އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟
8 އޯގަސްޓު 2026 | ހޮނިހިރު 11:26އިނގިލިތަކުން ކަށިގޮއްވުމަކީ ހުޅުތައް ދުޅަވުމުގެ ބަލި ނުވަތަ އާތުރައިޓިސް ޖެހުމަށް މަގުފަހިވާ ކަމެއް ނޫންކަން އެކި ދިރާސާތަކުން ވަނީ ކަށަވަރުވެފައި. ކަށިގޮއްވާއިރު އިވޭ އަޑަކީ ހުޅުތަކުގެ ދިޔާ އެއްޗެއްގެ ތެރޭގައި އުފެދޭ ގޭސް ބޮކިތަކެއް ފަޅައިގެންދާ އަޑު ކަމަށްވާއިރު، މާ ބޮޑަށް ބާރުލައިގެން އެކަން ނުކުރާނަމަ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ. އެހެންކަމުން މިއީ ސިއްހީ ގޮތުން ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި އާދައެއް ނޫން

މީހަކު އިނގިލިތަކުން ކަށިގޮއްވަނީ | ރާއްޖެ އެމްވީ
އިނގިލިތަކުން ކަށި ގޮއްވުމަކީ އާންމުކޮށް މީހުން ކޮށް އުޅޭ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުން ބޮޑުވަމުން އައިއިރު، އިނގިލިން ކަށި ގޮއްވުމަކީ ގޯސް ކަމެއް ކަމަށް ބުނެ މައިންބަފައިންނާއި ބެލެނިވެރިން އެކަމަށް ހުރަސް އެޅި އެވެ. އެއީ އަބަދު އިނގިލިތަކުން ކަށިގޮއްވާނަމަ ހުޅުތައް ދުޅަވުމުގެ ބަލި ނުވަތަ އާތުރައިޓިސް ޖެހޭނެ ކަމަށް ބުނެ އެވެ.
އިނގިރޭސިވިލާތުގެ މީހަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނެފައިވަނީ އޭނާގެ ބެލެނިވެރިން އެ ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދިނުމަށް އަޒުމް ކަނޑައަޅައި، އޭނާ ވަނީ 50 އަހަރު ވަންދެން ކޮންމެ ދުވަހަކު މަދުވެގެން ދެ ފަހަރު އޭނާގެ ވާތުގެ އިނގިލިތަކުން ކަށި ގޮއްވާފަ އެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 36،500 އެއްހާ ފަހަރު އޭނާ ވާތުގެ އިނގިލިތަކުން ކަށި ގޮއްވި އިރު، ކަނާތުގެ އިނގިލިތަކުން ކަށި ނުގޮއްވާ ބެހެއްޓި އެވެ.
އުމުރުން 72 އަހަރުގައި، 1998 ވަނަ އަހަރު، އޭނާ ކުރި މި ދިގު ތަޖުރިބާގެ ނަތީޖާ ބެލުމަށް ދެ އަތުގެ އެކްސް-ރޭ ނެގި އެވެ. އޭނާ އަށް އެނގުނު ކަމަކީ، "ދެ އަތުން ކުރެ އެއްވެސް އަތެއްގައި އާތުރައިޓިސްގެ އަސަރެއް ނެތް ކަމަށާއި، ދެ އަތުގެ މެދުގައި ފާހަގަކުރެވޭ ފަދަ އެއްވެސް ތަފާތެއް ނެތް" ކަމެވެ.
އެހެންނަމަވެސް، މިއީ އެންމެ މީހެއްގެ މައްޗަށް ބިނާކޮށް ކުރެވުނު ތަޖުރިބާއެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި 20 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން އިނގިލިތަކުން ކަށި ގޮއްވަ އެވެ. އެހެންކަމުން، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ހެއްޔެވެ؟ އަދި މިގޮތަށް ކަށި ގޮއްވުމަކީ ހުޅުތަކަށް ދާއިމީ ގެއްލުމެއް ލިބިދާނެ ކަމެއް ހެއްޔެވެ؟
ބޮކިތަކެއް ފަޅައިގެންދާ އަޑު
ބައެއް މީހުންނަށް އިނގިލިން ކަށި ގޮއްވުމަކީ ވިސްނުމެއް ނެތި ގެންގުޅެވޭ އާދައެކެވެ. އަނެއް ބަޔަކަށް އެކަމުން ލިބޭ އިހުސާސް ކަމުދަނީ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވަމުންދާ "ކައިރޯޕްރެކްޓިކް އެޖަސްޓްމަންޓް" ވީޑިއޯތަކަށް ބަލާއިރު، އެއިން އިވޭ އަޑު އަހާލަން ބޭނުންވާ ގިނަ ބަޔަކު އުޅޭކަން އެނގެ އެވެ.
ހުޅުތަކުން ކަށިގޮވުމުގައި ހަގީގަތުގައި ހިނގާ ކަމަކީ ވަރަށް އާދައިގެ ކަމެކެވެ. ހުޅަކީ ދެ ކަށިގަނޑު ބައްދަލުވާ ތަނެވެ. އަދި އިންސާނުންގެ އިނގިލިތަކާއި، ކަރާއި، ބުރަކަށީގެ ހުޅުތަކުގެ ވަށައިގެން "ސައިނޯވިއަލް ފްލުއިޑް" ކިޔާ، ބިހުގެ ހުދުބައި ފަދަ ދިޔާ އެއްޗެއް ހުރެ އެވެ. މިއީ ހުޅުތައް އޮމާންކަމާއެކު ހަރަކާތްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހުޅުތަކުން ކަށިގޮއްވުމަށް އިނގިލިތައް އަނބުރާ، ދަމާ ނުވަތަ ލަންބާލުމުން، ހުޅުގެ ތެރޭގައިވާ ހުސްޖާގަ ވަގުތީގޮތުން ފުޅާވެ އެވެ. މީގެ ސަބަބުން އެތަނުގައި ހުންނަ ސައިނޯވިއަލް ފްލުއިޑްގެ ޕްރެޝަރު ދަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން އެ ދިޔާ އެއްޗެހީގެ ތެރޭގައި ގިރިފައި ހުންނަ ގޭސްތައް ބޮކިތަކެއްގެ ގޮތުގައި ބޭރަށް ނުކުންނަން ފަށަ އެވެ.
ކަށިގޮއްވާއިރު އިވޭ އަޑަކީ، ހަގީގަތުގައި އުފެދުނު ބޮކިތައް ފަޅައިގެންދާ އަޑެވެ. މި އަޑު ހީނުކުރާހާ ބާރުވެދާނެ އެވެ. އެގޮތުން 83 ޑެސިބެލްއަށްވުރެ ބާރަށް މި އަޑު އިވިދާނެ އެވެ. މިއީ ގަޑިއަކު 40 މޭލު (64 ކިލޯމީޓަރު) ބާރުމިނުގައި ދުއްވާފައިދާ ޑީސަލް ލޮރީއަކުން އިވޭ އަޑާ އެއްވަރުގެ ބާރު އަޑެކެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން އަލްޓްރާސައުންޑް ބޭނުންކޮށްގެން ހުޅަކުން ކަށިގޮވާ މަންޒަރު ބެލިއިރު، އެ އަޑު އިވޭ ވަގުތު ސްކްރީނުން ފެންނަނީ ބަޑިބޭހުގެ ހަވާ ގޮވާ ފަދަ މަންޒަރެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރި އެވެ.
ގެއްލުމެއް ނެތް އާދައެއް
ޔޫކޭގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރގެ ހުޅުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ކިމީ ހައިރިކް ވިދާޅުވާ ގޮތުގައި، ހުޅުތަކުން އަޑުކިޔުމަކީ "ހަށިގަނޑުގައި ހިނގާ އާދައިގެ ފިޒިއޮލޮޖިކަލް ކަމެއް" ކަމަށެވެ.
ނަމަވެސް، އާދައިގެ ކަމަކަށް ވީތީ އެއީ އެއްވެސް ގެއްލުމެއް ނެތް ކަމެއް ހެއްޔެވެ؟
އެމެރިކާގެ މިޝިގަންގައި އަމިއްލަ ކްލިނިކެއް ހިންގަވާ ނިއުރޯސާޖަން ޖޭ ޖަގަންނާތަން ވިދާޅުވާ ގޮތުގައި، ހުޅުތަކުގައި ރިއްސުން ނުވަތަ ދުޅަވުން ފަދަ ނުރައްކާތެރި ނިޝާންތަކަށް ސަމާލުވާންޖެހެ އެވެ. އޭނާ ވަނީ މާ ބާރަށް ކަރުން ކަށިގޮއްވުމުގެ ސަބަބުން މަސްތަކަށް ލޮޅުން އެރުން ފަދަ މައްސަލަތައް ދިމާވެފައިވާ ބަލިމީހުން ބައްލަވާފަ އެވެ. އެހެންކަމުން ބާރަށް ކަށިގޮއްވުމަކީ ލަފާދޭ ކަމެއް ނޫނެވެ.
...ޑޮކްޓަރުން އިނގިލިން ކަށިގޮއްވާ މީހުން ޖިސްމާނީ ގޮތުން ބަލައި ދިރާސާކުރިއިރު، އެމީހުންގެ ކިބައިން އެއްވެސް ކަހަލަ ދުޅަވުމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ފެންނާކަށް ނެތެވެ.ނިއުރޯސާޖަން ޖޭ ޖަގަންނާތަން
އެހެންނަމަވެސް، އާންމު ގޮތެއްގައި ހުޅުތަކުން ކަށިގޮއްވުމަކީ ގެއްލުމެއް ހުރި ކަމެއް ނޫން ކަމަށް ޖަގަންނާތަން ވިދާޅުވެ އެވެ.
ބައެއް މީހުން ކަންބޮޑުވަނީ ބާރަށް އިނގިލިން ކަށިގޮއްވުމުގެ ސަބަބުން އިނގިލި ހުޅުން ނެއްޓުން ނުވަތަ "ޓެންޑަން" އަށް އަނިޔާވެދާނެތީ އެވެ. ޚާއްސަކޮށް މާ ބޮޑަށް ބާރުލައި ނުވަތަ ކުއްލިއަކަށް އިނގިލި ދަމައިގަތުމުން ހުޅުން ވަކިވެދާނެ ކަމުގެ ބިރު އޮވެ އެވެ. އަދި ހަގީގަތުގައިވެސް މިފަދަ ބައެއް ހާދިސާތައް ހިނގާފައިވެ އެވެ. މިސާލަކަށް، 1999 ވަނަ އަހަރު ފިލަޑެލްފިއާގެ އަތުގެ އޮޕަރޭޝަންތަކާ ބެހޭ ޑޮކްޓަރަކު ވަނީ، އިނގިލިން ކަށިގޮވާ އަޑު އަހާލުމުގެ ބޭނުމުގައި މާ ބާރަށް އެކަން ކުރަން އުޅުމުގެ ތެރޭގައި ދެ މީހެއްގެ އިނގިލީގެ މަސްގަނޑަށް ލޮޅުން އަރައިގެން ފަރުވާ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މާ ބޮޑަށް ބާރު ނުލައި ކަށި ގޮއްވާ ނަމަ، މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ.
އާދަވެގެން ހުޅުތަކުން ކަށި ގޮއްވާ މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ "އޮސްޓިއޯއާތުރައިޓިސް" ޖެހިދާނެތީ އެވެ. މިއީ ހުޅުތަކުގެ ކަށިތައް ހިމާޔަތްކޮށްދޭ މަޑުކަށި ނުވަތަ "ކާޓިލޭޖް" ހަލާކުވުމުން ދިމާވާ، އެންމެ އާންމު ހުޅުގެ ބައްޔެވެ. ޑޮކްޓަރު ހައިރިކް ވިދާޅުވާ ގޮތުގައި، އޭނާގެ ކްލިނިކަށް އަންނަ މީހުންނާއި، ބައްދަލުވާ މީހުންވެސް އެންމެ ގިނައިން ކުރާ ސުވާލަކީ މިއެވެ. "މީގެ އަސާސީ ޖަވާބަކީ، އެކަމުގެ ސަބަބުން އެ ބަލި ނުޖެހޭނެ ކަމެވެ،" އޭނާ ވިދާޅުވި އެވެ.
މި ގޮތަށް ޒަމާނުއްސުރެ ދައްކާ ހުޅުތަކަށް ބަލިޖެހޭ ވާހަކައަކީ ދޮގެއްކަން ބައެއް ދިރާސާތަކުން ވަނީ ސާބިތުކޮށްދީފަ އެވެ. 1975 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގެ 28 މީހަކު ދިރާސާކުރިއިރު، އާދަވެގެން އިނގިލިން ކަށި ގޮއްވާ މީހުންނާއި އެކަން ނުކުރާ މީހުންގެ މެދުގައި ހުޅުތައް ހަލާކުވުމުގެ ނިސްބަތް ހުރީ އެއްވަރަކަށެވެ.
މާ ފަހުގެ ދިރާސާއެއްގައި، އޮސްޓިއޯއާތުރައިޓިސް ޖެހިފައިވާ 215 މީހުންގެ ތާރީޚު ބަލައި، އެ ބަލި ނެތް މީހުންނާ އަޅާކިޔާފައިވެ އެވެ. އެ ދިރާސާއިންވެސް ނެރުނީ ހަމަ އެއް ނަތީޖާއެކެވެ. އެއީ މީހަކު އޭނާގެ އުމުރުގައި އިނގިލިން ކަށި ގޮއްވާ މިންވަރާއި މުއްދަތުގެ ސަބަބުން އޮސްޓިއޯއާތުރައިޓިސް ޖެހުމުގެ ނުރައްކަލެއް ނެތް ކަމެވެ.
އަތުގެ ބާރު
އިނގިލިން ކަށި ގޮއްވުމާ ގުޅޭގޮތުން ދެކެވޭ އަނެއް ވާހަކައަކީ، އޭގެ ސަބަބުން އަތުން އެއްޗެހީގައި ހިފަހައްޓާ ބާރު ނުވަތަ "ގްރިޕް ސްޓްރެންތް" ދަށްވާ ކަމަށް ބުނާ ވާހަކަ އެވެ. މިއީ ހިތުގެ ބަލިތަކާއި، ސިކުނޑީގެ ބަލިތަކާއި، ނަފްސާނީ ބަލިތަކުގެ އިތުރުން ބައެއް ބާވަތުގެ ކެންސަރާވެސް ގުޅުންހުރި، ސިއްހަތު ދެނެގަތުމަށް ބޭނުންކުރާ މުހިންމު މިންގަނޑެކެވެ.
18 އަހަރާއި 60 އަހަރާ ދެމެދުގެ މުއްދަތަކަށް އިނގިލިން ކަށިގޮއްވަމުން އައި 74 މީހަކު ބޭނުންކޮށްގެން 1990 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އެކަން ނުކުރާ މީހުންނާ އަޅާކިޔާއިރު އެމީހުންގެ އަތުގެ ބާރު ދަށެވެ. ނަމަވެސް، 2017 ވަނަ އަހަރު ކުރި ވަކި ދިރާސާއަކުން ވަނީ މި ހޯދުންތައް ދޮގުކޮށްފަ އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި އިނގިލިން ކަށިގޮއްވުމާ އަތުގެ ބާރު ދަށްވުމާ އެއްވެސް ގުޅުމެއް ނެތެވެ.
މީގެ އިތުރުންވެސް، ގިނައިން އިނގިލިން ކަށި ގޮއްވުމުން އިނގިލީގެ ބުޑުތައް ބޮޑުވުން ނުވަތަ "ޓެންޑަން" ތައް ދޫވުން ފަދަ އެކި ކަހަލަ ފްލޯކް ވާހަކަތައް ދެކެވެ އެވެ. ނަމަވެސް ހައިރިކް ވިދާޅުވާ ގޮތުގައި މިއީ ހުސް ދޮގު ވާހަކަތަކެވެ. ކުރިން ބަޔާންކުރި އަލްޓްރާސައުންޑް ދިރާސާއިންވެސް މިކަން ސާބިތުވެ އެވެ. ޑޮކްޓަރުން އިނގިލިން ކަށި ގޮއްވާ މީހުން ޖިސްމާނީ ގޮތުން ބަލައި ދިރާސާކުރި އިރު، އެމީހުންގެ ކިބައިން އެއްވެސް ކަހަލަ ދުޅަވުމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ފެންނާކަށް ނެތެވެ.
ބައެއް މީހުންނަށް އިނގިލިން ކަށި ގޮއްވުމުން ހިތްހަމަޖެހުން ލިބި، ހުޅުތައް ހަރަކާތްކުރަން ފަސޭހަވާ ކަމުގެ އިހުސާސް ކުރެވެ އެވެ. އެއީ އެކަމުގެ ސަބަބުން ހުޅުތައް ދެމި، އޭގެ ހަރަކާތްތެރިކަން އިތުރުވާތީ އެވެ. އެއް ނަޒަރިއްޔާއެއް ބުނާ ގޮތުގައި، ހުޅުން ކަށި ގޮއްވުމުން ހުޅުގެ ވަށައިގެންވާ ނާރުތަކަށް ބާރުލިބި، ވަށައިގެންވާ މަސްތައް ލުއިކޮށްދީ، ތަދު ކުޑަކޮށްދޭ "އެންޑޯފިންސް" ހަށިގަނޑުން ބޭރުކޮށްދެ އެވެ. ނަމަވެސް މިއީ އަދި ސާބިތުވެފައިވާ ކަމެއް ނޫނެވެ.
އިނގިލިން ކަށި ގޮއްވުމަކީ އާންމު ގޮތެއްގައި ގެއްލުމެއް ހުރި ކަމަކަށް ނުވާތީ، އެކަން ހުއްޓާލުމަށް އެޅޭނެ މާ ބޮޑު ބާރެއް ނެތެވެ. އެހެންނަމަވެސް، އެކަން ހުއްޓާލަން ބޭނުންނަމަ، ޖަގަންނާތަން ލަފާދެއްވަނީ "ކޮގްނިޓިވް ތެރަޕީ" ފަދަ އުކުޅުތައް ބޭނުންކޮށްގެން އަމިއްލަ ނަފްސު ހޭނުވުމަށެވެ. މީގެ ބޭނުމަކީ ތިމާއަށް އެކަން ކުރެވެނީ ކީއްވެގެންކަން ދެނެގަނެ، އެކަމުން ދުރުވުމަށް އެހެން ކަމެއްގައި މަޝްއޫލުވުމެވެ. މިސާލަކަށް، އިނގިލިން ކަށި ގޮއްވަނީ ސްޓްރެސްވުމުންތޯ، ފޫހިވުމުންތޯ ނުވަތަ ވިސްނުމެއް ނެތިތޯ ބަލައި، އެފަދަ ވަގުތުތަކުގައި "ސްޓްރެސް ބޯޅަ" ނުވަތަ "ފިޖެޓް ޓޯއި" ފަދަ އެއްޗެއް ބޭނުންކޮށްގެން އަތް ބިޒީކޮށްލެވިދާނެ އެވެ.
ޖުމްލަ ގޮތެއްގައި ހައިރިކް ވިދާޅުވަނީ، އިނގިލިން ކަށި ގޮއްވުމަކީ ހުޅުތަކަށް ގެއްލުން ހުރި ކަމެއް ނޫން ކަމަށެވެ.
މަސްދަރު: ބީބީސީ










