ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
10 އޯގަސްޓު 2026 | ހޯމަ 09:12ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާއިރު، ބޭހާ ގުޅޭ ޚިދުމަތްތަކަށް ސަރުކާރުން ނަގާ ފީތައް އެތައް ގުނައަކަށް ބޮޑުކުރުމުން ބޭސްފިހާރަތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި ބަދަލާއެކު ބޭހުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ހުރަސްއެޅި، އާންމު ރައްޔިތުންނަށް އިތުރު ތަކްލީފުތަކެއް ކުރިމަތިވާނެ ކަމުގެ ބިރު ވަނީ ހީވެފައި

ވިލާ ކޮލެޖުގެ ނާސިން އަދި ފާމަސީ ދަރިވަރުންގެ ހުވާކުރުމާއި "ވައިޓް ކޯޓް" ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރު ގީލާ އަލީ ބައިވެރިވެވަޑައިގަންނަވަނީ | ހެލްތު މިނިސްޓްރީ
ސޯޝަލް މީޑިއާ ހުޅުވާލާ ކޮންމެ ވަގުތަކުވެސް ފެނިގެންދަނީ ބޭސްފަރުވާއާ ގުޅުންހުރި އެކި ކަންކަމުގައި ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތަކެވެ. ހާއްސަގޮތެއްގައި ޑޮކްޓަރު ލިޔެދޭ ބޭސް ނުލިބިގެން ރައްޔިތުން މިއަދު އުޅެންޖެހިފައިވާ ހާލަތެވެ. ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު، ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބުން ގައުމީ މައްސަލައަކަށް އެކަން ވެފައިވާ ކަމަށް ރައްޔިޔުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ އެއްބަސްވެފައިވާއިރު، ހެލްތު މިނިސްޓަރު ގީލާ އަލީވެސް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ޔޫރަޕުން ބޭސް ގެނެސް ރައްޔިޔުންނަށް ފަސޭހައިން އަގުހެޔޮކޮށް ލިބޭނެގޮތް ހަމަޖެއްސުމަށް ރައީސުލް ޖުމްހުރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެ ވަޑާއިގެންފައިވާއިރު، މިއަދާހަމަޔަށް ޔޫރަޕުން ގެނަވުނު ބޭހެއް އެނގޭކަށްނެތެވެ. ބޭހުގެ އަގު ހެޔޮކުރެވިފައެއް ނުވެ އެވެ. ބޭސް ނުލިބޭ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ފާމަސީތަކުގެ ބިލަށް ދައްކަމުންދާކަމަށް އެއްކޮޅުން އާސަންދަ ކުންފުނިން ބުނަމުންދާއިރު، އަނެއްކޮޅުން ބޭސް ފިހާރަތައް ހިންގާ ފަރާތްތަކުން ބުނަމުންދަނީ އާސަންދަ ބިލްތަކަށް ފައިސާ ނުލިބި މިލިއަނުން ލިބެންޖެހޭ ފައިސާގެ އަދަދު އަރާފައިވާ ކަމަށާއި، ބޭސްފިހާރަތައް ބަންދުކުރަންޖެހިދާނެ ފަދަ ހާލަތަކަށް އައިސްފައިވާ ކަމަށެވެ.
މިފަދަ ދަތި ހާލަތްތަކެއް މެދުވެރިވެފައިވަނީކޮށް ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ބޭހާބެހޭ ގަވާއިދުގެ ނަމުގައި އައު ގަވާއިދެއް ގެޒެޓް ކޮށްފަ އެވެ. މި ގަވާއިދުގައި ބޭސް ފިހާރަތަކާއި ގުދަންތައް ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި ބޭސް އުފެއްދުމުގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ބޭސް ރަޖިސްޓްރީކުރުން ފަދަކަންތައްތައް ހިމަނާފައިވާއިރު، އެކި ކަންކަމަށް ޚިދުމަތަށް ނަގާ ފީގެގޮތުގައި ބޮޑެތި އަދަދުތަކުން ފީ ނަގާގޮތަށް ގަވާއިދުގައި ހިމަނާފައިވުމުން ބޭސްފިހާރަތަށް ހިންގުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެފަރާތްތަކުން މަޢުލޫމާތު ދީފައިވެ އެވެ.
ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ހެޔޮ އަގެއްގައި ބޭސް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވާއިރު، ބެހާ ގުޅުންހުރި އެކި އެކި ޚިދުމަތްތަކަށް ސަރުކާރުން ނަގަމުންއަންނަ ފީ އެތައް ސަތޭކަ ގުނައަކަށް އިތުރުކުރުމުން ހެޔޮ އަގެއްގައި ބޭސް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓަރއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރުން ދޭ ޚިދުމަތައް ނަގާ ފީގެ އަގުތަކަށް ގެނެސްފައިވާ ބަދަލުތަކަށްބަލާއިރު، ބައެއް ހިދުމަތްތަކުގެ އަގު 700 އިންސައްތަ އަދި 900 އިންސައްތަ އަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ފާމަސީ ރަޖިސްޓްރީކުރުމަށް ނަގާ އަގު 733 އިންސައްތަ އަށް ބޮޑުކޮށްފައިވާއިރު، ފާމަސީގެ ރަޖިސްޓްރީ އައުކުރުމަށް ނަގާ އަގު 567 އިންސައްތަ އަށް ބޮޑު ކޮށްފައިވެއެވެ. ފާމަސިސްޓުންގެ ކާޑުގެ އަގާއި އެ ކާޑު އައު ކުރުމުގެ އަގު 900 އިންސައްތް އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ބޭސް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އަގު ވަނީ 1900 އިންސައްތަ އަށް ބޮޑު ކޮށްފަ އެވެ.

ބޭހާ ބެހޭ ޚިދުމަތުގެ އަގުތަކަށް ގެނެސްފައިވާ ބަދަލު އެނގޭނެ ތާވަލެއް | ރާއްޖެ އެމްވީ
ބޭސްފިހާރަތަކުން ހިނަގާ ފަރާތްތަކުން މަޢުލޫމާތު ދީފައިވާގޮތުން އެކިއެކި ފީތަށް ނަގާ އަގުތަކަށް މި ގެނަވުނު ބަދަލާއެކު ކުރިން ފީތަކަށް ދައްކަމުންދާ އަގު ޖުމަލަކޮށް 1400 އިންސައްތަ އަށް ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން އަހަރަކު އެއްލައްކަ ފަންސާހާސް ފީތަކަށް ހަރަދުކުރާ ތަންތަނުން 2 މިލިއަނަށްވުރެ ބޮޑު ހަރަދެއްމިވަނީ އެކިއެކި ފީތަކަށް ކުރަންޖެހިފަ އެވެ.
ބޭސްފިހާރަތަށް ހިންގާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދީފައިވަނީ މި ގެނަވުނު ބަދަލަކީ ބޭހުގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅާކަށްވުރެ ގަބޫލްކުރެވެނީ ސަރުކާރަށް އިތުރު އާންމްދަނީ ހޯދުމަށް ކޮށްފައިވާ ކަމެއް ގޮތުގަ އެވެ. ބޭސްލިބުމުގައި ރައްޔިތުން އެތަކެއް ތަކްލިފުތަކެއް އުފުލަމުންދާއިރު ސަރުކާރުގެ ފަރާތުން ސްޓޭޓް ފާމާގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައި ބޭސް ފިހާރަތަށް ހުޅުވާފައިވީނަމަވެސް މިހާތަނަށް ބޭހުގެ މައްސަލައައް އެއްވެސް ހައްލެ ލިބިފައިނުވާއިރު، ބޭހުގެ އެކި ހިދުމަތްތަކަށް ނެގުމަށް މި ކަނޑައެޅުނު ފީތަކާއެކު ރައްޔިތުންނަށް އިތުރު ތަކްލީފުތަކެއް ކުރިމަތިވެގެން ދާނެކަމަށް ބެލެވެ އެވެ.









