އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
8 ސެޕްޓެމްބަރު 2026 | އަންގާރަ 06:27އައިސީޖޭގެ އިސްތިޝާރީ ލަފަޔާ އެއްގޮތަށް، ފަލަސްތީނުގެ ބިންތަކުގައި ޣައިރުޤާނޫނީ ގޮތުން ހަދާފައިވާ ރަށްތަކުގެ ވިޔަފާރިތަކަށް އިންވެސްޓްކުރުން މަނާކުރަން އިނގިރޭސިވިލާތުން ދަނީ ތައްޔާރުވަމުން. މި ނިންމުމާ ގުޅިގެން އިސްރާއީލާއި އެމެރިކާގެ ފިއްތުންތައް ކުރިމަތިވެ، ފޯކްލެންޑް ޖަޒީރާގެ މިލްކުވެރިކަމުގެ މައްސަލައިގައި އިނގިރޭސިވިލާތަށް ދޭ ތާއީދު އަލުން މުރާޖާކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޣައިރުޤާނޫނީ ގޮތުން ހަދާފައިވާ ރަށްތަކުގައި ދިރިއުޅޭ ވަޒަންވެރިންނާއެކު، އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ކުރުން މަނާކުރަން ނިންމުމަށް އިނގިރޭސިވިލާތުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ އެވެ. މި ގޮތަށް އަމަލުކުރަން ނިންމެވުމަށް ގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް ނިންމަވާފައިވާ ކަމަށް މީޑިއާއިން ރިޕޯޓުކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ ސަރުކާރުގެ މައި އިދާރާ، ވައިޓްހޯލުން ވަނީ މި ކަން ކަށަވަރު ކޮށްދީފަ އެވެ.
ވައިޓްހޯލްގެ މަސްދަރުތަކުން ބުނީ، މި ނިންމުމަކީ 2024 ވަނަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން (އައިސީޖޭ) ނެރުނު އިސްތިޝާރީ ލަފަޔާ އެއްގޮތަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އައިސީޖޭގެ ނިންމުމުގައި ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން ތިބުމަކީ ޣައިރުޤާނޫނީ ޖަރީމާއެއް ކަމަށެވެ. އަދި، އިނގިރޭސިވިލާތް ހިމެނޭހެން ހުރިހާ ދައުލަތްތަކުން ވެސް މި ކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ނިންމުމުގައި ވަނީ ލާޒިމުކޮށްފަ އެވެ. އެހެންކަމުން، އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިން ހިންގާ ވިޔަފާރިތަކަށް އެއްވެސް އިންވެސްޓްމަންޓެއް ކުރުން އިނގިރޭސިވިލާތުން މަނާކުރާނެ ކަމަށް ބެލެވެ އެވެ.
އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ބިންތަކާ ބެހޭ އދ. ގެ ޚާއްޞަ ރެޕޯޓާ ފްރެންޗެސްކާ އަލްބެނޭޒޭ ވިދާޅުވީ، އެ ބިންތަކުގައި އޮތް ޙާލަތަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި އެއްވެސް ދައުލަތަކުން ބަލައިގެން ނުވާނެ ކަމުގަ އެވެ. އަދި، އެ ޙާލަތު ދެމެހެއްޓުމަށް އެއްވެސް އެހީތެރިކަމެއް ނުދިނުމަކީ ހުރިހާ ދައުލަތްތަކަކަށް ލާޒިމުވެގެންވާ ކަމެއް ކަމަށް އަލްބެނޭޒޭ ވިދާޅުވި އެވެ. މީގެ އިތުރުން، އިސްރާއީލުގެ ޣައިރުގާނޫނީ ވަޒަންވެރިންނާާއެކު ވިޔަފާރި ކުރުން މަނާކުރުމަކީ، 2024 ވަނަ އަހަރު އައިސީޖޭއިން ނެރުނު ލަފާ ތަންފީޒުކުރުމަށް ޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ގެންނަންޖެހޭ ޙަޤީޤީ ބަދަލެއްގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޭބަރ މުސްލިމް ނެޓްވޯކްއާއި (އެލްއެމްއެން) އިންޓަނޭޝަނަލް ސެންޓަރ އޮފް ޖަސްޓިސް ފޯ ޕަލަސްޓީނިއަންސްއިން (އައިސީޖޭޕީ) ވެސް މިދިޔަ ހަފުތާގައި ވަނީ މި ކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފަ އެވެ. މި ރިޕޯޓުގައި ބުނެފައި ވަނީ، އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ވިޔަފާރިތަކުން އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާއެކު އިޤްތިޞާދީ އަދި މާލީ މުޢާމަލާތްތައް ކުރުން މުޅިން މަނާކުރަން ޖެހޭ ކަމުގަ އެވެ. އަދި، ވަޒަންވެރިން ދިރިއުޅޭ ސަރަހައްދުތަކާ ގުޅޭ ޤާނޫނީ އުސޫލުތައް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގައި ސާފުކޮށް ކަނޑައަޅާފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އިނގިރޭސިވިލާތަކީ މި މުޢާހަދާތަކުގެ ބައިވެރިއަކަށް ވާތީ، ޖެނީވާ ކޮންވެންޝަންގެ ފުރަތަމަ މާއްދާގެ ދަށުން ކޮންމެ ފަދަ ޙާލަތެއްގައި ވެސް އެ ޤާނޫނުތައް ނެގެހެއްޓުން އެ ޤައުމަށް ލާޒިމުވާނެ ކަމުގައި މާހިރުން ބުނެ އެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތާމެދު އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް ވާހަކަފުޅު ދައްކަވަނީ | އެކްސް/ދި ކްރޭޑްލް
އިނގިރޭސިވިލާތުން މި ފިޔަވަޅުތައް އަޅަން މި ތައްޔާރުވަނީ، ޤުދުސްގެ އިރުމަތީގައި އިސްރާއީލުން އަލަށް ފަށާފައިވާ 'އީ1' މަޝްރޫޢުގެ ސަބަބުން ހުޅަނގު އައްސޭރި ދެބައިވާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގަ އެވެ. މި ކަމާ ގުޅިގެން އިސްރާއީލު ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި ބަދަލުހިފާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތަށް ދީފަ އެވެ. މި ގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރް ބުނީ، އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ، އިސްރާއީލުން ވެސް އިނގިރޭސިވިލާތާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގަ އެވެ.
އެމެރިކާއިން ވެސް އިނގިރޭސިވިލާތަށް ފިއްތުންތައް ކުރިމަތިކުރަނީ
މި މައްސަލައިގެ ތެރެއަށް ފޯކްލެންޑް ޖަޒީރާތަކުގެ މައްސަލަ ވައްދައި، އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާއިން ވެސް ވަނީ އިނގިރޭސިވިލާތަށް ފިއްތުންތައް ކުރިމަތިކުރަން ފަށާފަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅު ޔާއިރު ނަތަންޔާހޫ މިދިޔަ ހަފުތާގައި ބުނީ، ފޯކްލެންޑް ޖަޒީރާތަކަކީ އިނގިރޭސިވިލާތުގެ ތަނެއް ނޫން ކަމުގަ އެވެ. އަދި، އެއީ އާޖެންޓީނާގެ ތަނެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޔާއިރުއަކީ ސަރުކާރުގެ ވަޒީރަކަށް ނުވި ނަމަވެސް، އޭނާގެ މި ވާހަކަތަކަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މައްސަލައިގެ ތެރެއަށް ވަދެވަޑައިގަންނަވައި، އިނގިރޭސިވިލާތާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. މި ގޮތުން، އެ ޖަޒީރާތަކުގެ މިލްކުވެރިކަމާ މެދު އިނގިރޭސިވިލާތަށް އެމެރިކާ އިން ދޭ ތާއީދު އަލުން މުރާޖާކޮށްފާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އާޖެންޓީނާއިން ފޯކްލެންޑް ޖަޒީރާތަކަށް އަރައިގަތް ނަމަވެސް، އިނގިރޭސިވިލާތަށް އެހީތެރިނުވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވާން އިނގިރޭސިވިލާތުން ދެކޮޅު ހަދައި، އެމެރިކާއަށް އެހީތެރިވުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ. މިއާއެކު، އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި ވެސް ވަނީ، އިނގިރޭސިވިލާތުން އާޖެންޓީނާގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި، ކޮންމެ ބަޔަކު ހިތްހަމަނުޖެހުނަސް އެ ޤައުމުގެ މަޞްލަޙަތު ދިފާޢުކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް މިލެއި ވިދާޅުވި އެވެ.
ހުކުރު ދުވަހު ޤައުމާ މުޚާޠަބު ކުރައްވަމުން މިލެއި ވަނީ، ފޯކްލެންޑް ޖަޒީރާތަކުގެ ކައިރީގައި ތެޔޮ ނެގުމުގެ މަސައްކަތްކުރާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި، މިހާރުގެ ޙާލަތު އޮތީ އާޖެންޓީނާ ކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފޯކްލެންޑް ޖަޒީރާގެ މައްސަލައަކީ އިނގިރޭސިވިލާތަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ބޭނުންކުރާނެ އުކުޅެއް ކަން އެޕްރީލު މަހު ލީކުވި ޕެންޓަގަންގެ ލިޔުމަކުން ވެސް ވަނީ ހާމަވެފަ އެވެ. އޭގައި ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް ފޯކްލެންޑް ޖަޒީރާގެ މައްސަލަ ބޭނުންކުރުމަށް ވޮޝިންގޓަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މި ހުރިހާ ފިއްތުންތަކާއެކު ވެސް، އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ދަނީ އަންގާރަ ދުވަހު އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތައް އިޢުލާންކުރުމަށް ތައްޔާރުވަމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މިދިޔަ ހަފުތާގެ ފަހުކޮޅު މިލިބެންޑް ނެރުއްވި ވީޑިއޯއެއްގައި ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާއަށް ދަތުރު ކުރައްވާފައިވާ އޮފިޝަލުންތަކަކާ ބައްދަލުކުރައްވައި، ޣައްޒާގެ ރައްޔިތުން ދިރިއުޅެން ޖެހިފައިވާ ހާލަތާ މެދު ދާދިފަހުން މައުލޫމާތު ސާފުކުރައްވާފައިވާނެ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ބިރުވެރި ހާލަތެއްގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ފަދައިން، އިނގިރޭސި ސަރުކާރުން މިހާރަށް ވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް މިލިބެންޑް ވިދާޅުވި އެވެ. މި މައްސަލައިގައި އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރު "މޮޔަވެއްޖެ" ކަމަށް ވިދާޅުވެ، ފުރައްސާރަ ކުރައްވާފަ އެވެ. އަދި، އިނގިރޭސިވިލާތުގެ ސަރުކާރުން ޔަހޫދީންނަށް ކުރާ ނަފުރަތުގައި އެއްވެސް އިންތިހާއެއް ނެތް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ.
މަސްދަރު: މިޑްލްއީސްޓް އައި










