޔަތްކުރުމުގެ އިތުރުން، އެކުގައި ކެއުމަށް ވަގުތު ހުސްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ.
"އިޓަލީގައި އެކުގައި ކެއުމަކީ ވަކި ފަލްސަފާއެއް. އެއީ އެކުގައި ކައްކައި، ސުފުރާ ތައްޔާރުކުރުމުގައި ބައިވެރިވުން،" ސްލޯ ފުޑް އިޓަލިއާގެ ރައީސާ ބާބަރާ ނަޕީނީ ވިދާޅުވި އެވެ. "މިކަމަށް ކެތްތެރިކަމާއި އަޅާލުން ބޭނުންވޭ."
މިހާރުގެ ދިރިއުޅުމުގެ ގޮތުން އިޓަލީގެ ބައެއް މީހުންނަށް ވެސް އެކަނިވެރިކަން އިހުސާސްކުރަން ޖެހެ އެވެ. ނަމަވެސް އެކަނި ކާން ބޭނުން ނުވާނަމަ، އޭގެ ހައްލު ހީކުރާ ވަރަށް ވުރެ ފަސޭހަވެދާނެ އެވެ.
ތިބާގެ ވަށައިގެން ތިބި މީހުންގެ ތެރޭގައި، ތިބާއާއެކު ކެއުމެއްގައި ބައިވެރިވާން ބޭނުންވާނެ ގިނަ ބަޔަކު ތިބެދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ ބޮޑަށް، އެހެން މީހުން މިފަދަ ދައުވަތުތަކަށް މަރުހަބާ ކިޔަ އެވެ.
އާންމު ގޮތެއްގައި، އެހެން މީހުން އަޅުގަނޑުމެންނާއެކު ވަގުތު ހޭދަކުރަން ބޭނުންވާ މިންވަރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން، އެކަނިވެރިކަން އިހުސާސްކުރާ މީހަކު އެނގޭނަމަ، އެމީހަކަށް ކެއުމަކަށް ދައުވަތު ދިނުމަކީ އެންމެ ރަނގަޅު ހައްލެވެ.
ދައުވަތު ދޭނެ މީހަކު ނޭނގޭ ނަމަ، ޓެކްނޮލޮޖީގެ އެހީ ވެސް ހޯދިދާނެ އެވެ. 2019 ވަނަ އަހަރު އިޓަލީގެ ޕައޮލޯ ބަވާރޯ ވަނީ އެކަނި ކާން ބޭނުންނުވާ މީހުން ގުޅުވައިދިނުމަށް "ޓެބްލޯ" (Tablo) ނަމަކަށް ކިޔާ އެޕެއް އުފައްދާފަ އެވެ. މިހާތަނަށް މި އެޕް 300,000 އަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފައިވެ އެވެ.
މި އެޕް ބޭނުންކުރާ މީހުންގެ އެވްރެޖް އުމުރަކީ 30 އަހަރެވެ. "އެ އުމުރުގައި އާ އެކުވެރިން ހޯދުން އުނދަގޫވޭ. ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ، ގިނަ ރައްޓެހިން ތިބެނީ އާއިލީ ދިރިއުޅުމެއްގައި. އެހެންވެ މީހުންނާ ބައްދަލުކުރަން ބޭނުންވިޔަސް ދާނެ މީހަކު ނޭނގިފައި ތިބެނީ،" ބަވާރޯ ބުންޏެވެ.
ބަވާރޯ ފާހަގަކުރި ގޮތުގައި، މިއީ ޑޭޓިންގ އެޕެއް ނޫނެވެ. މީގެ ބޭނުމަކީ މީހުންގެ އިޖުތިމާއީ ދާއިރާ ފުޅާކޮށްދިނުމެވެ.
މި އެޕާ ގުޅޭގޮތުން ޑި ނީވްއާ ވާހަކަދައްކަމުން، އޭނާ ވަނީ ސްޓެންފޯޑް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓް ޖަމީލް ޒާކީ ކުރިއަށްގެންދިޔަ ތަޖުރިބާއެއްގެ ވާހަކަ ހިއްސާކޮށްފަ އެވެ. އެއީ ލަދުރަކި ދަރިވަރުން ކޮފީ ޝޮޕްތަކުގައި ބައްދަލުކޮށް ވާހަކަދެއްކުމަށް މަގުފަހިކޮށްދިނުމަށް ހިންގި ހަރަކާތެކެވެ. މީގެ ސަބަބުން އެ ކުދިންގެ އިޖުތިމާއީ އިތުބާރު ބޮޑުވެ، ދިގު މުއްދަތުގެ ފައިދާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އެހެން މީހުންނާއެކު ކެއުމަކަށް އިންސާފުކުރުމަކީ ހަމައެކަނި ބަނޑުފުރާލުމެއް ނޫނެވެ. އެއީ ދާއިމީ އެކުވެރިކަމެއް އުފެދި، ތިބާގެ ސިއްހަތާއި އުފާވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.
މަސްދަރު: ބީބީސީ










